30 Dec 2024, 09:26
އެމެރިކާގެ މަޝްހޫރު އެކްޓަރު ކިއާނޫ ރީވްސްގެ ގެއިން ވަގަށް ނެގި އަގުބޮޑު ރޮލެކްސް އެހެން ގައުމަކުން ފެނިއްޖެއެވެ.
މަޝްހޫރު ފިލްމު ފްރެންޗައިޒް "ޖޯން ވިކް"ގެ ލީޑުން ފެންނަ ކިއާނޫގެ ލޮސް އެންޖެލެސްގެ ގެއިން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ވަނީ ވައްކަން ކޮށްފައެވެ. ވައްކަން ކުރި ތަކެތީގެ ތެރެއިން ތިން އަތުކުރި ގަޑި ހިމެނޭއިރު އެއިން އެކައްޗަކީ 9،000 އެމެރިކާ ޑޮލަރުގެ ރޮލެކްސް ގަޑިއެކެވެ.
ޖޯންވިކްގެ އެކްސެސަރީ އާ ގުޅޭ މި ގަޑީގައި ކިއާނޫގެ އިނިޝަލްސް ވަނީ އެންގްރޭވް ކޮށްފައެވެ. އަދި އޭގެއިތުރުން އެ ގާޑީގައި އިތުރަށް "ޖޭޑަބްލިއު، ތެންކިޔު، 2021" ވެސް ޖަހާފައި ވެއެވެ.
މިދިޔަ އަހަރު ގެއްލުނު މި ގަޑި ދާދި ފަހުން ފެނިގެން ގޮސްފައިވަނީ ދެކުނު އެމެރިކާގެ ގައުމެއް ކަމަށްވާ ޗިލޭގެ ވެރި ރަށް ސެންޓިއާގޯއިންނެވެ.
ޗިލޭ ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މި ގަޑި ފެނިގެން ގޮސްފައިވަނީ ސެންޓިއާގޯގައި ހިނގި ސީރީޒް ވައްކައްތަކަކާ ގުޅިގެން ކުރި ރެއިޑެއްގައި ގެތަކެއް ބަލައި ފަސްކުރުމުގެ ތެރެއިންނެވެ. މި ވައްކަންތަކުގެ މައްސަލައިގައި ޗިލޭގެ ސަރުކާރުން މަސައްކަތް ކުރަމުން ދިޔައީ އެމެރިކާގެ ފުލުހުންނާ ގުޅިގެން ކަމަށް ވަނީ ހާމަކޮށްފައެވެ.
މިކަމާ ގުޅިގެން ގަޑީގެ ވެރިފަރާތަކީ ކާކުކަން ކަށަވަރު ކުރަން ފަސޭހަ ވެގެން ދިޔަ ކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.
ވައްކަމުގެ މައްސަލައިގައި ވަނީ 21 އަހަރުގެ ޒުވާނަކު ހައްޔަރު ކޮށްފައެވެ. ނަމަވެސް މި ޒުވާނާއަކީ ކޮން ގައުމަކަށް ނިސްބަތްވާ މީހެއް ކަމެއް ހާމަކޮށްފައެއް ނުވެއެވެ.
މިއީ ކިއާނޫގެ ގެއިން ވައްކަން ކޮށްފައިވާ ފުރަތަމަ ފަހަރެއް ނޫނެވެ. އެގޮތުން 2014 ވަނަ އަހަރުގައި އެކަނިވެސް އޭނާގެ ގެއިން ތިން ފަހަރަކު ވަނީ ވައްކަން ކޮށްފައެވެ.