14:33


ބްރޯޑްކާސްޓް ކުރުމުގެ ބިލް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިއަދު ތަޞްދީޤު ކުރައްވައިފި އެވެ.


މި ބިލް ތަޞްދީޤު ކުރެއްވުމާ ގުޅިގެން، މި ޤާނޫނު ދިވެހި ސަރުކާރުގެ ގެޒެޓުގައި ވަނީ ޝާއިޢުކޮށްފަ އެވެ.


މިއީ، ދިވެހިރާއްޖޭގައި ބްރޯޑްކާސްޓްކުރުމުގެ ސިޔާސަތުތައް ތަންފީޒު ކުރުމަށްޓަކައި ކޮމިޝަނެއް އުފެއްދުމާއި، އެ ކޮމިޝަނުގެ މަސްއޫލިއްޔަތުތަކާއި، ވާޖިބުތައް އެކަށައެޅުމާއި، ބްރޯޑްކާސްޓް ކުރުމުގެ ޢާންމު އުސޫލުތައް ބަޔާންކުރުމާއި، ބްރޯޑްކާސްޓްކުރުމަށް ލައިސަންސް ދެވޭނެގޮތްތައް ބަޔާންކުރުމާއި، ބްރޯޑްކާސްޓްކުރުމާ ގުޅޭ އެނޫންވެސް ކަންކަން ބަޔާންކުރުމުގެ ޤާނޫނެވެ.


އަށް ބާބެއްގެ މައްޗަށް އެކުލެވޭ މި ޤާނޫނުގައި ހިމެނެނީ، އިބްތިދާއީ މާއްދާތަކުގެ ބާބާއި، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ބާބާއި، ޚިދްމަތުގެ ބާވަތްތަކުގެ ބާބާއި، ލައިސަންސްގެ ބާބާއި، ބްރޯޑްކާސްޓް ކުރާ ކޮންޓެންޓްގެ ބާބާއި، ޚިދްމަތް ފޯރުވައި ދިނުމުގެ ބާބާއި، ޤާނޫނާއި ގަވާއިދާ ޚިލާފުވުމުގެ ބާބާއި، އެހެނިހެން ކަންތައްތައް ހިމެނޭ ބާބެވެ.


މި ޤާނޫނުގެ މަޤްޞަދަކީ، މި ދަންނަވާ ކަންކަމަށް މަގުފަހިކުރުމުގެ ގޮތުން، ދިވެހިރާއްޖޭގައި ބްރޯޑްކާސްޓް ކުރުމުގެ ސިޔާސަތެއް އެކަށައަޅައި، ތަރައްޤީކޮށް، ހިންގުން ކަމަށް އެޤާނޫނުގައި ބުނެފައިވެ އެވެ.


އެގޮތުން އެ ޤާނޫނުގެ ދަށުން ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ ދަށުން ލިބިދޭ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ދަމަހައްޓައި، އާލާކުރުމާއި، ޤައުމު ބިނާކުރުމަށާއި، ޑިމޮކްރަސީ އާލާކުރުމަށާއި، ދިވެހިރާއްޖޭގެ ދީނީ، ޘަޤާފީ، ސިޔާސީ، އިޖްތިމާޢީ، ޤައުމީ، އިޤްތިޞާދީ، އަދި ފަންނުވެރި ހުނަރުތަކުގެ ފޭރާން ރައްކާތެރިކޮށްދީ، މުއްސަނދިކޮށް ދިނުމާއި، މި ޤާނޫނުގެ ތަރަހައިގެ ތެރޭގައި، ޚަބަރާއި މަޢުލޫމާތު ފެތުރުމުގައި އެއްފަރާތަށްވުރެ ގިނަ ފަރާތްތަކަށް ބައިވެރިވެވޭނެގޮތް ހަމަޖައްސައިދިނުމާއި، ތަފާތު ބާވަތުގެ ހިޔާލުތަކަށާއި، ތަފާތު ވިސްނުންތަކަށް، ފުރުސަތު ލިބޭނެގޮތް ހަމަޖައްސައި ދިނުން ހިމޭނެ އެވެ.


ހަމައެހެންމެ ޕަބްލިކް ބްރޯޑްކާސްޓިންގ ހިދުމަތާއި، އަމިއްލަ މީޑިއާގެ ހިދުމަތާއި، ކޮމަރޝަލް ބްރޯޑްކާސްޓިންގގެ ހިދުމަތާއި، ކޮމިއުނިޓީ ބްރޯޑްކާސްޓިންގގެ ޚިދުމަތްދިނުމުގެ އުސޫލުތައް ރާއްޖޭގައި ތަޢާރުފުކޮށް ހިންގާނެ ވަސީލަތްތަކެއް ޤާއިމުކުރުމާއި، ދިވެހިރާއްޖޭގެ އާބާދީގެ އެކި ގިންތިތަކަށް އަމާޒުކޮށް މަޢުލޫމާތާއި ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ފޮނުވޭނެގޮތް ހެދުމާއި، ދިވެހިރާއްޖޭގެ ބްރޯޑްކާސްޓް ކުރުމުގެ މައިދާނުގައި އިންވެސްޓް ކުރުމަށް މަގުފަހިކޮށްދިނުމާއި، އެ މައިދާނުގައި މާލީ ތަނަވަސްކަން ލިބިގަތުމަށާއި، އިންސާފުވެރި ވާދަވެރިކަމަށް ފުރުޞަތު ހުޅުވާލުމާއި، ދިވެހިރާއްޖޭގެ ބްރޯޑްކާސްޓް ކުރުމުގެ މައިދާނުގެ ބާރުތައް އެއްބައެއްގެ އަތްމައްޗަށް ނުދާނެގޮތަށް އެ މައިދާން ބައްޓަންކުރުމާއި، އިންސާފުވެރި ވާދަވެރިކަމަށް ފުރުޞަތު ހުޅުވާލުން ހިމެނެ އެވެ.


މި މަޤްސަދުތައް ހާސިލުކުރުމަށްޓަކައި، ދިވެހިރާއްޖޭގައި ބްރޯޑްކާސްޓް ކުރުމުގެ ސިޔާސަތުތައް ތަންފީޒުކޮށް، އެސިޔާސަތުތައް ދިފާއުކޮށް، ރައްކާތެރިކުރުމާއި، ބްރޯޑްކާސްޓްކުރާ ފަރާތްތަކުން އެސިޔާސަތާ އެއްގޮތަށް ޢަމަލުތައް ބަހައްޓާތޯ ބަލައި، އެސިޔާސަތުތަކާ އެކި ފަރާތްތަކުން ޚިލާފުވާ ފަހަރުތަކުގައި ފިޔަވަޅު އެޅުމަށާއި، ބްރޯޑްކާސްޓްކުރުމުގެ ސިޔާސަތާގުޅޭ އެހެނިހެން ކަންކަން ކުރުމަށާއި، ދިވެހިރާއްޖޭގެ ބްރޯޑްކާސްޓް ކުރުމުގެ ޚިދުމަތް ޒިންމާދާރު ގޮތެއްގައި ހަރުދަނާ ކުރުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރުމަށްޓަކައި އުފައްދާ "މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން" މި ޤާނޫނުގެ ދަށުން އުފެދިފައިވެ އެވެ. އެ ކޮމިޝަނަކީ އަމިއްލަ ނަމުގައި ދަޢުވާ ކުރުމާއި ދަޢުވާ ލިބިގަތުމުގެ ބާރު ލިބިގެންވާ ކޮމިޝަނެކެވެ. އެ ކޮމިޝަން އެކުލެވިގެންވާނީ، އެ ޤާނޫނުގެ 6 ވަނަ މާއްދާގައިވާ ގޮތުގެމަތިން ޢައްޔަންކުރެވޭ 7 މެންބަރުންގެ މައްޗަށެވެ.


އެއިން ކޮންމެ މެންބަރަކީވެސް، ބްރޯޑްކާސްޓް ކުރުމުގެ ދާއިރާއިން، ޚާއްސަކޮށް، ސިޔާސަތު އެކުލަވާލުމާއި، ޤާނޫނާއި އާ އީޖާދުތަކާއި، ނޫސްވެރިކަން އަދި/ނުވަތަ ވިޔަފާރީގެ ރޮނގުން، ތަޢުލީމު ނުވަތަ ތަޖުރިބާ ލިބިފައިވާ، މުޖުތަމަޢު ޤަބޫލުކުރާ މިންގަނޑުތަކުން އަބުރުވެރި، އަޚްލާޤު ރަނގަޅު، ވަކިފަރާތަކަށް ނުޖެހޭ ޤާބިލު މީހެއް ކަމުގައި ވާންވާނެ ކަމަށް އެޤާނޫނުގައިވެ އެވެ.


މި ޤާނޫނަށް ޢަމަލުކުރަން ފަށާނީ، މި ޤާނޫނު ފާސްވެ، ތަޞްދީޤުކޮށް ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ތާރީޚުން ފެށިގެން 90 ދުވަސްވުމުން ކަމަށްވެސް އެޤާނުނުގައިވެ އެވެ.