ކޮމިޓީތައް އެކުލަވާލެއްވުމާ ގުޅޭ ގޮތުން، މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ސިޔާސީ ޕާޓީތަކުގެ އިސްވެރިންގެ މެދުގައި ކުރިއަށްދާ މަޝްވަރާތަކުގައި މިހާތަނަށް އައި އިރު ވެސް އެއްބަސްވުމަކަށް އާދެފައި ނުވާތީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ކުރިއަށް ނުގެންދަވައި ރިޔާސަތުން ނިންމަވާލައްވައިފި އެވެ.

މިއަދުގެ ޖަލްސާ ނިންމާލާފައި މިވަނީ، އެ މަޝްވަރާތަކަށް ފަހު ޖަލްސާ ކުރިއަށް ގެންދިއުމަށް ދެ ފަހަރެއްގެ މަތިން ކަނޑައެޅުއްވުމަށް ފަހުގަ އެވެ.

މަޝަވަރާތަކަށް ތަން ދިނުމަށް ފަހު މިއަދުގެ ޖަލްސާ ކުރިއަށް ގެންދިއުމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބުދުﷲ ޝާޙިދު ފުރަތަމަ ނިންމެވީ 12:00ގަ އެވެ. ޝާޙިދު ވިދާޅުވީ މިއަދު ހެނދުނު 08:30 އިން ފެށިގެން ޕާޓީތަކުގެ މެދުގައި މަޝްވަރާތައް ކުރިއަށްދާ ކަމަށެވެ. އެހެންކަމުން އެކަމަށް ފުރުސަތު ދެއްވުމަށް ފަހު 12:00ގައި ޖަލްސާ ކުރިއަށް ގެންދިއުމަށް މެދުކަނޑައިލެއްވި ނަމަވެސް މަޝްވަރާތައް ނުނިމޭތީ 1:00ގައި ޖަލްސާ ކުރިއަށް ގެންދިއުމަށް ވެސް ނިންމެވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން ބުނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މާދަމާ ވެސް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.