އިނގިރޭސި ޕްރިމިއާ ލީގުގައި ނޮޓިންހަމް ފޮރެސްޓުން އެވަޓަން ބަލިކޮށް، ދެވަނައަށް ކުރިއަށް ޖެހިލައިފިއެވެ.

އެވަޓަންގެ ދަނޑުގައި ކުޅުނު މި މެޗު ފޮރެސްޓުން ކާމިޔާބުކޮށްފައިވަނީ 2-0 އިންނެވެ.

މެޗުގެ ގިނައިރު ބޯޅަ ގެންގުޅުނީ ވެސް ގިނަ ހަމަލާ އުފެއްދީ ވެސް އެވަޓަނުންނެވެ. އެކަމަކު، އެ ޓީމަށް މެޗު ނިމުނުއިރު ވެސް ފޮރެސްޓްގެ ޑިފެންސް ފޫއަޅުވައެއް ނުލެވުނެވެ.

މެޗުގެ 15 ވަނަ މިނެޓުގައި އުފެއްދި ހަމަލާއެއްގައި ފޮރެސްޓުންވަނީ ލަނޑެއް ޖަހައި ލީޑު ނަގައިފައެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ ކްރިސް ވުޑެވެ. މެޗުގައި ފޮރެސްޓުން ކާމިޔާބުކުރި ދެވަނަ ލަނޑު 61 ވަނަ މިނެޓުގައި ވުޑް ތަނަވަސްކޮށްދިން ފުރުސަތެއްގައި ކާމިޔާބުކޮށްފައިވަނީ މޯގަން ގިބްސް ވައިޓެވެ.

މި ކާމިޔާބީއާ އެކު ފޮރެސްޓް މިހާރު އޮތީ 37 ޕޮއިންޓާ އެކު ދެވަނައިގައެވެ. އެވަޓަން އޮތީ 17 ޕޮއިންޓާ އެކު 16 ވަނައިގައެވެ.

މުބާރާތުގައި ޓޮޓްނަމް ހޮޓްސްޕާއާއި ވުލްވަހެމްޕްޓަން ވޮންޑަރާސް ބައްދަލުކުރި މެޗު 2-2 އިންވީ އެއްވަރެވެ.

ސްޕާސްގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ލަނޑު ހަތްވަނަ މިނެޓުގައި ކާމިޔާބުކޮށް ލީޑު ނަގާފައިވަނީ ވުލްވްސްއިންނެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ ހުވާން ހީ ޗޭންއެވެ. ނަމަވެސް، އޭގެ ފަސް މިނެޓު ފަހުން ރޮޑްރިގޯ ބެންޓަކޫ ޖަހައިދިން ލަނޑުން ސްޕާސްވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މެޗުގައި ސްޕާސްއަށް ވަނީ ޕެނަލްޓީއެއްވެސް ލިބިފައެވެ. ނަމަވެސް، ކެޕްޓަން ސޮން ހެއުން މިން ޖެހި ޕެނަލްޓީ ވަނީ ވުލްވްސްގެ ހޯސޭ ސާ ދިފާއުކޮށްފައެވެ.

ސްޕާސްގެ ދެވަނަ ލަނޑު ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތިންވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ބްރެނަން ޖޯންސަންއެވެ. މެޗުގައި ވުލްވްސްއިން ހިތްވަރު އެލުވައިނުލާ ކުޅުމުގެ ނަތީޖާއަކަށްވީ މެޗު ނިމެން ތިން މިނެޓަށް ވެފައިވަނިކޮށް ޔޯގެން ސްޓްރާންޑް ލާސެން ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަކުރުމެވެ.

މެޗު އެއްވަރުވުމުން ސްޕާސް މިހާރު އޮތީ 24 ޕޮއިންޓާ އެކު 11 ވަނައިގައެވެ. ވުލްވްސް އޮތީ 16 ޕޮއިންޓާ އެކު 17 ވަނައިގައެވެ.