30 Dec 2024, 09:14
ބޮލީވުޑްގެ ކުރީގެ ބަތަލާ ބިޕާޝާ ބާސޫ އަދި ކަރަން ސިންގް ގްރޯވާ ހިމަނައިގެން ޕްރޮޑިއުސް ކުރި ވެބް ސީރީސްގެ ތަޖުރިބާއަށް ބަލާފައި މިހާރު އެ މަސައްކަތް ކުރަން ފޫހިވާ ކަމަށް އިންޑިއާގެ ލަވަކިޔުންތެރިޔާ މީކާ ސިންގް ބުނެފިއެވެ.
ކަރަން އާއި ބިޕާޝާ ލީޑް ރޯލް ކުޅުނު ވެބް ސީރީސް "ޑޭންޖަރަސް" އަކީ 2020 ވަނަ އަހަރު މީކާ ސިންގް ފިލްމު ޕްރޮޑިއުސަރެއްގެ ގޮތުގައި ތައާރަފްވެ ބެލުންތެރިންނަށް ގެނެސްދިން އޭނާގެ ފުރަތަމަ އުފެއްދުމެވެ.
މީކާ ސިންގް އާއި ޑައިރެކްޓަރު ވިކްރަމް ބަޓް ގުޅިގެން ގެނެސްދިން މި ވެބް ސީރީސް ސްޓްރީމްކޮށްފައި ވަނީ އެމްއެކްސް ޕްލޭޔާއިންނެވެ. މިއުޒިކު ދާއިރާގައި ގިނަ ދުވަހު މަސައްކަތް ކުރުމަށްފަހު މީކާ ސިންގް ބޭނުންވީ ފިލްމު އުފެއްދުމުގެ މަސައްކަތް ތަޖުރިބާ ކޮށްލަން ނަމަވެސް އެކަންވީ ވަރަށް ހިތި ތަޖުރިބާއަކަށް ކަމަށް ޔޫޓިއުބް ޗެނަލް ކަޅަކްއަށް ދިން އިންޓަވިއުއެއްގައި މީކާ ވަނީ ބުނެފައެވެ.

ވެބް ސީރީސް 'ޑޭންޖަރަސް"ގެ މަންޒަރެއްގައި ބިޕާޝާ އަދި ކަރަން--ފޮޓޯ/ޕިންކްވިލާ
އެ ސީރީސްއަށް މީކާ ބޭނުންވީ ކަރަންއާ އެކު މުޅީން އާ ބަތަލާއެއް ކަމަށާއި ނަމަވެސް އެންމެ ފަހު ވަގުތު ބިޕާޝާ އެ ދޭތެރެއަށް ވަދެ ސީރީސްގެ ރޯލަށް ޑިމާންޑު ކުރި ކަމަށް މީކާ ވަނީ ބުނެފައެވެ. އެ ސީރީސްއަށް ހަމަޖެހިފައިވާ ބަޖެޓުގެތެރެއިން ސީރީސްގެ މަސައްކަތް ނިންމާލެވުނު ނަމަވެސް ބިޕާޝާ އާއި ކަރަންގެ ފަރާތުން ތަޖުރިބާ ކުރެވުނީ ހީވެސް ނުކުރާ ކަހަލަ ކަންކަން ކަމަށް މީކާ ބުނެފައިވެއެވެ.
އޭރު ދެ މީހުންވެސް ތިބީ ކައިވެނިކޮށްގެން ކަމަށާއި ވެބް ސީރީސްގެ ބައެއް މަންޒަރުތައް ނެގުމަށް 50 މީހުންގެ ޓީމެއް ލަންޑަނަށް ގެންދެވުނު ކަމަށާއި ނަމަވެސް ދެ މީހުން ވެސް ބޭނުންވީ ވަކި ވަކި ކޮޓަރި ކުއްޔަށް ނަގައިގެން ތިބުމަށް ކަމަށް މީކާ މި އިންޓަވިއުގައި ބުނެފައިވެއެވެ.
ދެމަފިރިން ކަމުން މީކާއަށް ވިސްނުނީ ދެމީހުން ތިބެން ބޭނުންވާނީ އެއް ކޮޓަރިއެއްގައި ކަމަށާއި ފަހުން ބިޕާޝާ އާއި ކަރަން އެމީހުން ތިބި ހޮޓާ ވެސް ބަދަލުކުރުމަށް ޑިމާންޑުކުރި ކަމަށް ކުޅަދާނަ މިއުޒީޝަން ވަނީ ބުނެފައެވެ.
ފަހުން އެ ސީރީސްގެ ޑަބިންގް މަސައްކަތް ކުރިއަށް ދިޔައިރު ވެސް ދެ މީހުންގެ ފަރާތުން ވަރަށް ގިނަ އުޒުރުތައް ދެއްކި ކަމަށާއި ސީރީސްގެ ޑަބިންގް މަސައްކަތް ނިމުނީ ތާވަލު ކުރި ދުވަހަށް ވުރެ އެތައް ދުވަހެއް ފަހުން ކަމަށް މީކާ ވަނީ ބުނެފައެވެ.
ބިޕާޝާ އާއި ކަރަން ސިފަކުރެވުނީ ވަރަށް 'އަންޕްރޮފެޝަނަލް' ބައެއްގެ ގޮތުގައި ކަމަށް ލަވަކިޔުންތެރިޔާ ވަނީ ބުނެފައެވެ. އެފަދަ ތަރިން ބޮޑެތި ފިލްމު ކުންފުނިތަކުން ހުށަހަޅާ ވަރަށް އާދައިގެ ކުދި ރޯލްތައް ހޯދަން ޕްރޮޑިއުސަރުން ގާތު އާދޭސް ކުރާ ކަމަށާއި މީކާއަށް ތަޖުރިބާ ކުރެވުނު ކަންކަމަކީ ފަހަރުގައި އޭނާ އެ ދާއިރާއަށް އާވީމަ ކުރެވުނު ތަޖުރިބާއެއް ކަމަށް ވުމަކީ އެކަށީގެންވާ ކަމެއް ކަމަށް މީކާ ބުނެފައިވެއެވެ.