އިންގްލިޝް ޕްރިމިއާ ލީގުގައި އާސެނަލް އާއި އިޕްސްވިޗް ޓައުން ބައްދަލުކުރި މެޗު އާސެނަލް ކާމިޔާބުކޮށް ތާވަލްގެ ދެވަނައަށް ކުރިއަށް ޖެހިލައިފިއެވެ.

އާސެނަލްގެ ދަނޑުގައި ކުޅުނު މިމެޗު އެޓީމުން ކާމިޔާބު ކޮށްފައިވަނީ އެއް ލަނޑު ސުން ލަނޑުންނެވެ. ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނުނު މިމެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ އާސެނަލް އިންނެވެ. ނަމަވެސް އިޕްސްވިޗް އިން ވަނީ މިމެޗުގައި ވަރަށް ގަދައަށް ޑިފެންޑްކޮށް އާސެނަލްގެ ގިނަ ހަމަލާތައް ދިފާއު ކޮށްފައެވެ.

މިމެޗު އާސެނަލް އިން ފެށީ ވަރަށް ފޯރީގައެވެ. މިގޮތުން މެޗުގެ ކުރީކޮޅު އާސެނަލްއިން ގިނަ ހަމަލާތަކެއް އުފެއްދިއެވެ. މިމެޗުގައި އާސެނަލްއިން ކާމިޔާބު ކުރި ހަމައެކަނި ލަނޑު މެޗުގެ 23 ވަނަ މިނެޓުގައި ލިއާންޑްރޯ ޓްރޮސާޑް ތަނަވަސްކޮށްދިން ފުރުސަތެއްގައި ކާމިޔާބު ކޮށްދީފައިވަނީ ކައި ހަވާޓްޒްއެވެ.

މިމެޗުގައި އޮޕްސްވިޗްއިން ޑިފެންޑް ކުރަމުންދިޔަލެއް ވަރުގަދަ ކަމުން މިލަނޑާއެކު އާސެނަލްއަށް ހިތްހަމަ ޖެހުން ލިބުނެވެ. މީގެއިތުރުން އާސެނަލްއަށް އިތުރު ލަނޑެއް ކާމިޔާބު ކުރެވުނު ކަމަށް ހީކުރެވުނު ނަމަވެސް ގެބްރިއެލް ޖޭސުސް ފޮނުވާލި ހަމަލާވަނީ އޮފް ސައިޑް ކަމަށް ދައްކާފައެވެ. މިމެޗުގައި މީގެއިތުރުން ޖޭސުސް އަށާއި ހަވާޓްޒްއަށް ލަނޑު ޖަހާނެ ރަނގަޅު ދެ ފުރުސަތެއް ލިބުނު ނަމަވެސް އެހަމަލާގެ ބޭނުން އޭނާއަށް އެންމެ ރަނގަޅަށް ހިފޭގޮތެއް ނުވިއެވެ. މިމެޗުގެ ދެވަނަ ހާފުގައި އިޕްސްވިޗްއިން ލަނޑެއް ޖެހޭތޯ މަސައްކަތް ކުރި ނަމަވެސް އާސެނަލްގެ ޑިފެންސް ފޫއަޅުވާލެވޭ ގޮތެއް ނުވިއެވެ.

މިކާމިޔާބީއާއެކު އާސެނަލް މިހާރު އުޅެނީ ކުޅުނު 18 މެޗުން ލިބިފައިވާ 36 ޕޮއިންޓާއެކު ތާވަލްގެ ދެވަނައިގައެވެ. އަދި މިއާއެކު ތާވަލްގެ އެއްވަނައިގައި އުޅޭ ލިވަޕޫލާ ދެމެދުގައިވާ ފަރަގު މިހާރު މިވަނީ ހަ ޕޮއިންޓަށް ކުޑަކޮށްފައެވެ. އަދި މިމެޗުން ބަލިވުމުން އިޕްސްވިޗް އުޅެނީ 12 ޕޮއިންޓާއެކު ތާވަލްގެ 19 ވަނައިގައެވެ.

މިމުބާރާތުގައި ބްރައިޓަން އެންޑް ހޯވް އެލްބިއަން އާއި ބްރެންޓްފަޑް ބައްދަލުކުރި މެޗު ނިމިގެންދިޔައީ ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި އެއްވަރު ވެގެންނެވެ. ބްރައިޓަންގެ ދަނޑުގައި ކުޅުނު މިމެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ބްރައިޓަން އިންނެވެ. ނަމަވެސް މިމެޗު އެއްވަރު ވުމާއެކު ޕްރިމިއާ ލީގުގައި ބްރައިޓަން މެޗަކުން މޮޅު ނުވާތާ މިހާރު 6 މެޗު ހަމަވިއެވެ.

މި ނަތީޖާއާއެކު ބްރައިޓަން މިހާރު އުޅެނީ 26 ޕޮއިންޓާއެކު ތާވަލްގެ 10 ވަނައިގައެވެ. އަދި ބްރެންޓްފަޑް އުޅެނީ 24 ޕޮއިންޓާއެކު ތާވަލްގެ 11 ވަނައިގައެވެ.