27 Dec 2024, 12:20
އިންޑިއާގެ ބޮޑުވަޒީރުކަން ދެ ދައުރަކަށް ކުރެއްވި މަންމޯހަން ސިންހް އަވަހާރަވުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތައުޒިޔާ ވިދާޅުވެއްޖެއެވެ.
މަންމޯހަން އަވަހާރަވީ ސިއްޙީ ހާލުކޮޅު ގޯސްވުމާ ގުޅިގެން ކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ.
ދިއްލީގެ އޯލް އިންޑިއާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަސް (އައިމްސް)ގައި އެޑްމިޓްކުރައްވާފައި އޮއްވާ މަންމޯހަން އަވަހާރަވީ އިއްޔެގެ ވަގުތެއްގައެވެ. އަވަހާރަވީއިރު މަންމޯހަންގެ އުމުރުފުޅުން 92 އަހަރެވެ.

ރައީސް މުއިއްޒު -- ފޮޓޯ/ ރައީސް އޮފީސް
މަންމޯހަން އަވަހާރަވުމާ ގުޅިގެން އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒު ވަނީ ދިވެހި ރައްޔިތުންނާއި، އެ މަނިކުފާނުގެ އަމިއްލަ ނަންފުޅުގައި، އިންޑިއާގެ ރައްޔިތުންނަށް ތައުޒިޔާ ވިދާޅުވެފައެވެ.
އެ މަނިކުފާނު ވިދާޅުވީ، 2011 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި މަންމޯހަން ރާއްޖެއަށް ކުރެއްވި ތާރީޚީ ދަތުރުފުޅަކީ، ރާއްޖޭގެ އިގުތިސާދީ އަދި އިޖުތިމާއީ ހާލަތަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. މަންމޯހަންގެ "ލުކް އީސްޓް ޕޮލިސީ" އަށް އެ މަނިކުފާނުގެ ވަނީ ތައުރީފުކުރައްވާފައެވެ.
މަންމޯހަނަކީ ދެކުނު އޭޝިއާ ސަރަހައްދުގެ އެކި ކަންކޮޅުތަކަށް ތަރައްގީ ގެންނެވުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރެއްވި ބޭފުޅެއް ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.
"މި ހިތާމަވެރި ދަނޑިވަޅުގައި އެ މަނިކުފާނުގެ އާއިލާއަށާއި، އިންޑިއާގެ ރައްޔިތުންނަށް ވަރަށް އިޚުލާސްތެރިކަމާ އެކު ތައުޒިޔާ ދަންނަވަން،" ރައީސް މުއިއްޒު ވިދާޅުވިއެވެ.
ސިންހް، އިންޑިއާގެ ބޮޑުވަޒީރުކަން ކުރެއްވީ 2004އިން 2014އަށެވެ. އެއީ، ޖަވާހަރްލާލް ނެހްރޫއާއި އިންދިރާ ގާންދީއާއި މިހާރުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފަހު، އެންމެ ދިގު މުއްދަތަކަށް ބޮޑުވަޒީރުކަން ކުރެއްވި ބޭފުޅާއެވެ.
އިދިކޮޅު އިންޑިއަން ނެޝަނަލް ކޮންގްރެސްގެ މެންބަރެއް ކަމަށްވާ ސިންހް ވަނީ 1982އިން 1985އަށް ރިޒާވް ބޭންކް އޮފް އިންޑިއާގެ ގަވަރުނަރުކަން ކުރައްވައި، 1991އިން 1996އަށް ފިނޭންސް މިނިސްޓަރުކަން ކުރައްވައިފައެވެ.
އިކޮނޮމިސްޓެއްގެ ގޮތުގައި މަގުބޫލު އުސޫލުތަކެއް ގެންގުޅުއްވި ސިންހް، 1990ގެ އަހަރުތަކުގައި އިންޑިއާއަށް މުހިންމު އިގުތިސާދީ އިސްލާހުތަކެއް ގެނެސްދެއްވިއެވެ.
ސިންހް، އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ މަތީގެ، ރާޖަޔާ ސަބާގައި 1995ގައި ޚިދުމަތް ކުރައްވަން ފެއްޓެވިއެވެ. އެއަށް ފަހު، ރާޖަޔާ ސަބާއިން ރިޓަޔާ ކުރެއްވީ 33 އަހަރު ހޭދަކުރެއްވުމަށް ފަހު މިދިޔަ އޭޕްރިލް މަހުގައެވެ.
ސިންހްގެ ވެރިކަމުގައި އެންމެ ފާހަގަކޮށްލެވުނު ކާމިޔާބީތަކުގެ ތެރޭގައި، އެ ދައުރުގައި ޖީޑީޕީއަށް 8.5 ޕަސެންޓުގެ ކުރިއެރުމެއް ގެނެސްދެއްވުން ހިމެނެއެވެ.