މާލޭ ސިޓީ ކައުންސިލުން އާންމުންނަށް ދޭންޖެހޭ ބައެއް ޚިދްމަތްތައް ފޯރުކޮށްދެމުން ނުދާތީ އެ ކައުންސިލާ ހަވާލުކޮށްފައިވާ ބައެއް މަސައްކަތްތައް ކައުންސިލުން ނަގައި އެ މަސައްކަތްތައް ސަރުކާރުގެ ކަމާބެހޭ މިނިސްޓްރީތަކުން ކުރަން ރައީސުލް ޖުމްހޫރިއްޔާ މިއަދު ނިންމަވައިފި އެވެ.

ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އެގޮތަށް ނިންމެވީ ވަޒީރުންގެ މަޖިލީހުން އެ މަނިކުފާނަށް މިއަދު އެގޮތަށް ލަފާ އެރުއްވުމާ ގުޅިގެނެވެ.

ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުން ނަގައި ސަރުކާރުގެ ބެލުމުގެ ދަށަށް ގެންދަން ނިންމީ ކޮން ހިދުމަތްތަކެއް ކަމެއް ރައީސް އޮފީހަކުން އަދި ނުބުނެ އެވެ.

ރައީސް އޮފީހުން ބުނީ ރާއްޖޭގެ ޤާނޫނީ އޮނިގަނޑު މިހާރު ހަމަޖެހިފައި އޮތް ގޮތުން، ދައުލަތުން ރައްޔިތުންނަށް ދެމުންދާ ވަރަށް ގިނަ ޚިދްމަތްތަކަކީ، ރާއްޖޭގެ އިދާރީ ދާއިރާތައް، ލާމަރުކަޒީ އުސޫލުން ހިންގުމާބެހޭ ގާނޫނުގެ ދަށުން ކައުންސިލްތަކާ ޙަވާލުކޮށްފައިވާ ޚިދްމަތްތަކެއް ކަމަށް ވިޔަސް މި ބަދަލު ރައީސް ގެންނެވީ އާންމުންނަށް ދޭ ހިދުމަތްތައް، ބައެއް ކައުންސިލްތަކުން ރައްޔިތުންނަށް ފޯރުކޮށްދެމުން ނުދާ ކަމަށް މިކަމާ ބެހޭގޮތުން ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރުން ރައީސަށް މަޝްވަރާ އެރުވުމާ ގުޅިގެން އެކަންކަން ކައުންސިލްތަކުގެ ޒިންމާއިން ވަކިކޮށްގެން ނަމަވެސް، ޚިދްމަތްތައް ރައްޔިތުންނަށް ދިނުން ޔަޤީން ކުރަން ސަރުކާރުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަން ކަމަށެވެ.

ދައުލަތުން ރައްޔިތުންނަށް ދޭންޖެހޭ ޚިދްމަތްތައް ފޯރުކޮށްދިނުމުގެ ޒިންމާއަކީ، ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް އޮތް ޒިންމާއަކަށްވާތީ އާއި ކުރިޔަށް އޮތް ރޯދަ މަހާއި ކުރިއަށް އޮތް ދުވަސްތަކުގައި ރައްޔިތުންނަށް މިހާރަށްވުރެ ފަސޭހަ ގޮތްތަކެއް ހޯދައި ދިނުމަށް ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ޤާނޫނުގައިވާ ގޮތުގެ މަތިން، ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދްމަތްތައް، ކޮންމެ ކައުންސިލަކުން ވެސް ފޯރުކޮށްދިނުމަކީ، ސިޔާސީ ފިކުރާއި ޚިޔާލުގެ ބޭރުން ކޮންމެ ކައުންސިލަކުން ވެސް ކުރަންޖެހޭ ކަމެއްކަން ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން މަޝްވަރާ ކުރެއްވި އެވެ.

ސަރުކާރުގެ މި ނިންމުމާ ގުޅިގެން މާލޭ ސިޓީ ކައުންސިލުން އަދި އެއްޗެއް ބުނެފައެއް ނުވެއެވެ. ކައުންސިލުން ވަނީ ރައީސް ވަހީދުގެ ސަރުކާރު ގަބޫލު ނުކުރާ ކަމަށް ކުރިން ބުނެފަ އެވެ.