މާފަންނު ވެސްޓްޕާކް ކައިރިން ވަޅިން ހަމަލާދީ މ. ފެއަރީކޯނާ، އަލީ ޝިފާން މަރާލި މައްސަލައިގައި ދައުވާ ނުކޮށް ލަސްވާތީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ ވަކީލުން ކޯޓަށް ހާޒިރުކޮށް ސުވާލުކޮށްފި އެވެ.

ޝިފާންގެ ގަޔަށް ވަޅިހަރައި އޭނާ މަރާލީ މިއަހަރުގެ އޭޕްރީލް މަހުގެ ތެރޭގަ އެވެ.

ޝިފާން މަރާލި މައްސަލައިގައި ދައުވާ ނުކޮށް ލަސްވާތީ މައްސަލައިގެ މައުލޫމާތު ސާފުކުރަން މިއަދު ބޭއްވި އަޑުއެހުމަކަށް ޕީޖީ އޮފީހުގެ ވަކީލަކު ހާޒިރުކޮށް ވަނީ ސުވާލުކޮށްފަ އެވެ. ކޯޓުން ވަކީލާ ސުވާލު ކުރީ ޝިފާން މަރާލިކަމަށް ތުހުމަތު ކުރެވޭ ޅ. ކުރެންދޫ، މާފަހި، މުހައްމަދު އާސިފް 19، އާއި މާލޭ ދަފްތަރު 2193 މުހައްމަދު ޝައިފަން 18، ވެސް އެ މަޖިލީހަށް ހާޒިރުކޮށްގެނެވެ.

އަޑުއެހުމުގައި މައްސަލައިގައި ތުހުމަތުވާ މީހުންގެ މައްޗަށް ދައުވާ ނުކޮށް ލަސްވަނީ ކީއްވެތޯ ގާޒީ އެއްސެވުމުން ދައުލަތުގެ ވަކީލު ވިދާޅުވީ ފުލުހުން އެ މައްސަލައިގައި ދައުވާ ކުރުމަށް ފޮނުވި ނަމަވެސް ދައުވާ ނުކޮށް ލަސްވެފައި ވަނީ ބައެއް ކަންކަން ފުލުހުންގެ ފަރާތުން ސާފު ކުރަން ޖެހޭތީ ކަމަށެވެ.

ވަކީލު ވިދާޅުވީ ފުލުސް އޮފީހުން ސާފުކުރަން ބޭނުންވި ކަންކަން މިހާރު ސާފުކުރެވިފައިވާ ކަމަށާއި އަންނަ އާދީއްތަ ދުވަހުގެ ކުރިން ދައުވާ ކުރަން ކޯޓަށް މައްސަލަ ފޮނުވާނެ ކަމަށެވެ.

އާސިފާއި ޝައިފަންގެ މައްޗަށް ފުލުހުންކުރާ ތުހުމަތަކީ ވެސްޓްޕާކް ކައިރީ ޝިފާން ހުއްޓާ ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭގޮތަށް އޭނާގެ ގަޔަށް ވަޅިހަރައި މަރާލިކަމުގެ ތުހުމަތެވެ.

އެ ދެމީހުންގެ އިތުރުން ޝިފާން މަރާލި މައްސަލައިގައި ދައުވާ ކުރަން ފޮނުވާފައި ވަނީ މ. ނަލަހިޔާމަންޒިލް، އަލީ ނަބީހް 22، އާއި ބ. ތުޅާދޫ ކާނިމާގޭ، ރައްޒާން އަބްދުއްރަހުމާން 19، އާއި މ. ދިންމަނަ، އަބްދުﷲ ތިލްމީޒު، 20، ގެ އިތުރުން މ. ސިލްވަނެޓް މުހައްމަދު މިޝާން އަބްދުލް ހާދީ، 20، ގެ މައްޗަށެވެ.

ފުލުހުން ބުނީ އެ މައްސަލައިގައި ތުހުމަތުކުރެވޭ ހަ މީހުންގެ ތެރެއިން މިޝާން އަބްދުލް ހާދީ ފިޔަވައި އެހެން އެންމެން ވެސް ތިބީ ހައްޔަރުކޮށްފައި ކަމަށެވެ.