މި މަހުގެ 27 އިން އޮގަސްޓް 12ގެ ނިޔަލަށް ލަންޑަނުގައި ބޭއްވުމަށް ހަމަޖެހިފައިވާ އޮލިމްޕިކް ގޭމްސްގެ ފުޓްބޯޅަ އިވެންޓުގައި ވާދަކުރާ އުރުގުއޭ ޓީމުގެ ސްކޮޑަށް ލިވަޕޫލުގެ ހުނަރުވެރި ފޯވާޑް ލުއިސް ސުއަރޭޒް ނަގައިފި އެވެ.

މިފަހަރުގެ މުބާރާތުގެ ގްރޫޕް އޭ ފަޅިން އުރުގުއޭ ޓީމް ލައްވާލައިފައިވާ އިރު، މި ގްރޫޕްގައި ދެން ހިމެނޭ އަނެއް ތިން ޓީމަކީ އިނގިރޭސި ވިލާތާއި ސެނެގާލް އަދި ޔޫއޭއީ އެވެ.

މިފަހަރުގެ މުބާރާތުގައި ވާދަކުރުމަށް އުރުގުއޭ ޓީމުގައި 18 ކުޅުންތެރިންގެ ސްކޮޑެއް ހިމަނައިފައިވާ އިރު، އުމުރުން 25 އަހަރުގެ ސުއަރޭޒާ އެކު އެ ޓީމުގެ ފޯވާޑުންގެ ތެރޭގައި ދެން ހިމެނޭ އަނެއް ތިން ކުޅުންތެރިންނަކީ ނަޕޯލީ އަށް ކުޅެމުން އަންނަ އެޑިންސަން ކަވާނީ އާއި ޕަލެމޯއަށް ކުޅެމުން އަންނަ އަބެލް ހެނޭންޑޭޒް އަދި ނަކީނޯލްއަށް ކުލެމުން އަންނަ ޓަބަރެ ވިއުދިޒް އެވެ.

މީގެއިތުން އުރުގުއޭ ޓީމުގެ ސްކޮޑުގައި ދެ ކީޕަރުން ހިމަނާފައިވާ އިރު، ޑިފެންޑަރުގެ ތެރޭގައި ހިމަނާފައި ވަނީ ޖުމްލަ ހަ ކުޅުންތެރިންނެވެ. އަދި މިޑްފީލްޑަރުގެ ތެރޭގައި ހިމެނާފައި ވަނީ ވެސް ހަ ކުޅުންތެރިންނެވެ.

މިފަހަރުގެ މުބާރާތައް އުރުގުއޭއިން ކުރިމަތިލާއިރު މީގެ ކުރިން، އުރުގުއޭ އިން ވަނީ އޮލިމްޕިކް ފުޓްބޯޅައިގެ ދެ ރަން މެޑަލް ހޯދާފަ އެވެ. އެއީ 1924 އަދި 1928 ގަ އެވެ.

މިފަހަރުގެ އޮލިމްޕިކްސް ގޭމްސްގައި ދުނިޔޭގެ 204 ގައުމަކުން ބައިވެރި ވެފައިވާ އިރު، ޖުމްލަ 26 ކުޅިވަރެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.