10 Jul 2012, 12:22
ކ. މާފުށީގައި ހުންނަ ސަރުކާރުގެ މައި ޖަލުން ގައިދީންތަކެއް ގޮވައިގެން މާލެއަށް ދަތުރުކުރި ފެރީ، މިއަދު ހެނދުނު އައި ބާރުގަދަ ކޮޅިގަނޑުގައި ޖެހި މިސްރާބު އޮޅިގެން ރިސޯޓެއްގެ ކައިރިއަށް ދެވި، ފެރީ ގެއްލިގެން ކޯސްޓްގާޑުން ހޯދައި އެހީތެރިވެދީފި އެވެ.
އެމްއެންޑީއެފްގެ އޮފިޝަލަކު މިއަދު ވިދާޅުވީ ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ކަނޑު މަތީގެ ތަފާތު ހަތަރު ހާދިސާއެއް ކޯސްޓްގާޑަށް ރިޕޯޓްކުރި އިރު މާފުށިން ފުރައިގެން މާލެ އައި ޖަލު ފެރީއަށް ދަތުރުގެ މިސްރާބު އޮޅި ރިސޯޓެއްގެ ކައިރިއަށް ދެވިފައިވާ ކަމަށް ބުނެ ރިޕޯޓް ކުރުމުން ކޯސްޓްގާޑުން އެދޯންޏަށް އެހީތެރިވާން އެސަރަހައްދަށް ދިޔަ އިރު އެ ދޯނި ނެތް ކަމަށެވެ.
" އެދޯނިން ރިޕޯޓް ކުރީ މިހާރު މިއޮތީ ގަދަވެގެން ރިސޯޓެއްގެ ބޭރުގައި ކަމަށް، ނަމަވެސް ކޯސްޓްގާޑު ދިޔައިރު އެދޯނި އެސަރަހައްދުގައެއް ނެތް،" އޮފިޝަލް ވިދާޅުވި އެވެ.
އޮފިޝަލު ވިދާޅުވީ އޭގެ ފަހުން ޖަލު ފެރީ ހޯދަނިކޮށް ފެނުނީ މާލޭގެ އިރުން ހަތް މޭލޭ ބޭރުގައި އޮއްވާ ކަމަށެވެ. ކޮޅިގަނޑުގައި ޖެހި ދަތުރު އޮޅުނު ފެރީގައި ތިބި ގައިދީންނާއި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށް ވެއެވެ.
ކޮޅިގަނޑުގައި ވަޔާއެކު ކަނޑު ގަދަވެ ވިސިބިލިޓީ ލެވެލް ދަށްވުމުގެ ސަބަބުން ގައިދީންގެ ފެރީ ބެހުނު އިރު މިއަދު ހެނދުނު ހުޅުމާލެއިން ފުރައިގެން މާލެއަށް ދަތުރުކުރި އާންމު ފެރީއެއް ވެސް ވަނީ ކޮޅިގަނޑުގައި ޖެހި މާލެ ނާދެވިގެން ސަރުކާރުގެ ތަހުގީގު ޖަލު ހިންގާ ދޫނިދޫއަށް ލަފަންޖެހިފަ އެވެ. ދޫނިދޫއަށްދިޔަ ހުޅުމާލޭ ފެރީ އެނބުރި މާލެ އައީ ކޮޅިގަނޑުގެ ވައި މަޑުވުމުންނެވެ.
މި ހާދިސާ ހިނގި އިރު ވިއްސާރަވެ ކަނޑު ގަދަ ވެފައިވާތީ ހުޅުމާލޭގެ ބައެއް ފެރީތަކުގެ ކެޕްޓަނުން މިއަދު ވަނީ ދަތުރުތައް ކުރަން ދެކޮޅު ވެސް ހަދައިފަ އެވެ.
އެމްއެންޑީއެފުން ބުނީ ކަނޑުގަދަވެގެން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރިޕޯޓްކޮށްފައިވާ ހާދިސާތަކުގެ ތެރޭގައި ވިލިމާލެއިން މާލެއަށް ދަތުރުކުރި ފެރީއަކަށް މާލެ ނުވަދެވިގެން އުޅުނު ހާދިސާއަކާއި ސަފާރީއެއްގެ ނަގިލި ކަހަލައިގެން ތިލައެއްގެ މައްޗަށް ބީހުނު ހާދިސާއެއްގެ ހިމެނޭ ކަމަށެވެ.
މިދުވަސްވަރަކީ ރާއްޖެއަށް ވިއްސާރަކޮށް ގަދަ ވަޔާއެކު ވާރޭ ވެހޭ ދުސްކޮޅަކަށްވެފައިވާއިރު ހެނދުނު އައި ކޮޅިގަނޑުގައި މާލެ އާއި އަތޮޅުތަކުގެ ބައެއް ރަށުގައި ރުއްގަސް ވެއްޓި ބައެއް ގޭގޭގެ ފުރާޅު އެއްލައިލުންފަދަ ގެއްލުންތައް ލިބިފައި ވެއެވެ.
މޫސުން ގޯސްވެފައިވާތީ ކަނޑުދަތުރުކުރާ ފަރާތައް މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ އިދާރާ އާއި ކޯސްޓްގާޑުން ވަނީ އެދިފަ އެވެ.