28 Dec 2024, 17:38
ޣައްޒާގެ ކަމާލް އަދްވާން ހޮސްޕިޓަލަށް އިސްރާއީލުން ދިން ހަމަލާ ދިވެހި ސަރުކާރުން މިއަދު ކުށްވެރިކޮށްފިއެވެ.
ފޮރިން މިނިސްޓްރީއިން މިއަދު ނެރުނު ބަޔާނެއްގައިވަނީ ޣައްޒާގެ އުތުރުގައި ހުންނަ ކަމާލް އަދްވާން ހޮސްޕިޓަލުގައި އިސްރާއީލީ ފައުޖުން ހުޅުޖަހާ އަންދާލައި، ބަލިމީހުންނާއި މުވައްޒަފުން އެތަނުން ނެރުމަށް މަޖުބޫރުކުރުވި ޢަމަލު، ދިވެހި ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
އަދި މިއީ ބައިނަލްއަޤްވާމީ އިންސާނިއްޔަތާބެހޭ ޤާނޫނާއި ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކާބެހޭ ޤާނޫނާ މުޅިން ޚިލާފު، ނުރައްކާތެރި ޢަމަލެއް ކަމަށް ފޮރިން މިނިސްޓްރީއިން ވަނީ ބުނެފައެވެ.
މިނިސްޓްރީއިން ވަނީ މިއީ ފަލަސްޠީނު ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ކެނޑިނޭޅި ދެމުންގެންދާ އަނިޔާވެރި، ޢުދުވާނީ ހަމަލާތަކުގެ އިތުރު ލާއިންސާނީ ހަމަލާއެއް ކަމަށެވެ. އަދި ސިއްޙީ ޚިދުމަތް ދޭ މުހިންމު މަރުކަޒުތަކަށް މިފަދައިން ހަމަލާ ދިނުމަކީ ހަނގުރާމައިގެ މައިދާނުގައި ކުށެއްކަމުގައި ބައިނަލްއަޤްވާމީ މުޢާހަދާތަކުގައި ކަނޑއަޅާފައިވާ ޢަމަލެއް ކަމަށް ވެސް ވަނީ ބުނެފައެވެ.
މިނިސްޓްރީއިން ވަނީ ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ އަނިޔާވެރި ޢަމަލުތައް ހުއްޓުވައި، ފަލަސްޠީނުގެ ރައްޔިތުން ޙިމާޔަތްކޮށް، ޖަރީމާތަކަށް ޒިންމާވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުއަށް، ޚާއްޞަކޮށް އދ. ގެ ސަލާމަތީ މަޖިލީހަށް، ދިވެހިރާއްޖެއިން ގޮވާލާ ކަމަށް ބުނެފައެވެ.
އަދި މި ހަމަނުޖެހުމަށް ދެމެހެއްޓެނިވި އަދި ޢަދުލުވެރި، ޞުލްޙަވެރި ޙައްލެއް ލިބޭނީ 1967 ގެ ކުރީގެ ސަރަޙައްދީ ޗާޓުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ފަލަސްތީނުގެ ވެރިކަންކުރާ ރަށްކަމުގައި ކަނޑައަޅައި، ފަލަސްޠީނުގެ މިނިވަން އަދި މުސްތަޤިއްލު ދައުލަތެއް ޤާއިމްކުރެވިގެންކަމުގައި ރާއްޖެއިން ދެކޭކަމަށް ވެސް ވަނީ ބުނެފައެވެ.
ފަލަސްތީނުގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ އިސްރާއިލުން ހިންގަމުންދާ ލާއިންސާނީ އުދުވާނުގައި ޝަހީދުކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 45,300 އަށް އުފުލިފައެެވެ.
އޭގެ ތެރޭގައި 17,000 އެއްހާ ކުޑަކުދިން ހިމެނޭއެވެ. އަދި އިތުރު 10,000 އެއްހާ މީހުންގެ ހަށިތައް ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ ކަމަށް ޣައްޒާގެ އޮފިޝަލުން ޤަބޫލު ކުރެއެވެ.