10 Jul 2012, 18:43
ރިޔަން ޕްރައިވެޓް ލިމިޓެޑް ފަޅާލައިގެން ވަގަށް ނެގި ލެޕްޓޮޕްތައް ފަޅު ގޯއްޗެއްގެ ތެރޭގައި ފޮރުވާފައި ހުއްޓާ ފުލުހުން ހޯދައި ކުންފުނީގެ ވެރިފަރާތާ ހަވާލުކޮށް، ވައްކަމާ ގުޅިގެން ތުހުމަތު ކުރެވޭ މީހަކު ހައްޔަރުކޮށްފި އެވެ.
ރިޔަން ޕްރައިވެޓް ލިމިޓެޑަކީ ހ. އަޒުމްގޭގެ ދެވަނަ ފަންގިފިލާގައި އޮފީސް ހިންގާ ކުންފުންޏެކެވެ. އެތަން ފަޅާލައިގެން ހަތަރު ލެޕްޓޮޕް ވަގަށް ގެންގޮސްފައި ވަނީ މިދިއަ މަހުގެ 26 ވަނަ ދުވަހު ހެނދުނު އެވެ. އެއީ ކުރީގެ ވަޒީރު މުހައްމަދު އަސްލަމްގެ އަމިލަފުޅު އޮފީހެވެ.
ފުލުހުން ބުނީ އެ ކުންފުނީގެ އޮފީހުން ވަގަށް ނަގާފައިވާ ލެޕްޓޮޕްތަކުގެ އަގު 71000ރ. އަށް އަރާ ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ އެންއީސީ ލެޕް ޓޮޕަކާއި ސޮނީ ވައިއޯ ލެޕް ޓޮޕަކާއި ޑެލް ބްރޭންޑްގެ ލެޕް ޓޮޕެއްގެ އިތުރުން އޭސާ ބްރޭންޑްގެ ލެޕްޓޮޕެއް ކަމަށެވެ. އަދި ބުނީ ވައްކަމުގެ މި މައްސަލައާ ގުޅިގެން 22 އަހަރުގެ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.
އެ އޮފީހުން ވަގަށް ގެންދިޔަ ލެޕްޓޮޕްތައް ފަޅު ގޯއްޗެއްގެ ތެރޭގައި ހުއްޓާ ހޯދީ ވެސް ހައްޔަރު ކުރި މީހާގެ ފަރާތުން ތަހުގީގަށް ލިބުނު މައުލޫމާތުން ކަމަށް ފުލުހުން ބުންޏެވެ. އަދި ބުނީ އަޒުމް ގެއާ ޖެހިގެން އޮންނަ ފަޅު ގޯތި ބަލައި ފާސް ކުރަނިކޮށް ލެޕްޓޮޕްތައް ފެނުމުން ކުންފުންޏާ ހަވާލުކޮށް މައްސަލަ ފުލުހުން އިތުރަށް ބަލައި ތަހުގީގު ކުރަން ފަށާފައިވާ ކަމަށެވެ.
އަސްލަމްގެ އޮފީސްތެރެއަށް ބަޔަކު ވަދެ އެ އޮފީހުގައި ހުރި ލިޔެކިޔުންތަކާ އެއްޗެހި ހާވައި، ލެޕްޓޮޕްތަކެއް ގެންގޮސްފައި ވަނީ 7 ފެބްރުއަރީ 2012 ވަނަ ދުވަހު ރައީސް ނަޝީދުގެ ވެރިކަން ބަދަލުވި ގޮތާ ބެހޭ ގޮތުން އޭނާއާ ކުރީގެ ނޭޝަނަލް ސެކިއުރިޓީގެ އެޑްވައިޒަރު އަމީން ފައިސަލް "ސިފައިންނާއި ފުލުހުން ހިނގި ބަޣާބަތް" މި ނަމުގައި ރިޕޯޓެއް އާންމު ކުރައްވާފައި ވަނިކޮށެވެ.
މި މައްސަލައާ ގުޅިގެން އަސްލަމް ވިދާޅުވެފައި ވަނީ އޭނާގެ އޮފީހަށް ބަޔަކު ވަދެ ގެންގޮސްފަ އިވަނީ އޭނާގެ މޭޒުކޮޅު މަތީގައި ހުރި ލެޕްޓޮޕަކާއި އެތާނގައި ހުރި އިތުރު ދެ ލެޕްޓޮޕް ކަމަށާއި އެކަމަކީ އޭނާއާ އަމީން ފައިސަލް ލިޔުއްވާފައިވާ ރިޕޯޓްގައި ހިމަނާފައިވާ މައުލޫމާތުތައް ހޯދަން ކޮށްފައިވާ ކަމެއް ކަމަށް ދެކެވަޑައިގެންނަވާ ކަމަށެވެ.