29 Dec 2024, 09:15
އިންޑިއާގައި ހާލުގައި ޖެހިފައިވާ ގިނަ ބަޔަކަށް އެކި ގޮތްގޮތުން އެހީތެރިވަމުން އަންނަ އެކްޓަރު ސޯނޫ ސޫދު ސިޔާސީ ދާއިރާއާ ގުޅެން އުޅޭ ކަމަށް ބުނަމުން އަންނަ ޚަބަރުތައް އެކްޓަރު ދޮގުކޮށްފިއެވެ.
ސޯނޫ ދާދިފަހުން މީޑިއާއަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ އިންޑިއާގެ މަހާރަޝްތުރާގެ ޗީފް މިނިސްޓަރު (ސީއެމް)ކަން އެ ޤައުމުގެ ސިޔާސީ ދާއިރާގެ ވަރަށް ނުފޫޒުގަދަ ބަޔަކު ހުށަހެޅި ކަމަށާއި ނަމަވެސް އެ ހުށަހެޅުން ސޯނޫ ގަބޫލުނުކުރާ ކަމަށެވެ. ސޯނޫއަށް ސީއެމްގެ މަގާމު ހުށަހެޅި ފަރާތްތަކުން އިންތިޚާބަކައިނުލާ ވެސް އެ މަގާމު އެކްޓަރަށް ކާމިޔާބުކޮށްދޭނެކަމުގެ ޔަގީންކަން ދިން ކަމަށާއި ނަމަވެސް ސިޔާސީ ދާއިރާއާ ގުޅެން އެއްވެސް ޝައުގުވެރި ކަމެއް ނެތް ކަމަށް އެ މީހުން ގާތު ބުނެފައިވާނެ ކަމަށް ސޯނޫ ވަނީ ބުނެފައެވެ.
އެ ހުށަހެޅުން ގަބޫލުނުކުރުމުން ޑެޕިއުޓީ ޗީފް މިނިސްޓަރުކަން ވެސް އެ ފަރާތްތަކުން ހުށަހެޅި ކަމަށާއި މަހާރަޝްތުރާގެ ރާޖްޔާ ސަބާ ނުވަތަ ކައުންސިލް އޮފް ސްޓޭޓްސް މަޖިލިސްގެ ގޮނޑިއެއް ވެސް ކަށަވަރުކޮށްދޭނެ ކަމަށް ސިޔާސީ ނުފޫޒު ހުރި ބަޔަކު އެކްޓަރަށް ހުށަހެޅި ކަމަށް ވަނީ ބުނެފައެވެ.

ސޯނޫ އާއްމުންނަށް އެހީތެރިވުމުގެ އަމަލީ މަސައްކަތެއްގައި ބައިވެރި ވަނީ--ފޮޓޯ/ބީބީސީ
އިންޑިއާގެ ސިޔާސީ ދާއިރާއަށް ނިސްބަތްވާ ބާރު ހުރި ބަޔަކު އެފަދަ ފުރުސަތުތައް ހުށަހެޅުމުން ވެސް ބޭނުންވީ ސިޔާސީ ދާއިރާއާ ދުރުން އުޅުމަށް ކަމަށާއި އޭގެ ފަހަތުގައި ވަރަށް ގިނަ ސަބަބުތައް އެބަހުރި ކަމަށް އެކްޓަރު ވަނީ ބުނެފައެވެ. އެގޮތުން، އެންމެ ބޮޑު އެއް ސަބަބަކީ އެކްޓަރަށް މިނިވަންކަމާ އެކު މީހުންނަށް އެހީތެރިކަން ފޯރުކޮށްދެވޭނެ މަގު ބަންދުވާނެކަމުގެ އިހުސާސްކުރެވި އަމިއްލަ މިނިވަންކަން ގެއްލޭނެ ކަމަށް ގަބޫލުކުރެވުމުން ކަމަށް އެކްޓަރު ވަނީ ބުނެފައެވެ.
ސޯނޫއަކީ އަބަދުވެސް އާންމު ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދޭން ލޯބިކުރާ މީހެއް ކަމަށާއި އެކަން ކުރަން ބޭނުން ވަނީ ވަރަށް މިނިވަންކަމާ އެކު އެއްވެސް ކަހަލަ ހުރަހެއް ކުރިމަތިނުވާ ގޮތަށް އިންސާފުވެރިކަމާ އެކު ކަމަށް ގިނަ ބައެއްގެ ލޯބި ހޯދާފައިވާ އެކްޓަރު ވަނީ ބުނެފައެވެ.
ސޯނޫގެ ނަޒަރުގައި ގިނަ މީހުން ސިޔާސީ ދާއިރާއާ ގުޅެނީ ބާރުގެ ބޭނުމުގައި ނުވަތަ ފައިސާގެ ބޭނުމުގައެވެ.
އެއިން އެއްވެސް ކަމެއް ހާސިލުކުރުމަކީ ސޯނޫއަށް މުހިންމު ކަމެއް ނޫން ކަމަށް އެކްޓަރު ވަނީ ބުނެފައެވެ. މީޑިއާއަށް ދިން އިންޓަވިއުގައި ސޯނޫ ބުނީ ސިޔާސީ ދާއިރާއާ އެއްވެސް ގޮތަކަށް ދެކޮޅުވެރިނުވާ ކަމަށާއި ސޯނޫގެ ވަރަށް ގާތް ރަހުމަތްތެރިން މިހާރު ވެސް ސިޔާސީ ދާއިރާގައި މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ކުރިމަގުގައި ވާނެ ގޮތެއް އެއްވެސް މީހަކަށް ނޭނގޭ ކަމަށާއި ސޯނޫ ގަބޫލުކުރާ ގޮތުގައި އޭނާ އަދި ސިޔާސީ މައިދާނަށް ނުކުންނަން ތައްޔާރު ނޫން ކަމަށް އެކްޓަރު ވަނީ ބުނެފައެވެ.

ފިލްމީ ތަރި ސޯނޫ ފިލްމު "ފަތޭ"ގެ މަންޒަރެއްގައި--ފޮޓޯ/އިންޑިއާޓުޑޭ
އާންމުންގެ މެދުގައި ސޯނޫއަށް ބޮޑު މަގުބޫލު ކަމެއް ލިބެން ފެށީ ކޮވިޑްގެ ދުވަސްވަރު އިންޑިއާގެ އެކި ސްޓޭޓްތަކުގެ އިތުރުން ކުދިކުދި އަވަށްތަކުގައި ހާލުގައި ޖެހުނު މީހުންގެ ތެރެއިން ވަރަށް ގިނަ ބަޔަކަށް ސޯނޫ އެހީތެރިކަން ފޯރުކޮށްދޭން ފެށި މަސައްކަތާ އެކުގައެވެ.
އޭގެ ފަހުން ގިނަ ބަޔަކު ސޯނޫ ސިފަކުރަނީ 'ނެޝަނަލް ހީރޯ'އެއްގެ ގޮތުގައެވެ. ފިލްމީ ދާއިރާއިން ނުފެނި ހުރުމަށް ފަހު ސޯނޫ އަންނަނީ އަލަށް ފިލްމު ޑައިރެކްޝަނަށް އޭނާ ނުކުންނަ ފިލްމު "ފަތޭ" ރިލީޒްކުރަން ތައްޔާރުވަމުންނެވެ. ސޯނޫ ލީޑް ރޯލް ކުޅެފައިވާ މި ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައިވަނީ ޖަނަވަރީ 10ގައެވެ.