14:38


ހުޅުމާލޭގައި އެއްހާސް ހައުސިން ޔުނިޓު އެޅުމަށްޓަކައި 70 މިލިއަން ޑޮލަރަށްވުރެ ވުރެ ބޮޑު ލޯނު އެގްރިމެންޓެއްގައި ޗައިނާ ސަރުކާރާއި ދިވެހި ސަރުކާރާ ދެމެދު ސޮއިކޮށްފި އެވެ.


މި އެއްބަސްވުމުގައި ސޮއިކުރެއްވުމުގެ ރަސްމިއްޔާތު އޮތީ، ރާއްޖެ ވަޑައިގެން އުޅުއްވާ ޗައިނާގެ ކޮމަރސް މިނިސްޓަރު ޝެން ޑެމިންގެ ވަފްދާއެކު ސަރުކާރުގެ ހަތަރު ވަޒީރުން ބޭއްވެވި މަޝްވަރާތަކަކަށްފަހު އެވެ.


މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް މަހްމޫދް ރާޒީ ވިދާޅުވީ، މި އެއްބަސްވުމަކީ ޗައިނާގެ ސީމެކް ކުންފުންޏާ ހަވާލުކޮށްގެން ހުޅުމާލޭގައި ގާއިމްކުރާ އެއްހާސް ހައުސިން ޔުނިޓު އެޅުމަށް ބޭނުންވާ ލޯނު ހޯދުމަށް މަގުފަހިކުރުމުގެ ގޮތުން ޗައިނާ ސަރުކާރާއެކު ސޮއިކުރެވުނު އެއްބަސްވުމެއް ކަމަށެވެ. އެގޮތުން މި އެއްބަސްވުމުގެ ދަށުން ޗައިނާ ސަރުކާރުން 481 މިލިއަން ޔުއާން ނުވަތަ ހަތްދިހަ މިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާ ދިނުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ރާޒީ ވިދާޅުވި އެވެ.


މި އެގްރިމެންޓާ ގުޅޭ ގޮތުން މިނިސްޓަރ އޮފް ހައުސިން އެންޑް އެންވަރަމަންޓް މުހައްމަދު އަސްލަމް ވިދާޅުވީ، އެގްޒިމް ބޭންކާއެކު ލޯނު އެގްރިމެންޓުގައި މިމަހުގެ ފަހުކޮޅު ސޮއިކުރެވޭނެ ކަމަށެވެ. އަދި މިއަހަރު ނިމޭއިރު ހުޅުމާލޭގައި އެއްހާސް ހައުސިން ޔުނިޓް އެޅުމުގެ އަމަލީ މަސައްކަތް ފަށާނެ ކަމަށް ވެސް ވިދާޅުވި އެވެ.


އަދި އަތޮޅުތަކުގެ ތެރޭގައި އިތުރު ތިން ހާސް ހައުސިން ޔުނިޓު އެޅުމަށްޓަކައި، އަނެއްކާ ވެސް ޗައިނާގެ ސީމެކް ކުންފުންޏާ ހަވާލުކޮށްފައިވާ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ. އަދި ހައުސިން ޔުނިޓުތައް އަޅަން ހަމަޖައްސާނެ ރަށްތަކާ ގުޅޭ ގޮތުން އެ ކުންފުންޏާއެކު މަޝްވަރާކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.


މީގެ އިތުރުން، ތިމާވެށީގެ ރޮނގުންނާއި އިގްތިސާދީ ދާއިރާއިން ރާއްޖެއަށް ދިގު މުއްދަތެއްގައި އެއްބާރުލުން ދިނުމާ ބެހޭ އެއްބަސްވުމެއްގައި ވެސް މިއަދު ދެގައުމު މެދުގައި ވަނީ ސޮއިކޮށްފަ އެވެ.