ނ. މާފަރު ހިތްފަސޭހަގޭ ހަސަން އަބޫބަކުރު 65، މަރާލުމުގެ ތުހުމަތުގައި ދައުވާ ކުރި ދެ މީހުން ދައުވާ އަށް އިންކާރުކޮށްފި އެވެ. މައްސަލައިގައި ދައުލަތުން ދައުވާ ކޮށްފައި ވަނީ ލ. އިސްދޫ އެވަލާސްޓް، މުހައްމަދު ފައިސަލާއި ގ. އިރުފާ، އަހުމަދު ނައުޝާދު ގެ މައްޗަށެވެ.

ފައިސަލާއި ނައުޝާދުގެ ޝަރީއަތް މިއަދު ބާއްވާފައި ވަނީ ވަކިވަކިން ނެވެ.

ދައުލަތުން ދައުވާ އިއްވުމުން ފައިސަލް ބުނީ މުޅި ދައުވާއަށް އިންކާރު ކުރާކަމަށެވެ. އަދި ދައުލަތުގެ ފަރާތުން ވަކީލަކު އައްޔަން ކުރުމުގެ ފުރުސަތަކަށް އޭނާ އެދުމުން ގާޒީ ވަނީ އެފުރުސަތު އޭނާއަށްދެއްވާފަ އެވެ.

ދައުލަތުން ދައުވާ އިއްވުމުން ދައުވާއަށް އިންކާރު ކުރުމަށްފަހު ނައުޝާދު ބުނީ ފުލުހުންގެ ތަހުގީގަށް އޭނާގެ ބަޔާން ނަގާފައި ވަނީ މޫނަށް ޕެޕަސްޕްރޭ ޖަހައި ބިރުދައްކައިގެން ކަމަށާއި މައްސަލައިގައި އަމިއްލައަށް ވަކީލަކު އައްޔަން ކުރަން ދެ ހަފުތާފެ މުއްދަތެއް ބޭނުން ކަމަށެވެ. ނަމަވެސް ގާޒީ ވިދާޅުވީ ފަސް ދުވަސްތެރޭގައި ވަކީލަކު އައްޔަން ކުރަން ޖެހޭނެ ކަމަށެވެ.

ދައުލަތުން ޝަރީއަތުގައި ބުނީ ފައިސަލާއި ނައުޝާދު އިތުރު މީހަކާ ބައިވެރިވެގެން މިއަހަރުގެ މެއި 29 ވަނަ ދުވަހުގެ 1:00 ޖަހާ އެހާކަންހާއިރު ހަސަން އަބޫބަކުރު ބަނދެ އޭނާ ދިރިއުޅޭ ހިތްފަސޭހަގެ އިން ވައްކަން ކުރުމަށް ރާވައި ހަސަން އަބޫބަކުރު ނިދާފައި އޮއްވާ އެ ތިން މީހުން އެގޭގެ ގިފިލީގެ ދޮރުން އެ ގެއަށް ވަދެފައިވާ ކަމަށެވެ.

ތިން މީހުން އެގެއަށް ވަނުމަށްފަހު އަބޫބަކުރު ހިފަހައްޓައި ފައިސަލް އޭނާގެ އަނގަމަތީގައި ޓީޝާޓެއް އަޅައި ލޯމަތީގައި ބާލީހެއް އެޅުމުން ނައުޝާދާއި އަނެއް މީހާ އަބޫބަކުރުގެ އަތުގައި ހިފަހައްޓައި އިންސިއުލެޝަން ޓޭޕުން ދެއަތް ބަދެފައިވާ ކަމަށެވެ.

ވަކީލު ވިދާޅުވީ އެ ތިން މީހުންގެ އަމަލުތަކުގެ ސަބަބުން އަބޫބަކުރު މަރުވެފައިވާތީ ގާނޫނުލް އުގޫބާތުގެ 88 ވަނަ މާއްދާގެ (ރ) ގެ ދަށުން ފައިސަލާއި ނައުޝާދުގެ މައްޗަށް ކުރަނީ ގަސްތުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ ކަމަށެވެ.

މި ދެ މީހުންނާއި ބައިވެރިވެފައި ވަނީ 18 އަހަރުން ދަށުގެ ކުއްޖަކު ކަމަށްވާތީ އެ ކުއްޖާގެ މައްސަލަ ފޮނުވާފައި ވަނީ ޖުވެނައިލް ކޯޓަށެވެ.

ޝަރީއަތަށް ފަހު ނޫސްވެެރިންނަށް މައުލޫމާތު ދެއްވަމުން ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ރިޔާޒު މިއަދު ވިދާޅުވީ ފައިސަލް ދައުވާއަށް އިންކާރު ކުރިނަމަ ވެސް ތަހުގީގު ބަންދާއިމެދު ގޮތެއް ނިންމަން އޭނާ ކްރިމިނަލް ކޯޓަށް ހާޒިރުކޮށް ބޭއްވި މަޖިލީހުގައި ގާޒީ ކުރިމަތީގައިއަބޫބަކުރު މަރާލިކަމަށް ފައިސަލް އެއްބަސްވެފައިވާ ކަމަށެވެ.

ސަން އޮންލައިނަށް އަށް އެނގިފައިވާގޮތުގައި އެމީހުން ވަނީ އެގެއިން ވަގަށް ނަގައި ވަޅުލާފައިވާ ފައިސާތައް ވެސް ފުލުހުންނާ ހަވާލުކޮށްފަ އެވެ.