މި ދުވަސްވަރު ސޯޝަލް މީޑިއާގެ ފީޑުން އެންމެ ގިނައިން ފެންނަ އެއް މަންޒަރަކީ ގާތް އެކުވެރިންނާއި އާއިލާގެ މެންބަރުން އެއްވެ ޚާއްސަ މެސެޖުތަކާއި ފޮޓޯތައް ހިމެނޭހެން ޚާއްސަ ބޯޑެއް ތައްޔާރުކުރާ މަންޒަރެވެ. މިއީ ވަރަށް މަޖާ އެކުވެރި މާހައުލެއްގައި ކުރިއަށްގެންދާ ހަރަކާތެއްކަމުން މިކަމުގެ ހަގީގަތް ބަލައިލިއިރު މިއީ ނުކޮށް ދޫކޮށްލާވަރުގެ ކަމެއް ނޫނެވެ.

އަހަރެއް ނިމި އާ އަހަރަކަށް މަރުހަބާ ކިޔަން އެކި މީހުން ތައްޔާރުވަމުން އަންނައިރު ގިނަ ޒުވާނުންނާއި މެދު އުމުރުގެ މީހުން ވެސް އެއްވެލައިގެން މި ކުރާ ކަމަކީ ފެށޭ އާ އަހަރު ހާސިލުކުރަން ބޭނުންވާ ކަންކަން އަންގައިދޭ 'ވިޝަން ބޯޑެ'އް ތައްޔާރުކޮށްލުމެވެ.

މިއީ މާ ބޮޑު ޕްލޭނެއް ނުވަތަ ކޮންސެޕްޓެއް ތައްޔާރުކޮށްގެން ކުރާ ކަމެއް ނޫން ކަމަށާއި ވަރަށް ފަސޭހައިން ތައްޔާރުކޮށްލެވޭ އެއްޗެއް ކަމަށް ދާދި ފަހުން އާއިލާގެ މެންބަރުންނާ އެކު 'ވިޝަން ބޯޑު' ތައްޔާރުކުރި އެކުވެރިއަކު ވަނީ ބުނެފައެވެ.

'ވިޝަން ބޯޑު' ތައްޔާރުކޮށްލަން އެއްވެލާ އެއްވެލުމަކީ ދޭދޭ ގުޅުން ވެސް ބަދަހިކޮށްލަން ލިބޭ ރަގަޅު ފުރުސަތެއް--ފޮޓޯ/ޕިންޓްރެސްޓް

"ހުކުރު ދުވަހު ވިޝަން ބޯޑު ތައްޔާރުކުރާ ބައްދަލުވުމަކަށް ދާން އާއިލާއިން ދައުވަތު ލިބުމުން ދިޔައީ. އަނެއްހެން މާ ބޮޑަށް އެ ކަމަށް ތައްޔާރެއް ނުވަން. ހަމައެކަނި މެދު ސައިޒްގެ ކެންވާސްއަކާއި ދެން އަންނަ އަހަރު ހާސިލުކުރަން ބޭނުންވާ ކަންކަން ވިސްނާލައިގެން ގޮސް އެންމެން އެކީ ތިބެ، އެ މީހަކު ކުރަން ނިންމި ކަމަކާ ގުޅޭ ފޮޓޯތައް ޕްރިންޓުކޮށް ބޯޑު ރީތިކޮށް ޑެކަރޭޓް ކޮށްލުން މަސައްކަތަކަށް އޮތީ. ވަރަށް އުފާވެރި ވަގުތުކޮޅެއް އާއިލާގެ މެންބަރުންނާ އެކު ހޭދަކޮށްލަން ލިބުނު،" އެކުވެރިޔާ ބުންޏެވެ.

މި ބޯޑުގެ އެންމެ މުހިންމު ބޭނުމަކީ އާ އަހަރު ނޫނަސް ހަޔާތުގައި ހާސިލުކުރަން ބޭނުންވާ ވަކި ކަންކަން ސިކުނޑީގައި ބިންވަޅު ނެގުމަށް ފަހު އެކަން ފެންނަން ހުރުމުން މީހާ އެ ކަމަށް 'މޯޓިވޭޓް' ކޮށްދިނުމުގައި ލިބޭ އެހީތެރިކަން ކަމަށް މި ރަހުމަތްތެރިޔާ ވަނީ ބުނެފައެވެ.

މިއީ ދިރިއުޅުމުގައި ވަކި ކަމެއް ހާސިލުކުރަން ނިޔަތް ގަންނަނަމަ އެކަން ފެށުމުގެ ގޮތުން ކުރެވިދާނެ މުހިންމު ކަމެއްގެ ގޮތުގައި އެކުވެރިޔާ ވަނީ ސިފަކޮށްފައެވެ.

އާ އަހަރަށް ހާސިލުކުރާ ކަންކަން ދައްކުވައިދޭ 'ވިޝަން ބޯޑެއް'--ފޮޓޯ/ޕިންޓްރެސްޓް

ވިޝަން ބޯޑު ތައްޔާރުކޮށްލުމަށް ފަހު ފަސޭހައިން ފެންނަ ތަނެއްގައި ބެހެއްޓުމުގެ އިތުރުން ދޭތެރެ ދޭތެރެއިން އެ ބޯޑުގައި ތިމާ ކުރަން ނިންމި ކަންކަން ކިޔާލުމަކީ ވަރަށް މުހިންމު ކަމެކެވެ. ވިޝަން ބޯޑުގައި ހިމަނާލެވުނު ކަމެއް ކާމިޔާބުކުރެވިއްޖެނަމަ އެ ކަމެއް ފާހަގަކޮށްލުމަކީ ވެސް އެކީގައި ބޯޑު ތައްޔާރުކުރި އެހެން މީހުންނަށް ވެސް ލިބޭނެ ވަރަށް ބޮޑު ހިތްވަރަކަށް ވާނެއެވެ.

މިއީ މި ފެށޭ އާ އަހަރާ ގުޅުވައި، އާއިލާއާ އެކު ކޮށްލަން ރަނގަޅު ކަމެކެވެ.