ކޮމިޓީތައް އެކުލަވާލެއްވުމާ ގުޅޭގޮތުން، މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ސިޔާސީ ޕާޓީތަކުގެ އިސްވެރިންގެ މެދުގައި ކުރިއަށްދާ މަޝްވަރާތަކުގައި މިހާތަނަށް އައިއިރު ވެސް އެއްބަސްވުމަކަށް އާދެފައިވާނުވާތީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ކުރިއަށް ނުގެންދަވައި ރިޔާސަތުން ނިންމަވާލައްވައިފި އެވެ.

މިއަދުގެ ޖަލްސާ ނިންމާލާފައި މިވަނީ، އެ މަޝްވަރާތަކަށްފަހު ޖަލްސާ ކުރިއަށް ގެންދިއުމަށް ދެ ފަހަރެއްގެ މަތިން ކަނޑައެޅުއްވުމަށްފަހުގަ އެވެ.

މަޝަވަރާތަކަށް ތަން ދިނުމަށްފަހު މިއަދުގެ ޖަލްސާ ކުރިއަށް ގެންދިއުމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާޙިދު ފުރަތަމަ ނިންމެވީ މެންދުރު 12:00ގަ އެވެ. ޝާޙިދު ވިދާޅުވީ މިއަދު ހެނދުނު 8:30 އިންފެށިގެން ޕާޓީތަކުގެ މެދުގައި މަޝްވަރާތައް ކުރިއަށްދާ ކަމަށެވެ. އެހެންކަމުން އެކަމަށް ފުރުސަތު ދެއްވުމަށްފަހު 12:00 ގައި ޖަލްސާ ކުރިއަށް ގެންދިއުމަށް މެދުކަނޑައިލެއްވި ނަމަވެސް މަޝްވަރާތައް ނުނިމޭތީ 1:00 ގައި ޖަލްސާ ކުރިއަށް ގެންދިއުމަށް ވެސް ނިންމެވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މާދަމާ ވެސް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.