ރޯދަމަހު ކުރިޔަށް ގެންދާ އިހުޔާ ޕްރޮގްރާމްގެ މިއަހަރުގެ ފޯރަމް އަޑުއަހަން ޖަލްސާއަށްދާ ކޮންމެ މީހަކަށް ހަދިޔާ އެއް ދޭން ނިންމާފައިވާ ކަމަށް އިސްލާމިކު މިނިސްޓްރީން ބުނެފި އެވެ.

މިނިސްޓަރު މުހައްމަދު ޝަހީމު އަލީ ސައީދު ވިދާޅުވީ ރޯދަ މަސް އިހުޔާކުރުމުގެ ޕްރޮގްރާމް ދިވެހި އިލްމުވެރިންނާއެކު މިއަހަރު ވެސް ކުރިއަށް ގެންދާނެ ކަމަށާއި މިއަހަރުގެ އިހުޔާ ފޯރަމަށްދާ ކޮންމެ މީހަކަށް ވެސް ހަދިޔާއެއް ދޭނެ ކަމަށެވެ. ދޭ ހަދިޔާއާބެހޭ ތަފުސީލެއް މިނިސްޓަރު ނުދެއްވަ އެވެ.

"ރާއްޖެގެ އިލްމު ވެރިންނަށް ރާއްޖޭގެ މާހައުލު އެނގިލައްވާނީ. ފަތުވާތައް ދިނުމާއި ރާއްޖޭގެ މަސްލަހަތުތަކާއި އުރުފާއި އާދަކާދަތައް އެނގިލައްވާ ބެފުޅުންނަށް އެ ފުރުސަތު ދެއްވުން އެންމެ ރަނގަޅު ވާނީ،" ޝަހީމު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އިމާމުވެ ނަމާދު ކުރަން ސައުދީ އަރަބިޔާއިން ފޮނުވާ އިމާމުންނާއި އަސުރު ނަމާދަށްފަހު މިސްކިތްތަކުގައި ވައުޒު ވިދާޅުވުމަށް އަޒުހަރު ޔުނިވާސިޓިން ފޮނުވާ އިލްމުވެރިންނާއި ރަށްރަށުގައި ތަރާވީހު ނަމާދުކުރަން ވަޑައިގެންނަވާ ބޭފުޅުން ވަރަށް އަވަހަށް ރާއްޖެ ވަޑައިގެންނަވާނެ ކަމަށެވެ.

ރޯދަމަހު ތަރާވިޙު ނަމާދުކުރަން ހާފިޒުން ފޮނުވައި ދިނުމަށް އެދިފައިވާ ރަށްރަށަށް ހާފިޒުން ހަމަޖެއްސައި ދެވޭތޯ މަސައްކަތްކުރައްވާ ކަމަށާއި ބަޖެޓްގެ ދަތިކަން އޮތް ނަމަވެސް ކައުންސިލްތަކާއި އާންމުންގެ ދީލަތި އެހީއާއެކު އެމަސައްކަތް ކުރައްވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"ރާއްޖެއިން ބޭރުން އަންނަ އިމާމުންގެ ދަތުރުފަތުރާއި ޓިކެޓްގެ ކަންކަން ހަމަޖައްސަމުންދަނީ އެރަށްރަށުގެ އަހުލުވެރިން. އަދާލަތު ޕާޓީން އިމާމުން ގެނައުމުގައި އެހީތެރިވަމުން ދަނީ. އަޅުގަނޑުމެން މިނިސްޓްރީން އެބޭފުޅުން އެދިވަޑައިގެންނަވާނަމަ އެލެވެންސް ހަމަޖައްސައި ދޭނީ،" ޝަހީމު ވިދާޅުވި އެވެ.

ޝަހީމު އަދި ވިދާޅުވީ ރޯދަ މަހުގެ ހަނދު ސާބިތު ކުރުމުގެ ރަސްމިއްޔާތު އެހެން އަހަރުތަކާއި ހިލާފަށް ބޮޑު ޖަލްސާއަށް ގޮތަށް ރަސްމީކޮށް ކުރިއަށް ގެންދަން ގަސްތުކުރާ ކަމަށާ އެޖަލްސާގައި އިލްމުވެރިން ދީނީ ބައެއް މައްސަލަތަކާއި ގުޅޭ ގޮތުން ބަހުސްކުރުމަށް ފުރުސަތު ހުޅުވާލައްވާނެ ކަމަށެވެ.