10 Jul 2012, 13:58
މާލޭގެ ފްލެޓްތަކާއި ވިލިމާލޭ ފްލެޓްތައް ބަލަހައްޓަން މާލޭ ސިޓީ ކައުންސިލާއި ވިލޭޖް ކޮންސްޓްރަކްޝަނާ ދެމެދު ކޮށްފައިވާ 30 މިލިއަން ރުފިޔާގެ އެއްބަސްވުން ބާތިލު ކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މާލޭ ސިޓީ ކައުންސިލަށް އަންގައިފި އެވެ.
އެ ޕްރޮޖެކްޓް ބާތިލުކޮށް އެ މަސައްކަތް ހަވާލުކުރުމުގެ މަސައްކަތް ފިނޭންސް މިނިސްޓްރީގެ ޓެންޑާ އިވެލުއޭޝަން ބޯޑާއި ހަވާލުކުރަން އޭސީސީން ކައުންސިލަށް އަންގާފައިވަނީ އިއްޔެ އެވެ.
އޭސީސީން މިއަދު ބުނީ އެ ޕްރޮޖެކްޓް ބާތިލު ކުރަން ސިޓީ ކައުންސިލަށް އެންގީ އެ ޕްރޮޖެކްޓާބެހޭ ޝަކުވާ ލިބިގެން މައްސަލަ ތަހުގީގު ކުރިއިރު ވިލޭޖް ކޮންސްޓްރަކްޝަނާ ހަވާލުކުރި ޕްރޮޖެކްޓަކީ 1.5 މިލިއަން ރުފިޔާއަށް ވުރެ ބޮޑު ޕްރޮޖެކްޓެއް ކަމަށާއި ޕްރޮޖެކްޓެއްގެ އަގު އެ އަދަދަށް ވުރެ ބޮޑުވާނަމަ އެ މަސައްކަތް ހަވާލުކުރުމުގެ ކަންތައްތައް ކުރަން ޖެހޭނީ ޓެންޑާ އިވެލުއޭޝަން ބޯޑަށް ހުށަހަޅައި މާލިއްޔަތު ގަވާއިދުން ކަމަށެވެ. ނަމަވެސް ސިޓީ ކައުންސިލުން އެ ގޮތަށް އަމަލުކޮށްފައި ނުވާ ކަމަށެވެ.
ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ 8.25 (ހ) ގައި ބުނަނީ މަސައްކަތެއްގެ އަގު ތަކެތީގެ އަގާއެކު 1.5 މިލިއަން ރުފިޔާއިން މަތިނަމަ މަސައްކަތްތައް ހަވާލުކުރާނެ ފަރާތެއް ހޯދާނީ އެ މަސައްކަތާއިބެހޭ ކުރެހުންތަކާއި ތަފްސީލުތައް ޓެންޑާ އިވެލުއޭޝަން ބޯޑަށް ހުށަހަޅައިގެން ކަމަށެވެ.
ފުލެޓްތަކުގެ ސެކިޔުރިޓީ ބަލަހައްޓައި ފުލެޓްތަކުގެ މާރާމާތުގެ ކަންތައްތައް ކުރަން ވިލޭޖް ކޮންސްޓްރަކްޝަންއާ މިދިޔަ އެޕްރީލް މަހު ތެރޭގައި ހަވާލުކުރީ 10 އަހަރުގެ މުއްދަތަށެވެ. އެ އެއްބަސްވުމުގެ ދަށުން ފުރަތަމަ އަހަރު 3.6 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދައްކަން ޖެހޭއިރު ބާކީ އޮތް ކޮންމެ އަހަރަކަށް ތިން މިލިއަން ރުފިޔާ ދައްކަންޖެހެ އެވެ. އަދި 10 އަހަރަށް ބަލާނަމަ މުޅި ކޮންޓްރެކްޓްގެ އަގު 30.6 މިލިއަން ރުފިޔާއަށް އަރަ އެވެ.
އެ އެއްބަސްވުން ބާތިލު ކުރަން އެންގި އެހެން ބައެއް ސަބަބުތައް ވެސް އޭސީސީން ވަނީ ހާމަކޮށްފަ އެވެ. އެގޮތުން ސަރުކާރުން އިމާރާތްކުރާ ފްލެޓްތަކަކީ ވަކި އުސޫލެއްގެ ދަށުން ހަވާލުކުރާ ތަންތަން ކަމަށް ވުމުން އެކަން ކުރުމަށް ހަވާލުވާ ކުންފުންޏަށް ފްލެޓްތައް ހަވާލު ނުކުރެވޭނޭ ކަމަށާއި އަދި ފްލެޓްތަކުގެ ގޯތި ތެރޭގައި އޮންނަ ހުސްތަނުގައި އެއްވެސް އިމާރާތެއް ނުކުރެވޭނެ ކަމަށް ހައުސިން މިނިސްޓްރީގެ ލިޔުންތަކުން އެނގޭ ކަމަށް ބުނެފައި ވެއެވެ.
ނަމަވެސް އެގްރިމަންޓްގައި އެކަން މަނާ ކޮށްފައި ނުވާ ކަމަށް އޭސީސީން ބުންޏެވެ. އަދި އެ މަސަކަތަށް ކުންފުނިން ބީލަން ހުށަހެޅިއިރު ވަކި މުއްދަތެއް ހުށަހަޅާފައި ނެތް އިރު އެގްރިމަންޓް ކުރިއިރު 10 އަހަރުގެ މުއްދަތަށް އެގްރިމަންޓްކޮށްފައިވާ ކަމަށްވެސް އެ ކޮމިޝަނުން ބުންޏެވެ.
އޭސީސީން ބުނީ އެ ފައިސާ ބަޖެޓުގައި ހިމަނާފައި ނުވާއިރު ބަޖެޓްގެ ކޯޑަށް ބަދަލު ގެންނަން ފިނޭންސަށް ސިޓީ ކައުންސިލުން ހުށަހަޅާފައި ވިޔަސް ބަޖެޓްގެ އެ ކޯޑަށް ބަދަލު ގެނެސްފައި ނުވާ ކަމަށެވެ. ނަމަވެސް ވިލޭޖް ކޮންސްޓްރަކްޝަނަށް 500،000ރ. ގެ ޕޭމަންޓް ހަދާފައި ވަނީ ޕޭމަންޓް ވޮއުޗަރުގައިވާ އަދަދަށް ދެއްކޭނެ ވަރަށް ބާކީ ފައިސާ ނެތިސް އައިޓަމް ޑެބިޓްކޮށްގެން ކަމަށާއި އެއީ މާލިއްޔަތު ގަވާއިދާއި ހިލާފަށް ކޮށްފައިވާ ކަމެއް ކަމަށެވެ.
މާލިއްޔަތު ގަވާއިދުގެ 4.06 (ހ) ގައި ބުނަނީ ބަޖެޓުން ކުރަން ޖެހޭ ހަރަދުތައް ކުރަން ވާނީ އެކަމަކަށް ބަޖެޓުގައި ކަނޑައެޅިފައި އޮތް އަދަދަށްވުރެ އިތުރު ނުވާނެ ގޮތެއްގެ މަތިން އެ ހަރަދެއް ކުރަން އެންމެ ހަމަޖެހޭ އައިޓަމަކުން ކަމަށެވެ. އެއީ ބަޖެޓުގެ ހަރަދުތައް ކުރުމުގައި އެކި ކަންކަމަށް ހިނގި ހުރިހާ ހަރަދެއް ވަކިވަކިން ބަލަން ބޭނުން ވިޔަސް އެކަމަށް ކަޑައެޅިފައި އޮންނަ އައިޓަމަކުން އެނގޭނެ ގޮތެއްގެ މަތިން ކަމަށެވެ.
އެ މާއްދާގެ (ށ) ގައި ބުނަނީ ބަޖެޓުގައި ހިމެނިފައިނުވާ ކަމަކަށް ހަރަދުކޮށްގެން ނުވާނެ ކަމަށެވެ. އަދި އެފަދަ ހަރަދެއް ކުރަން ބޭނުން ވެއްޖެ ނަމަ ކުރަންވާނީ ފިނޭންސަ ލިޔެ ހުއްދަ ދިނުމަށް ފަހުގައި ކަމަށެވެ.
"މި މައްސަލައިގައި މިހާތަނަށް މި ކޮމިޝަނަށް ފާހަގަކުރެވިފައިވާ ކަންކަމަށް ބަލާއިރު، މި ކަމަކީ ވަކި ފަރާތަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދިނުމަށް ކޮށްފައިވާ ކަމެއް ކަމަށް ބެލެވޭތީ، އެ މައްސަލަ މި ކޮމިޝަނުން މި އަންނަނީ ބަލަމުންނެވެ،" އޭސީސީން ބަޔާނުގައިވެ އެވެ.
ފްލެޓްތައް ޕްރައިވެޓައިޒް ކުރުމާއި ދެކޮޅަށް ފުލެޓްތަކުގައި ދިރިއުޅޭ މީހުން މީގެ ކުރިން ވަނީ ސިޓީ ކައުންސިލާއި ދެކޮޅަށް އިހުތިޖާޖުވެސް ކޮށްފަ އެވެ.