10 Jul 2012, 14:47
އިއްޔެ ހެނދުނާއި ރޭ ސަރުކާރާއި ދެކޮޅަށް އެމްޑީޕީން ކުރި މުޒާހަރާގައި ހައްޔަރު ކުރި މީހުންގެ ތެރެއިން 27 މީހަކު އަދިވެސް ފުލުހުންގެ ބެލުމުގެ ދަށުގައި އެބަތިބި ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުންގެ މީޑިޔާ އޮފިޝަލް، އިންސްޕެކްޓާ އޮފް ޕޮލިސް ހަސަން ހަނީފު މިއަދު ވިދާޅުވީ އިއްޔެ އާއި ރޭ އެމްޑީޕީން ކުރި މުޒަހާރާގައި ފުލުހުން ހައްޔަރު ކުރި މީހުންގެ ތެރެއިން މިހާތަނަށް ދޫކޮށްނުލާ ތިބީ 27 މީހަކު ކަމަށެވެ. އަދި އެ މީހުންގެ ތެރޭގައި ދެ އަންހެނުން ހިމެނޭ ކަމަށްވެސް ވިދާޅުވި އެވެ.
އޮފިޝަލް ވިދާޅުވީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހުންގެ ތެރެއިން ބައެއް މީހުން މިހާރު ދޫކޮށްލާފައިވާ ކަމަށެވެ. ނަމަވެސް މުޒާހަރާއާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ޖުމްލަ ކިތައް މީހުން ކަމެއް ފުލުހުން ނުބުނެ އެވެ.
ރައީސް ޑރ. މުހަންމަދު ވަހީދުގެ ސަރުކާރަކީ ބަޣާވަތްކޮށްގެން އައިސްފައިވާ ސަރުކާރެއް ކަމަށާއި މިހާރު ސަރުކާރު ގަބޫލު ނުކުރާނެ ކަމަށްބުނެ ކުއްލި ހަރަކާތުގެ ނަމުގައި އެމްޑީޕީން އިއްޔެ އާއި ރޭ މުޒާހަރާ ކުރަމުން ދަނީ ޗާންދަނީ މަގުން ރީފުސައިޑް ކައިރި އާއި މަރުކަޒީ ބޭންކް އެމްއެމްއޭ ސަރަހައްދުގަ އެވެ.