ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައި މި ސަރުކާރުގެ ވަޒީރުންނާ އެމްޑީޕީގެ މެންބަރުން ސުވާލު ކުރަން ނުފެންނަ ކަމަށް އެ ޕާޓީގެ ގައުމީ ހިންގާ ކޮމެޓީން މިއަދު ނިންމައިފި އެވެ.

އެމްޑީޕީން ބުނީ އެގޮތަށް ނިންމީ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރަކީ ބަޣާވާތަކުން ވެރިކަމަށް އައިސް މިނިޓްރީތަކާ ގަދަކަމުން ހަވާލުވެގެން ތިބި ވަޒީރުންތަކެއް ތިއްބެވި ސަރުކާރަކަށްވާތީ ކަމަށެވެ. އަދި އެފަދަ ބަޔަކާ އެޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުން މަޖިލީހުގައި ސުވާލުކުރަން ނުފެންނާތީ ކަމަށެވެ.

މިިއަހަރުގެ ތެރޭގައި އަވަސް އިންތިޚާބެއް ބާއްވަން ރާއްޖެއައުމަށް ޝައުގުވެރިވާ ޓޫރިސްޓުންގެ ކިބައިން އެކަމަށް އެދުމަށް މަޝްވަރާ ކުރުމުގެ އިތުރުން އަންނަ އޮގަސްޓް 27 ން 30 އަށް އެމެރިކާގެ ފްލޮރިޑާ ގައި ބާއްވާ "އިންޓަނޭޝަނަލް ލީޑާސް ޕްރޮގްރާމް" އަށް އެމްޑީޕީގެ ފަރާތުން ފޮނުވާނެ ބޭފުޅަކަށް މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމްގެ ނަން ފާސް ކުރުން ވެސް މިއަދު ބޭއްވި ބައްދަލުވުމުގައި އޮތެވެ.

ގައުމީ ހިންގާ ކޮމެޓީގެ ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ އެމްޑީޕީގެ ޗެއާޕާސަން ނައިބު އިދާރީ ޢަލީ ޝިޔާމެވެ. ބައްދަލުވުމަށް 23 މެންބަރުން ހާޒިރުވެވަޑައިގެންނެވި އެވެ.