10 Jul 2012, 12:25
ކޮންމެ ހަތަރު އަހަރުން އެއް އަހަރު ބާއްވާ އެފްއޭއެމްގެ އިންތިހާބު މިމަހުގެ 18 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާ އިރު، އިންތިހާބުގައި 21 ކުލަބަކަށް ވޯޓް ލެވޭނެ ކަމަށް އެފްއޭއެމް އިން ބުނެފި އެވެ.
އެފްއޭއެމް އިން ބުނީ، އިންތިހާބުގައި ވޯޓް ލެވޭ ކްލަބްތައް ކަނޑައެޅީ މެމްބަރު ކްލަބްތަކުން ފުރިހަމަ ކުރަން ޖެހޭ ގާނޫނީ ކަންކަން ފުރިހަމަކޮށްފައިވޭތޯ ބެލުމަށް މިނިސްޓްރީ އޮފް ހޯމް އެފެއާޒުގައި އެދުމުން، ގާނޫނާ އެއްގޮތަށް ހަރަކާތްތެރިވަމުން ގެންދާ މެމްބަރުން ބަޔާންކޮށް އެ މިނިސްޓްރީން ފޮނުވި ލިސްޓަށް ރިއާޔަތްކޮށް، އެފްއޭއެމްގެ ހިންގާ ގަވާއިދުގައި މެމްބަރުން ފުރިހަމަކުރަން ޖެހޭ ޝަރުތައް މެމްބަރުން ފުރިހަމަކޮށްފައިވޭތޯ ބަލާ ޗެކްކުރުމަށް ފަހުކަމަށެވެ.
އެފްއޭއެމްގެ މެމްބަރު ލިސްޓުގައި ޖުމްލަ 34 ކުލަބް އޮތް އިރު، އިންތިހާބުގައި ވޯޓް ލެވޭ 21 ކްލަބަކީ އެ އިދާރާގެ ހިންގާ ޤަވާއިދައި އެއްގޮތަށް ވޯޓް ދިނުމުގެ ޝަރުތު ފުރިހަމަކޮށްފައިވާ މެންބަރު ކުލަބުތަކެވެ.
އެގޮތުން ވޯޓް ލެވޭ 21 ކްލަބަކީ، ވިކްޓަރީ ސްޕޯޓްސް ކުލަބާއި ނިއުރޭޑިއަންޓާއި ވީބީ އާއި ވެލެންސިޔާ އާއި އީގަލްސް އާއި ވިޔެންސާ އާއި މާޒިޔާ އާއި އޭވައިއެލްއާއި ޔުނައިޓެޑް ވިކްޓަރީ އާއި ހުރިއްޔާ ސްޕޯޓްސް ކުލަބާއި ކުލަބް މެނާނޯ އާއި ބީޖީ އާއި ރެޑް ލައިން ކުލަބާއި ކުލަބް ގާމަގާއި ތޮއްޑޫ ފުޓްބޯލަ ކުލަބާއި ނާވާއިދޫ ސްކޫލް އިސް ދަރިވަރުންގެ ޖަމިއްޔާ އާއި ނިއުސްޓާ ސްޕޯޓްސް ކުލަބާއި މުލަކު އެކުވެރި ޒުވާނުންގެ ޖަމިއްޔާ އާއި ކުލަބް ވެލޯޒިޔާ އާއި މުކުރިމަގު ޒުވާނުންގެ ޖަމިއްޔާ އަދި ރޭނިސް ގިންތި (ދ.ކުޑަހުވަދޫ) އެވެ.
މެމްބަރު 34 ކްލަބުގެ ތެރެއިން އެފްއޭއެމްގެ ހިންގާ ގަވާއިދާ އެއްގޮތަށް ވޯޓް ދިނުމުގެ ޝަރުތު ފުރިހަމަ ވެފައި ނުވަނީ 13 ކްލަބެވެ. އޭގެ ތެރެއިން ގިނަ ކްލަބްތަށް ޝަތުރުހަމަވަނުވަނީ އެފްއޭއެމްގެ ހިންގާ ގަވާއިދުގެ 14 ވަނަ މާއްދާގެ ހަތަރެއްގައި ބަޔާންކޮށްފައިވާ ގޮތަށް އެފްއޭއެމް އިން އިންތިޒާމްކުރާ މުބާރާތްތަކުގައި ވިދިވިދިގެން ދެ އަހަރު ބައިވެރިވެފައި ނުވާތީ އަދި ޖަމިއްޔާތަކާ ބެހޭ ގާނޫނާ އެއްގޮތަށް ހަރަކާތްތެރިވެފައި ވެފައި ނުވާތީ އެވެ.
މިފަހަރުގެ އިންތިހާބުގައި 21 ކުލަބަށް ވޯޓު ލުމުގެ ހައްގު ލިބުނު އިރު، އެންމެ ފަހުން ބޭއްވި އެފްއޭއެމްގެ އިންތިހާބުގައި ވޯޓްލުމުގެ ހައްގު ދީފައި ވަނީ 11 ކުލަބަށެވެ.