ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން މިހާރު ކޮރަޕްޝަނުގެ މައްސަލަތަކެއް ބަލަމުން ދަނީ އިދިކޮޅު ފަރާތްތަކަށް ވަކިން އަމާޒުކޮށް، މި ސަރުކާރަށް ކުރާ ކޮރަޕްޝަނުގެ ތުހުމަތުތައް ފޮރުވުމުގެ ގޮތުން ކަމަށް އިދިކޮޅު އެމްޑީޕީން މިއަދު ތުހުމަތުކޮށްފިއެވެ.

އެމްޑީޕީން އެހެން ބުނީ، އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު އަދި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އާރުޑީސީ)ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލި މަނިކު (މޫކޭ)ގެ ގެ ފުލުހުން ބަލައި ފާސްކުރުމާ ގުޅިގެން ނެރުނު ބަޔާނެއްގައެވެ.

އެ ބަޔާނުގައި އެމްޑީޕީން ވަނީ މި ސަރުކާރުން އިދިކޮޅުގެ އަޑު ކަނޑުވާލައި މިނިވަންކަން ނަގައިލުމަށް ދައުލަތުގެ މުއައްސަސާތައް ބޭނުންކުރަމުން އަންނަ ކަމަށް ތުހުމަތުކޮށްފައެވެ. އެގޮތުން މޫކޭގެ ގެ ބަލައި ފާސްކޮށްފައިވަނީ މެންދަމު 2:00ހާއިރު، އޭނާއާއި އާއިލާ ނިދާފައި ވަނިކޮށް ކަމަށް އެ ބަޔާނުގައިވެއެވެ.

އެއީ މި ސަރުކާރުގައި އިދިކޮޅު ފަރާތްތަކަށް ބިރު ދެއްކުމާއި ފުރައްސާރަކުރުމުގެ މިސާލެއް ކަމަށާއި، އޭގެ ސަބަބުން ޑިމޮކްރަސީގެ އަސާސްތައް ނެތި، އަސާސީ ހައްގުތަކަށް އަރައިގަންނަ ކަމުގެ ކަންބޮޑުވުން އުފެދޭ ކަމަށް އެމްޑީޕީން ބުންޏެވެ. މޫކޭއަށް ކުރާ ތުހުމަތުތަކުގެ އިތުރުން އިދިކޮޅަށް އަމާޒުކޮށް ބަލާ މައްސަލަތަކުގެ ތެރޭގައި އެމްޑީޕީން ފާހަގަކުރީ:

  • ގޮތުން, ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހާއި، ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ އިތުރުން ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު އަލީ ޝިޔާމްގެ މައްސަލަ ބަލަން އެންގުން

  • ކޮރަޕްޝަނުގެ ތުހުމަތުތަކާ ގުޅިގެން އޭސީސީން ބަލަމުންދާ މައްސަލަތަކާއެއެކު ފެނަކައިގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ޕާސްޕޯޓް ހިފެހެއްޓުން
  • އެމްޑީޕީގެ އެކްޓިވިސްޓެއް ކަމަށްވާ ސޯޝަލް މީޑިއާގައި ދެއްކި ވާހަކައަކާ ގުޅުވައި ފުލުހަށް ހާޒިރުކުރުން
  • އެމްޑީޕީގެ ޖަލްސާއެއްގައި ޕާޓީގެ ޗެއާޕާސަން ފިޔަވަޅު އަޅާނެ ކަމަށް އިންޒާރު ދިނުން

އެމްޑީޕީން ބުނެފައިވަނީ، ގާނޫނު އަސާސީގައިވާ ގޮތުގެ މަތީން މިނިވަން މުއައްސަސާތަކުން ކޮރަޕްޝަނުގެ މައްސަލަތައް ބަލަން އެ ޕާޓީން ތާއީދު ކުރާ ކަމަށާއި ނަމަވެސް އޭސީސީގެ ރައީސާއި ނައިބު ރައީސް އައްޔަންކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބޭ ގޮތަށް ގާނޫނަށް ގެނައި އިސްލާހާއެކު، އެ ކޮމިޝަންގެ މިނިވަންކަމަށް ހުރަސްއެޅިފައިވާ ކަމަށެވެ.

ވެރިކަން ކުރާ ޕީއެންސީގެ ސުޕަމެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހުން މިދިޔަ މަހުގެ 25ގައި ފާސްކޮށް، ޖެހިގެން އައި ދުވަހު ރައީސް ޑރ. މުޙައްމަދު މުއިއްޒު ތަސްދީގު ކުރެއްވި އެ ބިލާއެކު ސަރުކާރަށް އޭސީސީގެ މައްޗަށް ބާރު ފޯރުވަން ފުރުސަތު ލިބި، ސިޔާސީ ގޮތުން ބަދަލުހިފުމަށް އޭސީސީ ބޭނުންކުރަން ޖާގަ ލިބޭ ކަމަށް އެމްޑީޕީން ބުންޏެވެ.

މީގެ އިތުރުން، ފުލުހުން ވެސް ބަލަނީ ކޮރަޕްޝަނުގެ ވަކި މައްސަލަތަކެއް ކަމަށާއި އޭގެ ސަބަބުން މިނިވަން މުއައްސަސާތަކަށް އޮންނަ އިތުބާރު ދަނީ ގެއްލެމުން ކަމަށް އެ ޕާޓީން ބުންޏެވެ. އަދި ބައެއް މައްސަލަތައް ބަލަމުން ދަނީ މި ސަރުކާރާ ދެކޮޅަށް ކުރާ ކޮރަޕްޝަނުގެ ތުހުމަތުތައް ފޮރުވުމަށް ކަމަށް ވެސް އެމްޑީޕީން ތުހުމަތުކުރިއެވެ.

"އޭގެ ތެރޭގައި ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) މެދުވެރިކޮށް ދައުލަތުގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ތުހުމަތާއި މާލެ ސަރަހައްދުގެ ބިންތަކެއް ވިއްކުމުގައި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ކޮރަޕްޝަނަށް މަގުފަހިވާ ގޮތައް އަމަލުކުރިކަމުގެ ތުހުމަތު ހިމެނޭ،" ބަޔާނުގައިވެއެވެ.

އެމްޑީޕީން ވަނީ އެ މައްސަލަތައް އޭސީސީއަށް ހުށަހަޅައި، ފުލުހުން ވެސް އެ މައްސަލަ ތަހުގީގު ކުރުމަށް އެދިފައި ކަމަށާއި ނަމަވެސް މިހާތަނަށް އެފަދަ ތަހުގީގެއް ފަށައިފައިނުވާ ކަމަށް އެ ޕާޓީން ބުންޏެވެ.

އެމްޑީޕީން ވަނީ، ސިޔާސީ މަގުސަދެއްގައި އިދިކޮޅު ފަރާތްތަކަށް ފިޔަވަޅު އެޅުން ހުއްޓާލައި، ޑިމޮކްރަސީގެ ހަމަތަކަށް އިޚުތިރާމު ކުރުމަށް ސަރުކާރަށް ގޮވާލައިފައެވެ. އަދި ޑިމޮކްރެޓިކް މިނިވަންކަން ރައްކާތެރިކުރުމަށް ދިވެހިން ކުރާ މަސައްކަތުގައި ބައިނަލްއަގުވާމީ މުޖުތަމައުން އެހީވެ، ރާއްޖޭގައި ވަމުންދާ ކަންތައްތައް ގާތުން ބަލަމުންދިޔުމަށް ވެސް އެ ޕާޓީން ގޮވާލިއެވެ.

ފުލުހުން ވަނީ މޫކޭގެ ގޭގެ އިތުރުން އާރުޑީސީގެ ކުރީގެ ސީއެފްއޯ ޔާސިރު ހަސަނަށް ނިސްބަތްވާ ދެ ތަނެއް ބަލައިފާސްކޮށްފައެވެ.

އެ ތަންތަން ބަލައި ފާސްކޮށް, އިލެކްޓްރޯނިކް އައިޓަމްސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އާރުޑީސީއަކީ އެމްޑީޕީގެ ވެރިކަމުގައި ގިނަ ހިޔާނާތްތަކެއް ހިންގި ކަމަށް ތުހުމަތު ކުރެވޭ ކުންފުންޏެކެވެ. އެ ވެރިކަން ނިމުނުއިރު އެ ކުންފުނި އޮތީ ވަރަށް ބޮޑަށް ދަރުވާލާފައެވެ.