އިންގްލިޝް ޕްރިމިއާ ލީގުގެ އާސެނަލްއަށް ކުޅޭ އިންގްލަންޑްގެ ހުނަރުވެރި ފޯވަޑް ބުކާޔޯ ސާކާގެ ފަޔަށް ލިބުނު އަނިޔާއާ ގުޅިގެން ކުރި އޮޕަރޭޝަނަށްފަހު ކުރިއަށް އޮތް ދެމަހަށް ވުރެ ގިނަ ދުވަހަށް ކުޅުމާ ދުރަށްދާން ޖެހިދާނެކަމަށް އެ ޓީމުގެ ކޯޗު މިކޭލް އާޓޭޓާ ހާމަކޮށްފިއެވެ.

އާޓޭޓާ މިކަން ހާމަކޮށްފައިވަނީ އިޕްސްވިޗް ޓައުންއާ ދެކޮޅަށް ރޭ ކުޅުނު މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުންނެވެ. އާޓޭޓާ ހާމަކުރި ގޮތުގައި ސާކާވަނީ އޭނާގެ ފައިގެ ފަލަމަސްގަނދަށް ލިބުނު އަނިޔާއާ ގުޅިގެން އޮޕަރޭޝަނެއް ކޮށްފައެވެ.

އަދި ހުރިހާ ކަމެއް ވެސް ދިޔައީ ރަނގަޅަށް ކަމަށާއި ނަމަވެސް އަނިޔާއިން ރަނގަޅުވެ ކުޅުމުގެ ތެރެއަށް އައުމަށް ދެ މަހަށް ވުރެ ގިނަ ދުވަސް ވެގެންދިއުމަކީ ގާތް ކަމެއް ކަމަށް އާޓޭޓާ ބުންޏެވެ. ނަމަވެސް ސީދާ ކިހާ ދުވަހެއް ވާނެކަމެއް ބުނަން އުނދަގޫ ކަމަށް ވެސް އޭނާ ހާމަކުރިއެވެ.

ސާކާގެ ފަޔަށް އަނިޔާވެފައިވަނީ ޕްރިމިއާ ލީގުގައި ކްރިސްޓަލް ޕެލަސް އާ ބައްދަލުކޮށް 1-5 އިން މޮޅުވި މެޗުގެ ފުރަތަމަ ހާފުގައެވެ. ސާކާއަކީ އާސެނަލްގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާއެވެ. މި ސީޒަންގައި އޭނާ ކުޅުނު 24 މެޗުގައި މިހާތަނަށްވަނީ ނުވަ ލަނޑު ކާމިޔާބު ކޮށްދީ 13 އެސިސްޓް ކޮށްފައެވެ.

ސާކާ ކުޅުމާ ދުރަށް ދާން ޖެހިފާވާއިރު ރަހީމް ސްޓާލިންގެ ކަކުލަށް ލިބުނު އަނިޔާއާ ގުޅިގެން އޭނާ ގިނަ ހަފްތާތަކަކަށް ކުޅުމާ ދުރަށް ދާން ޖެހިދާނެކަމަށް ބެލެވިގެންދިޔަ ނަމަވެސް, މިހާރު އަނިޔާގެ ބޮޑު ކުޑަމިން ދެނެގަނެވި އަވަހަށް ކުޅުމުގެ ތެރެއަށް އާދެވޭނެ ކަމަށް ވަނީ ބެލެވިފައެވެ.