ބޮލީވުޑްގެ އެކްޓަރު އަރުޖުން ކަޕޫރުގެ މެނޭޖަރުގެ ނަމުގައި ބަޔަކު އޮޅުވާލައިގެން މީހުން އަތުން ފައިސާ ހޯދަމުން އަންނަ ކަމަށް އެކްޓަރު ބުނެފިއެވެ.

އަރުޖުން ވަނީ އަމިއްލަ ސޯޝަލް މީޑިއާ މެދުވެރިކޮށް މި މައްސަލަ އެކްޓަރުގެ ސަޕޯޓަރުންގެ އިތުރުން ގާތް މީހުންގެ ސަމާލުކަމަށް ގެނެސްފައެވެ. އަރުޖުންގެ ސޯޝަލް މީޑިއާ ޕޯސްޓުގައި ބުނެފައިވަނީ މި ސްކޭމް ހިންގާ މީހުންގެ އެންމެ ބޮޑު އަމާޒަކީ އެކްޓަރުގެ ފޮލޯވާސް ކަމަށެވެ.

އެހެންވެ، އަރުޖުންއަށް ތާއީދުކުރާ އެކްޓަރުގެ ފޮލޮވާސްއަށް އެފަދަ މެސެޖެއް ނުވަތަ ކޯލެއް ލިބިއްޖެނަމަ މިކަން ހިންގާ މީހުންނާ މެދު ސަމާލުވުމަށް އެކްޓަރު ވަނީ އެދިފައެވެ.

ފިލްމީތަރިންގެ ނަމުގައާއި ބައެއް ތަރިންގެ އާއިލާ މީހުންގެ ނަމުގައި އޮޅުވާލައިގެން ފައިސާ ހޯދުމުގެ މައްސަލައަކީ މި ފަހަކަށް އައިސް ފިލްމު އިންޑަސްޓްރީގެ ވަރަށް ގިނަ ބަޔަކަށް ކުރިމަތިވަމުން އަންނަ މައްސަލައެކެވެ.

ދާދި ފަހުން ބަތަލާ އާލިއާ ބަޓްގެ މަންމަގެ ނަމުގައި ބަޔަކު މީހުން ފައިސާ ހޯދުމަށް ބަތަލާގެ މަންމަގެ ގާތް މީހުންނަށް ގުޅިކަމުގެ މައްސަލަ ފެންމަތިވިއިރު ސައުތު ސިނަމާގެ މަގުބޫލު އެކްޓަރު މަހޭޝް ބާބޫގެ އަންހެން ދަރިފުޅު ސިތާރާގެ ނަމުގައި ވެސް ބަޔަކު ވަނީ މީހުން އަތުން ފައިސާ ހޯދުމަށް މަސައްކަތްކޮށްފައެވެ.