އެމެރިކާގެ ފްލޮރިޑާގައި މޫދުގައި ފެތިފެތި އޮތް މީހަކު ސަލާމަތްކޮށްދީގެން ލައިފްގާޑަކު ވަޒީފާއިން ވަކިކޮށްފި އެވެ. މޫދުގައި ފެތިފެތި އޮތް އެ މީހާ އޮތް ސަރަހައްދަކީ ލައިފްގާޑުން ތިބޭ ގޮތަށް ހަމަޖައްސައިފައި އޮންނަ ސަރަހައްދެއް ނޫން ކަމަށް ވެފައި، އެހެން ސަރަހައްދަކަށް ހާއްސަކޮށްފައި ހުރި ލައިފްގާޑަކު، އޭނާ ބަލަހައްޓަން ޖެހޭ ސަރަހައްދު ދޫކޮށް ދިއުމުން ވަޒީފާއިން ވަކި ކުރީ ކަމަށް ކަމާ ބެހޭ އިދާރާއިން ބުނެއެވެ.

ލައިފްގާޑުން ނެތް ސަރަހައްދެއްގައި މީހަކު ސަލާމަތް ނުވެވިގެން އުޅޭކަން، އުމުރުން 21 އަހަރުގެ ތޯމަސް ލޮޕޭޒްއަށް (ފޮޓޯ) އެނގުނު އިރު އޭނާ ހުރީ ޑިއުޓީގަ އެވެ. އެ ޚަބަރު ހަމަ ލިބުމާއެކު އޭނާ އަވަސްވެގަތީ އެމީހާގެ ފުރާނަ ސަލާމަތްކޮށް ދިނުމަށެވެ.

"އަހަރެންނަކީ މީހުންގެ ފުރާނަ ސަލާމަތްކުރުމުގެ ވަޒީފާގައި އުޅޭ މީހެއް. އެހެންވީމާ މީހެއްގެ ފުރާނަ ސަލާމަތް ކުރާން ޖެހޭ ވަގުތެއްގައި ނޫނެކޭ ބުނާން ޖެހޭ ކަމަކަށް ނުވިސްނޭ." ލޮޕޭޒް ބުންޏެވެ.

އެހެން ނަމަވެސް އޭނާގެ މައްޗަށް ތިބި ވެރީން ދެކޭ ގޮތުގައި އޭނާ ވަނީ ކުންފުނީގެ ގަވައިދުތައް މުގުރައިލައިފައެވެ. އަދި އޭނާ ބަލަހައްޓާން ޖެހޭ ސަރަހައްދު ދޫކޮށް ދިއުމުގެ ސަބަބުން އެހެން ބައެއް ކަސްޓަމަރުންގެ ފުރާނައަށް ނުރައްކާވުމަކީ ވެސް އެކަށީގެންވާ ކަމަށް ކުންފުނީގެ ވެރީން ދެކެއެވެ. ތޯމަސް ލޮޕޭޒް ވަޒީފާއިން ވަކިކުރުމާ ދެކޮޅު ހެދުމުގެ ގޮތުން، އޭނާއާ އެކު މަސައްކަތްކުރާ އެހެން ދެ ލައިފްގާޑަކު ވަނީ ވަޒީފާއިން އިސްތިއުފާ ދީފައެވެ.

"އަހަރެމެންނަށް އޮންނަނީ ކަނޑައެޅިފައި އޮންނަ ވަކި ސަރަހައްދެއް. އެހެންވީމާ އެ ސަރައްހަދުން ބޭރުގައި މީހަކު ސަލާމަތް ނުވެގެން އުޅުނަސް އަހަރެމެންނަށް ދެވޭނެކަމަކަށް އަހަންނަކަށް ގަބޫލެއް ނުކުރެވޭ. އެފަދަ ގޮތަކަށް އަހަރެމެންގެ ސަރަހައްދު ދޫކޮށް ދާ ވަގުތަކީ މި ސަރަހައްދުގައި ނުރައްކަލެއް ހިނގާ ވަގުތު ކަމަށް ވެއްޖެނަމަ އަހަރެމެން ޒިންމާވާން ޖެހޭ." ލައިފްގާޑުންގެ ހިދުމަތް ފޯރުކޮށްދޭ ކުންފުނީގެ އިސްވެރިއަކު ބުންޏެވެ.

ފެތިފެތި އޮތް މީހާގެ ގާތަށް ޕެރަމެޑިކުން އައުމާ ހަމަޔަށް އޭނާއަށް ފުރަތަމަ އެހީ ފޯރުކޮށްދީފައިވަނީ ލޮޕޭޒް އާއި އޮފް ޑިއުޓީގައި ހުރި ނަރުހެކެވެ. އަދި ވެސް އެމީހާ އޮތީ އައި.ސީ.ޔޫ ގައި ކަމަށް ބީބީސީން ހާމަކުރެއެވެ.

ލޮޕޭޒް ބުނާ ގޮތުގައި ވަޒީފާއިން ވަކި ކުރުމަކުން އޭނާ ދެރައެއް ނުވެއެވެ. "އަހަރެން ދެކޭ ގޮތުގައި މިއީ އިންސާފެއް ނޫން. ހަގީގަތުގައި ވެސް މީހަކު ސަލާމަތް ކުރާން ޖެހެނީ ވަކި ނިޝާނެއްގެ ވަކި ފަރާތެއްގައި ވުމުން ކަމަށް ކަނޑައެޅިފައި އޮތުމަކީ ވަރަށް ހެއްވާ ކަމެއް." އޭނާ ބުންޏެވެ. އޭނާ ވަޒީފާއިން ވަކި ކުރުމުން ވަޒީފާއިން އިސްތިއުފާ ދިން އޭނާގެ އެކުވެރިއަކު ބުނި ގޮތުގައި ލޮޕޭޒް އެމީހާ ސަލާމަތް ކުރާން ދިޔައީ އެމީހުންނަށް އިޝާރާތް ކުރުމަށް ފަހުގައެވެ. އަދި ލޮޕޭޒް އަންނާން ދެން އެމީހުން ދިޔައީ ލޮޕޭޒް ބަލަހައްޓާން ޖެހޭ ސަރަހައްދު ބަލަހައްޓަމުންނެވެ. އެހެން ކަމުން މީހެއްގެ ފުރާނަ ސަލާމަތް ކޮށްދިނުން އެއީ ކުށަކަށް ބަލައި ކުންފުނިން ލޮޕޭޒާ މެދު ފިޔަވަޅު އަޅާން ޖެހޭ ސަބަބެއް ނޭނގޭ ކަމަށް މި މީހާ ބުނެއެވެ. -- ބީބީސީ