އިންގްލިޝް ޕްރިމިއާ ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އާއި އެވަޓަން ބައްދަލުކުރި މެޗުން ސިޓީއަށް މޮޅުނުވެވި އެއްވަރު ވެގެން ނިމިއްޖެއެވެ.

ސިޓީގެ ދަނޑުގައި ކުޅުނު މިމެޗު ނިމުނީ އެއް ލަނޑު އެއް ލަނޑުން ދެޓީމު އެއްވަރު ވެގެންނެވެ. ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނުނު މިމެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ސިޓީއިންނެވެ. މިގޮތުން މިމެޗުގައި ސިޓީގެ ހަމަލާތައް ވަރުގަދަ ވެފައި ގިނަކަން ފާހަގަވިއެވެ.

މިމެޗުގެ 14 ވަނަ މިނެޓުގައި ބާނަޑޯ ސިލްވާ ސިޓީއަށް ލަނޑެއް ކާމިޔާބުކޮށް ލީޑު ނެގުމާއެކު އަނެއްކާވެސް އެޓީމުގެ ކުރީގެ ފޯމަށް އެނބުރި ދިއުމަށް، އާ ފެށުމަކުން ފެށުނީކަމަށް ގިނަ ބަޔަކަށް ހީވިއެވެ. އަދި މިލަނޑަށްފަހު ވެސް ރަނގަޅު ކުޅުމެއް ސިޓީގެ ފަރާތުން ފެނުނުއިރު ފަހަކަށް އައިސް ވަރުގަދަ ޑިފެންސިވް ކުޅުމެއް ދައްކާ ޗެލްސީ އާއި އާސެނަލް މޮޅުވިޔަ ނުދީ ހިފަހައްޓާލި އެވަޓަންއިން ވަނީ މިމެޗުގައިވެސް ވަރުގަދައަށް ޑިފެންސްކޮށް ލިބޭ ފުރުސަތުތަކުގައި ހަމަލާ އުފެއްދޭތޯ މަސައްކަތް ކޮށްފައެވެ.

މެޗުގައި އެވަޓަންއަށް ލިބުނު ފުރަތަމަ ރަނގަޅު ފުރުސަތުގައި އެޓީމުންވަނީ ލަނޑުޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އިލިމާން އެންޑިއާޔޭއެވެ. މިލަނޑާއެކު ފުރަތަމަ ހާފުގެ ބާކީ އޮތްބައިގާ ސިޓީ ފެނުނީ ހާސްކަމުގެ ތެރޭގައި ތިބެގެން ކުޅުނު މަންޒަރެވެ.

މިމެޗުގެ ދެވަނަ ހާފަށް ސިޓީ އަނެއްކާވެސް ނުކުމެފައިވަނީ އާހިތްވަރަކާއެކުއެވެ. މިގޮތުން މެޗުގެ 53 ވަނަ މިނެޓުގައި ސިޓީއަށް މެޗުގެ ލީޑު ނަގަން ރަނގަޅު ފުރުސަތެއް ލިބުނެވެ. ނަމަވެސް ސިޓީއަށް ސާވީނިއޯއަށް، އެވަޓަންގެ ވިޓާލީ މައިކޮލެންކޯ އެޓިމުގެ ޕެނަލްޓީ އޭރިއާ ތެރެއިން ފައުލް ކުރުމުން ލިބުނު ޕެނަލްޓީ އާލިން ހާލަންޑް ޖެހުމުން އެވަޓަންގެ ކީޕާ ޖޯޑަން ޕިކްފަޑްވަނީ ދިފާއުކޮށްފައެވެ. އަދި ހާލަންޑް ރީބައުންޑް ގޯލްގެ ތެރެއަށް ފޮނުވާލި ނަމަވެސް އެލަނޑު ވަނީ އޮފް ސައިޑް ކަމަށް ދައްކާފައެވެ.

މިމެޗުގައި ލަނޑު ޖަހާނެ އިތުރު ފުރުސަތު ލިބުނު ނަމަވެސް މެޗު ނިމުނީ މިނަތީޖާގައި އޮވެގެންނެވެ.

މިމެޗު އެއްވަރު ވުމާއެކު ސިޓީއިން އެންމެ ފަހުން ކުޅުނު 13 މެޗުގެ ތެރެއިން މޮޅުވެވިފައިވަނީ އެންމެ މެޗަކުންނެވެ. އަދި މިއާއެކު ސިޓީ އުޅެނީ 28 ޕޮއިންޓާއެކު ތާވަލްގެ ހަތް ވަނައިގައެވެ. އަދި އެވަޓަން އުޅެނީ 17 ޕޮއިންޓާއެކު ތާވަލްގެ 15 ވަނައިގައެވެ.