10 Jul 2012, 17:29
"ސީދާ ކުއްލި ހަރަކާތު"ގެ ނަމުގައި ސަރުކާރާ ދެކޮޅަށް އެމްޑީޕީން އިއްޔެ ކުރިއަށް ގެންދިޔަ މުޒަހާރާގައި ހަރަކާތްތެރިވި ވަކިވަކި ފަރުދުންނަށާއި އެމުޒާހަރާ ކަވަރުކުރަމުންދިޔަ ރާއްޖެ ޓީވީ ރިޕޯޓަރުންނަށާއި މީޑިއާގެ ބައެއް ފަރާތްތައް ހައްޔަރުކުރުމުގައި ފުލުހުން އަަމަލުކޮށްފައިވަނީ އަނިޔާވެރި ލާއިންސާނީ ގޮތަކަށް ކަމަށް ބުނެ އެމްޑީޕީން އެކަން ކުށްވެރިކޮށްފި އެވެ.
އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ބައެއް މެންބަރުން ގުޅިގެން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައިވަނީ ސުލްހަވެރި ކަމާއެކު އެއްވެ އުޅުމުގެ މިނިވަން ކަމަކީ ގާނޫނު އަސާސީން ކޮންމެ ރައްޔިތަކަށް ވެސް ލިބިދީފައިވާ ހައްގަކަށްވާއިރު އެމްޑީޕީން ސުލްހަވެރިކަމާއެކު ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއަށް ފުލުހުން ވަދެ އެ ހައްގުތަކަށް ހުރަސް އަޅާފައިވާތީ އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ މީހުންގެ އަތުގައި ހުންނަ މުދާ ޝަރުއީ ހުކުމަކާއި ނުލާ އަތުލުމަކީ ގާނޫނީ ކުށަކަށްވާއިރު ހައްޔަރުކުރާ މީހުންގެ ފޯނު އަތުލުމާއި ފޯނުގައި ހުންނަ ޒާތީ މައުލޫމާތުގެ ބޭނުން ފުލުހުން ހިފަމުންދާތީ އެކަންވެސް ވެސް އެމްޑީޕީން ވަނީ ކުށްވެރިކޮށްފަ އެވެ.
އެމްޑީޕީގެ ނޫސްބަޔާނުގައި ހިއުމަންރައިޓްސް ކޮމިޝަނާއި ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުން މަސްއޫލިއްޔަތާއި ވާޖިބުއަދާ ކުރަމުން ނުގެންދާ ކަމަށް ވެސް ބުނެފައި ވެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ފުލުހުން އަބަދުވެސް އަމަލު ކުރަނީ ގާނޫނާ އެއްގޮތަށް ކަމަށާއި ގާނޫނުތަކާއި ގަވާއިދުތަކާއި ހިލާފަށް ފުލުހުންގެ ސެކިއުރިޓީ ލައިންތައް ހުރަސްކޮށް ފުލުހުންގެ ވާޖިބަށް ހުރަސް އެޅޭ ފަދަ ގޮތަކަށް އަމަލްކުރާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ.
ސަރުކާރަށް ދެކޮޅަށް އެމްޑީޕީން ސީދާ ހަރަކާތުގައި ނަމުގައި އިއްޔެ މުޒާހަރާއެއް ކުރިއިރު ބައެއް ނޫސްވެރިން ހައްޔަރު ކުރި އެވެ. ނަމަވެސް ފަހުން ވަނީ ދޫކޮށްލާފަ އެވެ.
އެމްޑީޕީން ބަޔާނެއް ނެރެފައިވާއިރު އެޕާޓީގެ މެޖޯރިޓީ އޮންނަ މާލޭ ސިޓީ ކައުންސިލުން ވެސް ވަނީ ފުލުހުން ކުށްވެރިކޮށް ބަޔާނެއް ނެރެފަ އެވެ.
އެ ބަޔާނެއްގައި ބުނެފައިވަނީ މާލޭތެރޭގައި އާންމުން ކުރަމުންދާ "ސުލްހަވެރި" މުޒަހަރާތަކަށް ހުރަސްއަޅާ، މުޒަހާރާގެ ބައިވެރިންނަށް އަނިޔާ ކޮށް މާލޭ ތެރޭގައި ފުލުހުން ބިރުވެރިކަން އުފައްދާފައިވާ ކަމަށެވެ.
"މުޒާހަރާތަކަށް ފުލުހުން ހުރަސްއަޅާ، މިހާރު މާލޭގެ މަގުތަކުގައި އުފެދިފައިވާ ނަމާންކަމާއި ބިރުވެރިކަން އިތުރުކޮށް، ފުލުހުން ރައްޔިތުނަށް ކުރަމުންދާ އަނިޔާތައް މާލޭ ސިޓީ ކައުންސިލުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ."
އެ ބަޔާނުގައި މާލޭގެ އެކި ހިސާބުތަކުގައި ބެރިކޭޑް ޖަހާ މަގުތައް ބަންދުކޮށްފައިވުމުގެ ސަބުން އާންމުނަށް ބޮޑެތި ދަތިތަކާއިކުރިމަތިލާން ޖެހިފައިވާ ކަމަށާއި އެކަން ހުއްޓާލުމަށް ފުލުހުނަށް އިލްތިމާސްކޮށްފައި ވެސް ވެއެވެ.