10 Jul 2012, 13:24
ރާއްޖެ ވަޑައިގެން އުޅުއްވާ އެމެރިކާގެ ސަފީރު ޕެޓްރީސިއާ އޭ ބޫޓެނިސް ހއ. ދިއްދޫ ވަޑައިގަތުމަށް ހަމަޖެހިފައިވާތީ ދިއްދޫ ކައުންސިލުން 3000 ވުރެ ގިނަ އެމެރިކާ ދިދަ ނުބައިކޮށް ޕްރިންޓް ކޮށްފި އެވެ. ކައުންސިލުން ދިދަތައް ޕްރިންޓްކޮށްފައި ވަނީ ސްރީލަންކާއިންނެވެ.
ނަން ނުޖެހުމަށް ޝަރުތުކޮށް ދިއްދޫ އިސް ބޭފުޅަކު ވިދާޅުވީ އެމެރިކާގެ ސަފީރު މިއަދު އެރަށް ވަޑައިގަތުމަށް ހަމަޖެހިފައިވާތީ ލަންކާއިން ޕްރިންޓް ކޮށްގެން ގެންދިޔަ އެމެރިކާގެ ދިދަތައް ޕްރިންޓްކޮށްފައި ހުރިއިރު ދިދައިގެ ދަނޑިއާވީ ފަޅިގައި ހުންނަންޖެހޭ ތަރިތައް ޖަހާފައި ހުރީ ދިދަ ވިހުރޭ ފަޅިއަށްވާ ގޮތަށް ކަމަށެވެ.
އޭނާ ވިދާޅުވީ ދިދަތައް ޕްރިންޓްކޮށްފައި ހުރީ ނުބައިކޮށްކަން އެނގުނީ ހުރިހާ ދިދައެއް ދިއްދޫއަށް ގެންދިޔަ ފަހުން ކަމަށައި ނަމަވެސް ފަހުން ދިދަތައް ބަދަލުކުރި ކަމަށެވެ. ދިދަތައް ބަދަލު ކުރަން އުޅުމުގެ ތެރޭގައި އޭގެ ތެރެއިން ދެބައިކުޅަ އެއްބައި ދިދަ ހަލާކުވެފައި ކަމަށް ވެސް އެނާ ބުންޏެވެ.
"ދިދަތަކުގައި ހުރި ތަރިތައް ހުރީ ދިދަ އައްސާކޮޅުގައި ނޫން އަނެއް ކޮޅުގައި. ދެން ދިއްދޫ ކައުންސިލް އިދާރާގެ މުވައްޒަފުން ލައްވާ އަނެއްކާ ޖެހުނީ ބަދަލުކުރަން. އެކަމު އެއީ ވަރަށް ބޮޑު ހޭދައެއްކޮށްގެން ހަދާފައިހުރި އެއްޗެއް. އެހެންވީ ދިދަތައް ގެނައިއިރު ކައުންސިލަށް ވެސް އަދި ދިދަތައް ގެނައި މީހުންނަށް ވެސް ބަލައި ނުލެވުމުން،" އޭނާ ބުންޏެވެ.
ސަން އޮންލައިނަށް އެނގިފައިވާ ގޮތުގައި ދިދަތައް ނުބައިކޮށް ޕްރިންޓްކޮށްފައި ހުރުމުން ފަހުން ބަދަލު ކުރި ނަމަވެސް ސަފީރު ވަޑައިގެންނެވި އިރު މީހުން ބޭނުންކޮށްފައި ވަނީ އެއްފަޅީގައި އެމެރިކާ ދިދަ އަނެއް ފަޅީގައި ހުރީ ދިވެހި ދިދަ ތައްކޮށްފައިވާ ދިދަތަކެކެވެ.
ނުބައިކޮށް ޕްރިންޓްކޮށްގެން ދިއްދޫއަށް ގެންގޮސްފައި ހުރީ މަރުހަބާ ދެންނެވުމަށް އަތުން ވިހުރުވާ ގޮތަށް ހަދާފައިވާ ދިދަތަކެކެވެ.