10 Jul 2012, 15:50
އޮފީސްތަކުގެ ބަޖެޓުން 15 ޕަސެންޓް ކުޑަ ކުރަން ކުރާ މަސައްކަތަށް ސަރުކާރުގެ އޮފިސްތަކާއި ދައުލަތުގެ މުއައްސަސާތަކުގެ އެއްބާރުލުން ލިބެމުން ނުދާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.
ފިނޭންސްގެ ޕާމަނަންޓް ސެކްރެޓަރީ އިސްމާއިލް ޝަފީގު މިއަދު ސަން އޮންލައިނަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ބަޖެޓް ކުޑަކުރަން އޮފީސްތަކަށް ދިން މުއްދަތު މިދިޔަ މަހުގެ 20 ވަނަ ދުވަހު ހަމަވިއިރު ބަޖެޓް ކުޑަކުރުމަށްފަހު ފޮނުވާފައި ވަނީ 14 އޮފީހަކުން ކަމަށެވެ. ބަޖެޓް ކުޑަނުކުރާ ތަންތަނާމެދު އަމަލުކުރާނެ ވަކި އުސޫލެއް އަދި ކަނޑައަޅާފައި ނުވާ ކަމަށާއި އެ އޮފީސްތަކުގެ ބަޖެޓް ކުޑަކުރުމާމެދު ވަރަށް އަވަހަށް ގޮތެއް ނިންމާނެ ކަމަށް ވެސް ޝަފީގު ވިދާޅުވި އެވެ.
"އަޅުގަނޑަކަށް ނުދެންނެވޭނެ އޮފީސްތަކުން [ބަޖެޓް ކުޑަކުރަން] ތަރުހީބު ދެއްވައެކޭ، އަޅުގަނޑު ދެކެނީ ކުޑަނުކޮށް ތިއްބެވި ބޭފުޅުން ވެސް ކުޑަކުރައްވަން ޖެހޭނޭ،" ޝަފީގު ވިދާޅުވި އެވެ.
ފިނޭންސް މިނިސްޓްރީން ހަފުތާއަކު އެއްފަހަރު އާންމުކުރާ ދައުލަތުގެ އާމްދަނީ އާއި ހަރަދުގެ ބަޔާނުން ދައްކާ ގޮތުން ބަޖެޓުން މަސްއޫލުވާންޖެހޭ 35 އޮފީހެއް ހިމެނެ އެވެ. އޭގެ ތެރޭގައި މިނިވަން މުއައްސަސާތަކާއި މިނިސްޓްރީތައް ވެސް ހިމެނެ އެވެ.
ޝަފީގު ވިދާޅުވީ ބަޖެޓް ކުޑަކުރަން ދަތިވާވާހަކަ ބައެއް އޮފީސްތަކުން އަންގާފައިވާ ކަމަށާއި މިނިސްޓްރީތަކަށް ދަތި ވަނީ މުވައްޒަފުންގެ އުނިކުރި މުސާރަ މި މަހުން ފެށިގެން ދޭންޖެހޭތީ ކަމަށެވެ. ނަމަވެސް އެ އޮފީސްތަކުގެ ބަޖެޓުން ވެސް ވަކި ވަރެއް ކުޑަކުރަން މަސައްކަތް ކުރައްވާނެ ކަމަށެވެ.
"މި އަހަރުވެސް ދެބައިވެފައި އޮތުމާއި [އެކު ބައެއް އޮފީސްތަކަށް އުނދަގޫވޭ ބަޖެޓް ހަރަދު ކުޑަކުރަން]، އަނެއްކާ ކުރަން ޖެހޭ ބައެއް ހަރަދުތައް ބަޖެޓްގައި ހިމެނިފައި ނެތަސް އޮފީސްތަކުން ހަރަދު ކުރަން ޖެހިވަޑައިގަތުމުން، ބަޖެޓް ކުޑަކުރަން އުނދަގޫވާ ވާހަކަ ދަންނަވާފައި އެބަހުރި ބައެއް ތަންތަނުން. އެހެން ނަމަވެސް މި ބަލަނީ 15 ޕަސެންޓް ކުޑަ ނުކުރެވުނަސް އުސޫލެއް ގޮތުން އެއްބަސްވެފައިވާ ގޮތައް ކޮންމެވެސް ވަރެއް [ބަޖެޓުން] ކުޑަކުރެވޭނެ ކަމަށް،" ޝަފީގު ވިދާޅުވި އެވެ.
ސަރުކާރުން ލަފާކޮށްފައިވަނީ ކޮންމެ އޮފީހެއްގެ ބަޖެޓް 15 ޕަސެންޓަށް ކުޑަކުރުމުން ދެ ބިލިއަނެއްހާ ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށެވެ. ބަޖެޓުން މިހާތަނަށް އޮފީސްތަކަށް 6.7 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ދައުލަތުގެ ހިސާބުތަކުން ދައްކަ އެވެ.
ކުރިން ފިނޭންސުން ބުނެފައިވަނީ ބަޖެޓް ކުޑަ ނުކުރާ އޮފީސްތަކުގެ ބަޖެޓުން ވެސް 15 ޕަސެންޓް ކުޑަކުރާނެ ކަމަށެވެ.
ދައުލަތުގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން ކޮންމެ މުއައްސަސާއެއްގެ ބަޖެޓުން 15 ޕަސެންޓް ކުޑަކުރަން ކެބިނެޓުން ނިންމީ މިދިޔަ މަހުގެ 22 ވަނަ ދުވަހު އެވެ.
ސަރުކާރުން މި އަހަރަށް ކަނޑައެޅި 14 ބިލިއަން ރުފިޔާގެ ބަޖެޓް 18 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ލަފާކޮށްފަ އެވެ. އެއީ ގާތްގަނޑަކަށް 3.4 ބިލިއަން ރުފިޔާގެ ޑެފިސިޓެކެވެ. ދައުލަތުގެ ހަރަދުތައް ދުވަހުން ދުވަހަށް ބޮޑުވެ ޑެފިސިޓް ބޮޑުވާ މައްސަލައިގައި އައިއެމްއެފުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ދައުލަތުގެ ޑެފިސިޓް ބަޖެޓް 27 ޕަސެންޓަށް އުފުލޭނެ ކަމަށް ވަނީ ބެލެވިފަ އެވެ.