10 Jul 2012, 11:02
ރާއްޖޭގެ އެކި ސަރަހައްދުތަކަށް ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގައި ރެއާ މިއަދު ހެނދުނު އަތޮޅުތަކުގެ ބައެއް ރަށްރަށަށް ގަދަ ވަޔާއެކު ކުރި ވިއްސާރައިގައި ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.
މިއަދު ހެނދުނު މާލެއަށް އައި ބާރުގަދަ ކޮޅިގަނޑެއްގައި މާލޭގެ ބައެއް ސަރަހައްދުތަކުގައި ހުރި ގަސްތައް ވަނީ ވެއްޓިފަ އެވެ. އަދި ބައެއް ހިސާބުތަކުން ގަސްތަކުގެ އޮފިތައް ބިނދި މަގުމައްޗަށް ވެއްޓި ހިނގާ މީހުންނަށާއި ދުއްވާ އެއްޗެއްސަށް ދައްޗާ ކުރިމަތިވި އެވެ.
އެމްއެންޑީއެފްގެ އޮފިޝަލަކު މިއަދު ވިދާޅުވީ މާލެއަށް މިއަދު ކުރި ވިއްސާރައިގައި މާލޭގެ ހަތް ސަރަހައްދަކުން ގަސްގަހުގެ ގޮފިތައް ވެއްޓިފައިވާއިރު ބަނޑޭރި ކޮށި އަދި ހ. ކޮޓަންގޭ ފުރާޅުގެ ބައެއް އެއްލާލައިފައިވާ ކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށެވެ. މީގެ އިތުރުން ކަނޑުމަތީގެ ހަތަރު ހާދިސާއެއް ވެސް މިއަދު ހިނގައިފައިވާ ކަމަށް އެ އޮފިޝަލު ވިދާޅުވި އެވެ.
"ބައެއް ސަރަހައްދުތަކުން ގަސްތަކުން ގޮފޮތައް މަގުމައްޗަށް ވެއްޓިފައިވަނީ، ނަމަވެސް އެއްވެސް މީހަކަށް ގެއްލުމެއް ނުވޭ،" އޮފިޝަލް ވިދާޅުވި އެވެ.
ޑިޕާޓްމަންޓް އޮފް މީޓިއަރޮލޮޖީގެ އޮފިޝަލަކު މިއަދު ވިދާޅުވީ ފާއިތުވި ސައުވީސް ގަޑިއިރުގެ ތެރޭގައި ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް މެދު ރާއްޖެތެރެއާއި ދެކުނުގެ ބައެއް އަތޮޅުތަކަށް ބޯކޮށް ވާރޭ ވެހިފައިވާ ކަމަށެވެ. އެގޮތުން މިއަދު މިއަދު ލ. އަތޮޅު ކައްދޫއަށް އައި ވިލާގަނޑުގައި ގަޑިއަކު 54 މޭލުބާރުމިނަށް ވައި ގަދަވެފައިވާ ކަމަށާއި މިވިލާގަނޑުގައި މާލެއަށް ގަޑިއަކު 51 މޭލު ބާރު މިނުގައި ވައިގަދަވެފައިވާ ކަމަށެވެ.
ވޭތުވެ ދިޔަ 24 ގަޑިއިރުގެ ތެރޭގައި އެންމެ ބޮޑަށް ވިއްސާރަ ކުރީ ލ. އަތޮޅަށް ކަމުގައިވާއިރު އެއަތޮޅުން އެންމެ ބޮަޑު ގެއްލުންތަކެއް ލިބިފައިވަނީ ގަމަށެވެ. މީގެ އިތުރުން އެއަތޮޅުގެ ބައެއް އެހެން ރަށްރަށަށް ވެސް މިއަދު ގެއްލުންތައްވި އެވެ.
އަތޮޅު ކައުންސިލްގެ މެންބަރު މުމްތާޒު ފަހުމީ ވިދާޅުވީ އަތޮޅުގެ ބައެއް ރަށްރަށަށް މިވިއްސާރަައިގަ ބައެއް ކަހަލަ ގެއްލުންތަކެއް ލިބެމުންދާ ކަމުގެ ރިޕޯޓް ލިބެމުން އަންނަ ކަމަށާއި އެގޮތުން ލިބިފައިވާ ގެއްލުންތައް އެނގުމަށް ރަށްރަށަށް މިހާރު އަންގަމުން އަންނަ ކަމަށެވެ.
"އެންމެ ބޮަޑަށް ގެއްލުންވި ކަމުގެ މައުލޫމާތު ލިބިފައިވަނީ ލ. ގަމުން، އެރަށުގެ ބައެއް ދަނޑު ބިންތަކަށް ވަނީ ގެއްލުންވެފައި،" މުމްތާޒު ވިދާޅުވި އެވެ.
ގަމުން ވާހަކަ ދެެއްކި މީހަކު ބުނީ އެރަށުގެ ގެއަކުން ފުރާޅު ވެއްޓި ބައެއް ކަހަލަ ގަސްތައް ގޭގޭގެ ފުރާޅު މައްޗަށް ވެއްޓިފައިވާއިރު ގެއެއްގެ ފާރެއް ވެސް ވެއްޓިފައިވާ ކަމަށެވެ.
މިދުވަސްވަރު ރާއްޖެއަށް ކުރަމުން މިގެންދާ ވިއްސާރައިގެ ކުރިއަށް އޮތް 24 ގަޑިއިރު ވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ ކަމަށާއި ބައެއް ސަރަހައްދުތަކަށް ގުގުރުމާ އެކު ވިއްސާރަ ކުރާނެ ކަމަށްވެސް މެޓުން ބުންޏެވެ. އަދި ރާއްޖެގެ ކަނޑުތައް ގަދަ ވާނެ ކަމަށް ވެސް މެޓުން ބުންޏެވެ.