10 Jul 2012, 17:47
ވީބީ ބްރަދާސްގެ ހިއްސާ ދާރުން މީހަކަށް 506،566.66 ރުފިޔާ ދޭންޖެހޭ ކަމަށް މަދަނީ ކޯޓުން ކުރި ހުކުމަށް ހައިކޯޓުން ވެސް ތާއީދުކޮށްފި އެވެ. ވީބީ ބްރަދާސްގެ ހަ ހިއްސާ ދާފުން މި ފައިސާން ދޭން ޖެހެނީ މާލޭ މުނިސިޕަލްޓީގެ ޚާއްސަ ދަފްތަރު 4800، މުހައްމަދު އަނީސަށެވެ.
އެ ފައިސާ އަނީސަށް ދޭންޖެހޭނެ ކަމަށް މަދަނީ ކޯޓުން ހުކުމް ކުރީ މ. ތްރީއޭވިލާ އަބްދުﷲ އަލީއާއި އަލްމަރުހޫމް މޫސާ ފަހީމާ ދެ މީހުން ހިއްސާވާ ތަންތަނުން ފަހީމްގެ ވާރިސުންނަށް ދިނުމަށް މަދަނީ ކޯޓުން ނިންމި އިރު އެވެ.
އެރިޔަދޫ ރިސޯޓާއި ވިލަމެންދޫ ރިސޯޓު މިލްކުވެފައި ވަނީ ފަހީމްގެ ވާރިސުންނަށެވެ. އެ ފައިސާ ދިނުމަށް ހުކުމް ކުރީ އެ ދެ ރިސޯޓު ފަހީމްގެ ވާރިސުންނާއި ހަވާލުކުރި އިރު އަނީސްގެ ނަންމަތީގައިވާ ދެ ލޯންޗެއް އަނީސާއި ހަވާލު ނުކޮށް އެ ރިސޯޓުގައި ބޭނުންކުރަމުން ގޮސްފައި ވާތީއެވެ.
ޖޫން 1، 2006 ގައި ފަހީމްގެ ވާރިސުންނަށް ދެ ރިސޯޓު ލިބުނުއިރު އެދުވަހުން ފެށިގެން އެ ދެ ލޯންޗް ހަވާލު ކުރި ދުވަސް ކަމަށްވާ އޯގަސްޓް 30، 2009 ގެ ނިޔަލަށް ކުލީގެ ގޮތުގައި ދޭންޖެހޭ އަގަކީ 506،566.66ރ. ކަމަށްވާތީ އެ ފައިސާ ލޯންޗްތަކުގެ ވެރިފަރާތް ކަމަށްވާ އަނީސަށް ފަހީމްގެ ވާރިސުން ފައިސާ ދޭން ޖެހޭނެ ކަމަށް ހުކުމްގައި ވެއެވެ.
ފަހީމްގެ ވާރިސުންނަކީ ހ. ވާލީވިލާ، ފާތިމަތު ފަރީދާ އާއި މުހައްމަދު ޝަވީދު އާއި ހައުލަތު ފަހީމް އާއި އަހުމަދު ޝިޔާމް އާއި އާމިނަތު އަޝްފާ އާއި މަރިޔަމް ޝިފާއާއި އަލީ ޝިޔާމް އަދި ހަސަން ޝިޔާމެވެ. އެ ހަ މީހުންނަކީ ވީބީ ބްރަދާސްގެ ހިއްސާ ދާރުންނެވެ.
މަދަނީ ކޯޓުން އެގޮތަށް ހުކުމް ކުރުމުން އެ ހުކުމަކީ ޝަރުއީ އަދި ގާނޫނީ އުސޫލުތަކާއި ޚިލާފަށް ކުރައްވާފައިވާ ހުކުމެއް ކަމަށް ބުނެ ފަހީމްގެ ވާރިސުންގެ ތެރެއިން ޝަވީދު އެ ހުކުމް އިސްތިއުނާފު ކުރުމުން ހައިކޯޓުން ހުކުމް ކުރީ މަދަނީ ކޯޓުގެ ހުކުމަކީ ރަނގަޅަށް ކޮށްފައިވާ ހުކުމެއް ކަމަށެވެ.
ހައިކޯޓުގެ ހުކުމްގައި ބުނަނީ އެ ދެ ރިސޯޓު ފަހީމްގެ ވާރިސުންނާއި ހަވާލު ކުރި ފަހުން ވެސް އެ ދެ ލޯންޗު އަނީސާއި ހަވާލުކުރަން ފަހީމްގެ ވާރިސުން އެކަށީގެންވާ ވަރުގެ މަސައްކަތެއް ކޮށްފައި ނުވާކަމަށެވެ.