10 Jul 2012, 17:20
ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްކޮށް ހުންނަވައިގެން އެމްޑީޕީން މިހާރު ކުރަމުން ދަނީ ސުލްހަ ވެރި މުޒާހަރާއެއް ނޫން ކަމަށާއި އެމްޑީޕީގެ ސީދާ ހަރަކާތުގެ ބޭނުމަކީ ޖިނާއީ ކުށުގެ ވެއްޓެއް އުފެއްދުން ކަމަށް ސަރުކާރުން ބުނެފި އެވެ.
ސަރުކާރުގެ ތަރުޖަމާން އައްބާސް އާދިލް ރިޒާ ވިދާޅުވީ އެމްޑީޕީން ކުއްލި ގޮތަކަށް ސީދާ ހަރަކާތަށް ނުކުތުމަށްފަހު އެ ހަރަކާތްތައް ހުއްޓާލާނީ ސަރުކާރު ވައްޓާލާފައި ކަމަށް ބުނި ނަމަވެސް ސަރުކާރު ވައްޓާލަން ނުކުންނަންޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށެވެ. އަދި ވިދާޅުވީ ކުރީގެ ނަޝީދު އިސްކޮށް ހުންނަވައިގެން ސީދާ ހަރަކާތް ހިންގަން މަގުތަކަށް މީހުން ނެރެގެން އުޅެނީ އިންކްއަރީ ކޮމިޝަނުގެ މަސައްކަތަށް ހުރަސް އެޅުމަށް ކަމަށެވެ.
ކޮމިޝަނުގެ ރިޕޯޓް ނިމިގެންދާނެ ގޮތުގެ ތަސައްވަރެއް ލިބިވަޑައިގެން ނަޝީދުގެ މަސައްކަތް ކާމިޔާބު ނުވެ ރިޔާސީ އިންތިހާބު ވެސް ކާމިޔާބުވެ ވަޑައި ނުގަންނަވާނެކަން އެނގިވަޑައިގަތުމުން ގައުމު ހަލަބޮލިކުރަން ނުކުންނެވީ ކަމަށް ވެސް އައްބާސް ވިދާޅުވި އެވެ.
" ގޮތް ހުސްވެގެން، ވެރިކަމަށް ވަޑައިގަތުމުގެ އުއްމީދުތައް ކުޑަވެގެން އިންކްއަރީ ކޮމިޝަނުގެ ނަތީޖާ ނިކުންނާނެ ގޮތް ސާފުވެ ވަޑައިގެން ޔަގީން ވެވަޑައިގަތީމާ އެ މަސައްކަތް ކުރިޔަ ނުދެއްވުމަށްޓަކައި މިއުޅުއްވަނީ އިތުރު ޖިނާއީ ކުށްތަކަށް އަރައިގަނެ ކުށުގެ ވެއްޓެއް އުފައްދާ ޒުވާނުން އެކަމުގައި ޖައްސަން، އެހެންވީމަ ދިވެހި ޒުވާނުން މިކަމުގައި ބައިވެރި ނުވުމަށް ގޮވާލަން،" އައްބާސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެމްޑީޕީން ކުރާ މުޒާހަރާގައި ސީދާ ފުލުހުންނާއި ސިފައިންނަށް ހަމަލަ ދިނުމަށް ގޮވާލައި ފުލުހުންގެ އަމުރުތަކަށް ތަބާނުވެ ކުރާ މުޒާހަރާ ތަކަކީ ސުލްހަވެރި މުޒާހަރާތަކަށް ނުބެލެވޭނެ ކަމަށާއި ޓެރެރިޒަމަށް ވާގިވެރިވާފަދަ އެއްވެސް ހަރަކަތަކީ ދުނިޔޭގެ އެއްވެސް ގައުމެއްގައި ނުބަލާ ދޫކޮށްލެވޭނެ ކަމެއް ނޫން ކަމަށެވެ.
"އެމްޑީޕީގެ ސީދާ ހަރަކަތްތައް ސުލްހަވެރި ހަރަކާތްތަކަށް ބެލެވޭކަށް ނެތް ދެއްތޯ؟ އޭގެ ތެރޭގައި އިސްކޮށް ތިއްބަވާ ބޭފޫޅުން އެބަ ވިދާޅުވޭ ހަމަލާ ދިނުމަށް! ފުލުހުންނާ ދިމާކުރުމަށް! ކުރިމަތިލުމަށް!" އައްބާސް ވިދާޅުވި އެވެ.
އައްބާސް ވިދާޅުވީ ނަޝީދު އިސްކޮށް ހުންނަވައިގެން މިހާރު މާލެތެރޭގައި ހިންގާ ހަރަކާތްތަކަކީ އެއްވެސް ވަރަކަށް ގަބޫލު ކުރެވޭނެ ކަންކަން ނޫން ކަމަށާއި މިހާރުން މިހާރަށް އެފަދަ ކަންކަން ހުއްޓާލަން ގޮވާލާ ކަމަށެވެ.
އެމްޑީޕީން ބުނެފައިވަނީ އެމީހުން ކުރަމުންގެންދާ އިހުތިޖާޖަށް ނިމުމެއް ނެތްކަމަށާއި އެކަން ހުއްޓާލަނީ ސަރުކާރު ވައްޓާލެވުމުން ނުވަތަ އަވަސް އިންތިހާބަކަށް ސަރުކާރުން އެއްބަސް ވުމުން ކަމަށެވެ.