މިދިޔަ މާޗް މަހުގެ އެއް ވަނަ ދުވަހު އެމްޑީޕީން މާލޭގައި ކުރި މުޒާހަރާގެ ތެރޭގައި ސައިކަލެއްގައި ރޯކޮށްލިކަމުގެ ތުހުމަތުގައި ހ. ރެދަން، ފަވާޒު ކަޅުތުއްތުގެ މައްޗަށް ދައުލަތުން އުފުލި ޓެރަރިޒަމްގެ ދައުވާއަށް އެނާ އިންކާރު ކޮށްފި އެވެ.

ކްރިމިނަލް ކޯޓްގައި މިއަދު ބޭއްވި ޝަރީއަތު މަޖިލީހުގައި ދައުލަތުން ބުނީ މިއަހަރުގެ މާޗް އެއް ވަނަ ދުވަހު އަލިކިލެގެފާނު މަގާއި މަޖީދީމަގު ގުޅުނު ހިސާބުގައި އިތުރު ދެ މީހަކާއެކު ފަވާޒު ހިންގި ހަމަނުޖެހުންތަކުގެތެރޭ ވެއްޓިފައި އޮތް ސައިކަލެއްގެ ޕެޓްރޯލް ޓޭންކް ހުޅުވިފައި ވަނިކޮށް ފަވާޒުގެ އަތުގައި އޮތް ލައިޓަރަކުން އޭނާ އެ ސައިކަލްގައި ހުޅު ރޯކޮށްލާފައިވާ ކަމަށެވެ.

ފަވާޒު ސައިކަލުގައި ރޯކޮށްލިކަމަށް ބުނާ މަންޒަރު ހިމެނޭ ވީޑިއޯ ސިޑީ އެއް ވެސް މިއަދު ދައުލަތުން ޝަރީއަތަށް ހުށަހެޅި އެވެ. އަދި އިތުރު ހެކިން ޝަރީއަތަށް ހާޒިރު ކޮށްދިނުމަށް ވެސް އެދުނެވެ.

ފަވާޒުގެ މައްޗަށް އުފުލި ޓެރަރިޒަމްގެ ދައުވާގެ އިބްތިދާއީ އަޑު އެހުމެއް މީގެ ކުރިން ވަނީ ބާއްވާފަ އެވެ. މިއަދުގެ ޝަރީއަތުގައި ފަވާޒު ބުނީ ދައުވާ ސާފުވާ ކަމަށާއި ދައުވާއަށް އިންކާރު ކުރާ ކަމަށެވެ.

ފަވާޒުގެ ވަކީލް މުހައްމަދު ފަރީދު ވިދާޅުވީ ދައުލަތުން ހުށަހަޅާފައިވާ ލިޔުންތައް ލިބިފައިވަނީ ވަރަށް ފަހުން ކަމަށާއި ދައުވާއަށް ރައްދު ދިނުމަށް އިތުރު ވަގުތު ބޭނުންވާ ކަމަށެވެ.

ނަމަވެސް ގާޒީ ވިދާޅުވީ ދެން އޮންނަ ޝަރީއަތުގެ އަޑު އެހުމުގައި އޮންނާނީ ދައުވާއަށް ޖަވާބު ދިނުމާއި ހެކިބަސް ނެގުން ކަމަށާއި ދެ ފަރާތުން ހެކީންގެ ގޮތުގައި ހާޒިރުކުރަން ބޭނުންވާ މީހުން ޝަރީއަތަށް ހާޒިރުކުރާނެ ކަމަށެވެ. ދައުލަތުން ހުށަހެޅި ވީޑިއޯތައް ޝަރީއަތުގެ މަޖިލީހުގައި ބެލުން ވެސް އޮންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.