10 Jul 2012, 13:02
ސިޔާސީ ޕާޓީތަކުގެ ހަތިޔާރަކަށް ނޫސްވެރިން ނުހަދަން މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ގޮވާލައިފި އެވެ.
އެމްޖޭއޭ އިން ނެރުނު ބަޔާނެއްގައި ބުނަނީ ފަހަކަށް އައިސް ބައެއް ސިޔާސީ ޕާޓީތަކުން ހިންގާ ހަރަކާތްތަކުގައި އެ ޕާޓީތަކުގެ ހަތިޔާރަކަށް ނޫސްވެރިން ބޭނުން ކުރަމުންގެންދާ ކަމުގެ ޝަކުވާ އެ ޖަމިއްޔާ އަށް ލިބެމުން އަންނަ ކަމަށާއި ނޫސްވެރިންގެ މިނިވަން ކަމަށް އެއްވެސް ފަރާތަކުން ހުރަސް ނޭޅުމަށެވެ. އަދި އެފަދަ ހާދިސާތަކާ ގުޅިގެން އެ ޖަމިއްޔާ ހިތާމަކުރާ ކަމަށް ވެސް އެ ބަޔާނުގައި ބުނެ އެވެ.
ބަޔާނުގައި ބުނަނީ ނޫސްވެރިއެއްގެ ވެސް އަމިއްލަ ޒަމީރު ގަބޫލު ކުރާ ސިޔާސީ ފިކުރެއް އޮތް ނަމަވެސް، އެ ނޫސްވެރިކަމުގެ ސުލޫކީ މިންގަނޑުތަކާއި ހަމަތަކުގެ ތެރޭގައި ހަރަކާތްތެރިވުމަކީ މުހިންމު ކަމެއް ކަމަށް އެމްޖޭއޭ ދެކޭ ކަމަށާއި ކޮންމެ ނޫސްވެރިއެއްގެ ވެސް އަމިއްލަ މަސްލަހަތާއި ނޫސްވެރިކަމުގެ ޕްރޮފެޝަނަލް މިންގަނޑު ތަފާތު ކުރަން އެނގެން ޖެހޭނެ ކަމަށެވެ.
އެއްވެސް ނޫސްވެރިއަކު އެހެން ބައެއްގެ ހަތިޔާރަކަށްވެ ސިޔާސީ އެކި ބޭނުންތަކުގައި އެ ނޫސްވެރިއެއްގެ ނާޖާއިޒު ފައިދާ ނުނެގޭނެ ގޮތަކަށް އަމަލުތައް ބެހެއްޓުމަށް ވެސް އެމްޖޭއޭގެ ބަޔާނުގައި ބުނެފައިވެ އެވެ.
"... މިގޮތަށް އަމަލު ނުކުރެވުމުގެ ސަބަބުން ނޫސްވެރިންނާއި އަމަން ބަލަހައްޓާ ފަރާތްތަކުގެ ދެމެދުގައި ކުރިމަތިލުންތައް ހިނގާ، ދެ ފަރާތަށް ވެސް ޖިސްމާނީ ގޮތުން އަނިޔާ ލިބެމުން އަންނަކަން ހިތާމައާ އެކު ފާހަގަ ކުރަމެވެ. އެހެންކަމުން، ކޮންމެ ނޫސްވެރިޔަކު ވެސް އެ ނޫސްވެރިއެއްގެ ނޫސްވެރިކަމުގެ ދާއިރާއިން ބޭރު ނުވެ، އަދި ނޫސްވެރިކަން ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ބޭނުން ނުކުރުމަށް މި ޖަމިއްޔާ އިން އިލްތިމާސް ކުރަމެވެ. އަދި ނޫސްވެރިން މިނިވަންކަމާ އެކު ނޫސްވެރިކަން ކުރުމުގެ މާހައުލު ޔަގީންކޮށްދީ ދެމެހެއްޓުމަށް ސަރުކާރާއި އަމަން ބަލަހައްޓާ ފަރާތްތަކަށް މި ޖަމްއިއްޔާއިން ގޮވާލަމެވެ،" ބަޔާނުގައިވެ އެވެ.
އެމްޖޭއޭ އިން މިއަދު ވަނީ އެހެން ޔާނެއް ވެސް ނެރެފަ އެވެ. އޭގައި ބުނަނީ މުޒާހަރާފަދަ ހަރަކާތްތައް ނޫސްވެރިން ކަވަރުކުރާއިރު ސަލާމަތީ ބާރުތަކުން މީޑިޔާތަކަށް ހުރަސް ނޭޅުމަށެވެ. އަދި ނޫސްވެރިން ވެސް މުޒާހަރާ ފަދަ ހަރަކާތްތައް ކަވަރު ކުރުމުގައި ނޫސްވެރިކަމުގެ ސުލޫކީ މިންގަނޑުން ބޭރުނުވެ ނޫސްވެރިންގެ ގޮތުގައި މަސައްކަތް ކުރުމަށެވެ.
ނޫސްވެރިއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަން ޖެހިއްޖެ ހާލަތެއްގައި މޯލްޑިވްސް މީޑިޔާ ކައުންސިލަށާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުގެ އިތުރުން ނޫސްވެރިންގެ ހައްގުގައި މަސައްކަތްކުރާ ފަރާތްތަކަށް ރިޕޯޓްކުރަން އެދޭ ކަމަށާއި އެގޮތަށް ކަންތައް ކުރާ ނަމަ ސަލާމަތީ ބާރުތަކާއި މީޑިޔާއާ ދެމެދު އޮންނަ ގުޅުން ރަނގަޅުވެ ދެފަރާތުގެ އިތުބާރު ދަމަހައްޓަން ރަނގަޅު ފިޔަވަޅެއް އެޅިގެންދާނެ ކަމަށް ވެސް އެމްޖޭއޭގެ ބަޔާން ބުނެ އެވެ.
"އެމްޑީޕީން މިހާރު މާލޭގައި ކުރިއަށްގެންދާ މުޒާހަރާތައް ކަވަރު ކުރުމުގައި މީޑިޔާގެ ފަރާތްތަކުން ހަރަކާތްތެރިވަމުން ދާއިރު، ބައެއް ނޫސްވެރިންނަށް ހުރަސްތައް ކުރިމަތިވަމުންދާ ކަމުގެ މައުލޫމާތު މި ޖަމިއްޔާ އަށް ދަނީ ލިބެމުންނެވެ. އަދި އެފަދަ ބައެއް ހާލަތްތަކުގައި ކުޑަ ވަގުތު ކޮޅަކަށް ނަމަވެސް ނޫސްވެރިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަން ވެސް ވަނީ ފާހަގަކުރެވިފަ އެވެ. ހަމަ އެފަދައިން މުޒާހަރާ ކަވަރު ކުރުމުގައި ހަރަކާތްތެރިވާ ބައެއް ނޫސްވެރިން ނޫސްވެރިކަމުގެ ސްލޫކީ މިންގަނޑުން ބޭރުގައި މަސައްކަތް ކުރަމުން ގެންދާކަމުގެ މައުލޫމާތު ވެސް މިޖަމިއްޔާއަށް ދަނީ ލިބެމުންނެވެ." އެ ބަޔާނުގައިވެ އެވެ.