މެލޭޝިޔާގެ ނެކްސްބިޒާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ 39 މިލިއަން ޑޮލަރުގެ ބޯޑާ ކޮންޓްރޯލް ޕްރޮޖެކްޓް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ހުއްޓުވަން މަސައްކަތް ކުރަނިކޮށް އެ ޕްރޮޖެކްޓުގެ 95 ޕަސެންޓް ނިންމި މައްސަލަ ބަލަން ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ނިންމައިފި އެވެ.

އެ މަސައްކަތް ހުއްޓުވުމަށް އޭސީސީން ވަނީ އެ މައްސަލައިގައި ހައިކޯޓަށް ވެސް ގޮސްފަ އެވެ. އަދި އެ ޕްރޮޖެކްޓް ނެކްސް ބިޒާއި ހަވާލުކުރީ ވެސް އެ ޕްރޮޖެކްޓް ހަވާލު ނުކުރަން އޭސީސީން އަންގާފައި ވަނިކޮށެވެ.

މާލިއްޔަތު ކޮމެޓީގެ މިއަދުގެ ޖަލްސާ ފެށުމާއެކު ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ވަނީ އިދާރީ މައްސަލައެއްގެ ގޮތުގައި ބޯޑާ ކޮންޓްރޯލްގެ ކުރިއަށް ގެންދާ މައްސަލަ ބެލުމަށް ކޮމެޓީއަށް ހުށަހަޅުއްވައިފަ އެވެ. އެ މައްސަލަ ހުށަހަޅުއްވަމުން އިލްޔާސް ލަބީބު ވިދާޅުވީ އޭސީސީން އެ ޕްރޮޖެކްޓް ހުއްޓުވަން މަސައްކަތް ކުރަނީ ކޮރަޕްޝަންގެ ތުހުމަތުތަކެއް ކުރެވޭތީ ކަމަށާއި އެ ޕްރޮޖެކްޓްގެ މައްސަލަތަކެއް ކޯޓުގައި ހިނގަމުން ދަނިކޮށް ޕްރޮޖެކްޓް ގާތްގަނޑަކަށް ނިންމާ ލުމަކީ އެއްގޮތަކަށް ވެސް ގަބޫލު ކުރެވޭ ކަމެއް ނޫން ކަމަށެވެ. އަދި ވިދާޅުވީ އެ ޕްރޮޖެކްޓްގެ މަސައްކަތް މިހާރުން މިހާރަށް ވެސް ހުއްޓުވަންޖެހޭ ކަމަށެވެ.

"މި ޕްރޮޖެކްޓް ދާ ރޭޓުން މިހާރުން މިހާރަށްވެސް މި ކޮމެޓީ މެދުވެރިކޮށް ވެސް ޕްރޮޖެކްޓް ހުއްޓުވޭނެ ގޮތެއް ހަދަން ޖެހޭ. އަޅުގަނޑަށް ހީވަނީ އޭސީސީން އެ މައްސަލަ ބަލަމުން ދާއިރު އަދި އެ މައްސަލަތައް ކޯޓުގައި އޮތް އިރު ރަނގަޅު ގޮތެއް ނޫންހެން ޕްރޮޖެކްޓް އެއްކޮށް ނިންމާލުން، މީގެ ސަބަބުން ގެއްލުންވާނީ ހަމަ ދައުލަތަށް،" އިލްޔާސް ލަބީބު ވިދާޅުވި އެވެ.

އޭނާގެ އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ އާއި ބިލަތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަމްޒާ އެވެ.

ޣަފޫރު ވިދާޅުވީ އެ މައްސަލައިގައި އިމިގުރޭޝަންގެ ވެރިންނާއި އޭސީސީގެ ވެރިން ކޮމެޓީގެ ޖަލްސާއަށް ހާޒިރު ކުރަން ޖެހޭ ކަމަށެވެ. މެންބަރުންގެ އެ ހުށަހެޅުމާ ގުޅޭ ގޮތުން މުގައްރިރު ދިއްގަރު ދާއިރާގެ މެންބަރު ނާޒިމް ވިދާޅުވީ މާދަމާ ބާއްވާ ޖަލްސާއަށް އޭސީސީގެ އޮފިޝަލުން ހާޒިރުކުރަން އެ މައްސަލަ އެޖެންޑާ ކުރައްވާނެ ކަމަށެވެ.

މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގެންނެވި ހުރިހާ މެންބަރުން ވެސް ވިދާޅުވަމުން ގެންދެވީ ބޯޑާ
ކޮންޓްރޯލް ޕްރޮޖެކްޓާ މެދު ހުރި މައްސަލަތަކާ މެދު ވަކިގޮތެއް ނިމެންދެން އެ ޕްރޮޖެކްޓް ހުއްޓާލަން ކޮމެޓީ މެދުވެރިކޮށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އަދި އިމިގުރޭޝަންގެ އޮފިޝަލުންނާއި އޭސީސީގެ އޮފިޝަލުން ހާޒިރުކޮށް އެ މައްސަލައިގައި ޖަވާބުދާރީ ކުރުވަން ޖެހޭ ކަމަށްވެސް މެންބަރުން ވިދާޅުވި އެވެ.

"އެގޮތައް މައްސަލަތަކެއް ހުއްޓައި ޕްރޮޖެކްޓް އަވަހަށް ނިންމާލުން މިހާ ފާޅުކޮށް ކުރިއަށް ދާއިރު މިކަމަކީ ސަރުކާރުގައި ތިބި ނުފޫޒު ގަދަ ބަޔެއްގެ ނުފޫޒުން ވާކަމެއް ކަމަށް ބެލެވޭ، އަނެއްކާ މި ސަރުކާރަކީ ކުރީގެ ސަރުކާރުން ގޯސްކޮށް ކުރި ކަންކަން ފާހަގަކޮށްގެން ވެރިކަމެއް އައި ބަޔެއް، އެހެންވީމަ އެ ސަރުކާރުން ކުރިޔޭ ކިޔާފައި މި މީހުންނަށް ވެސް މިކަމެއް ނުކުރެވޭނެ،" މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާ ވިދާޅުވި އެވެ.

އެ މައްސަލަ މާލިއްޔަތު ކޮމެޓީން ބަލަން ނިންމިއިރު ކޮންޓްރޯލާ ޑރ. މުހަންމަދު އަލީ ސަން އޮންލައިން އަށް މިދިޔަ އާދިއްތަ ދުވަހު ވިދާޅުވީ ބޯޑާ ކޮންޓްރޯލް ޕްރޮޖެކްޓް ގާތްގަނޑަކަށް ނިމިފައިވާ ކަމަށެވެ.

ކޮމެޓީ ހިނގަމުން ދަނކޮށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ކޮމެޓީ ރޫމަށް ވަދެވަޑައިގެން އަޑުގަދަ ކުރައްވަން ފެއްޓެވުމުން ކޮމެޓީގައި އިތުރު މަސައްކަތެއް ނުކުރެވި ކޮމެޓީ ވަނީ މިއަދު ހުއްޓާލައިފަ އެވެ. ޖާބިރު ކޮމެޓީ ހުއްޓުވީ ރައީސް ނަޝީދުގެ މައްސަލަ ބަލައި ކޮމެޓީއަށް އެމްޑީޕީ މެންބަރުން ހުރަސް އަޅައި މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދިޔުމަށް އެމްޑީޕީގެ މެންބަރުން ހުރަސް އަޅުއްވާ ކަމަށް ވިދާޅުވެ އެވެ.