ދިވެހި އެއް އާއިލާއެއްގެ 40 މީހުން އެއް ފަހަރާ މި މަހު ޢުމްރާއަށް ގޮސްފިއެވެ.

މީގެ ކުރިން އެއް އާއިލާއެއްގެ މިހާ ގިނަ މީހުން އެއްފަހަރާ ޢުމްރާގެ އަޅުކަން އަދާކުރަން ގޮސްފައިވާ ކަމެއް އެނގިފައެއް ނުވެއެވެ.

ސައުދީ އަރަބިއްޔާގައި ހުންނަ ދިވެހިރާއްޖޭގެ އެމަބްސީން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނީ، ދިވެހި އެއް އާއިލާއެއްގެ 40 މީހުން މި ފަހަރު ޢުމްރާގެ އަޅުކަން އަދާކުރަން ސައުދީއަށް ދަތުރުކޮށްފައިވާ ކަމަށެވެ. އެ މީހުން މިއަދު ވަނީ އެ ގައުމުގައި ހުރި ދިވެހި އެމްބަސީއަށް ޒިޔާރަތްކޮށްފައެވެ.

އެކަމަކު، އެ މީހުންނާ ގުޅޭ އިތުރު ތަފުސީލެއް އެމްބަސީން ހާމަކޮށްފައެއް ނުވެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މި މަހު ރާއްޖެއިން ޖުމުލަ 6،300 އަށްވުރެ ގިނަ މީހުން ޢުމްރާގެ އަޅުކަން އަދާކުރަން ގޮސްފައިވެއެވެ.

ޑިސެމްބަރު ޢުމްރާއަކީ މީހުންގެ މެދުގައި މަގުބޫލު ޢުމްރާއެކެވެ. ޚާއްސަކޮށް، މި ފަހުން އައިސް ގިނަ އަދަދެއްގެ ޒުވާނުން ވެސް އަންނަނީ އާއިލާއާ އެކު ޢުމްރާކުރަމުންނެވެ.

އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި މި މަހު ޢުމްރާއަށް ދިޔައީ ޖުމުލަ 6،373 މީހުންނެވެ. އެއީ، ޙައްޖު ކޯޕަރޭޝަން ހިމެނޭހެން ޖުމުލަ 33 ކުންފުންޏެއްގެ ހަވާލުގައި ޢުމްރާއަށް ދިޔަ މީހުންނެވެ.