22 Aug 2010, 09:31
14:32
ޑިޕާޓްމަންޓް އޮފް އިންލަންޑް ރެވެނިއު ރައީސުލްޖުމްހޫރިއްޔާ މިއަދު އުވާލައްވައިފި އެވެ.
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ދަށުން ހިނގަމުންދިޔަ އެ ޑިޕާޓްމަންޓް އުވާލާފައި ވަނީ ޓެކްސް ނެގުމާ ބެހޭ އިދާރީ ޤާނޫނުގެ ދަށުން އުފެދިފައިވާ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީން ކުރާ ގޮތަށް، އެ ޤާނޫނުގައި ކަނޑައަޅާފައިވާތީ ކަމަށް ވެސް ރައީސް އޮފީހުން ބުނެ އެވެ.
ޑިޕާޓްމަންޓް އޮފް އިންލަންޑް ރެވެނިއު އުވާލެއްވުމާ ގުޅިގެން، އެ ޑިޕާޓްމަންޓުން ކުރަމުން ގެންދިޔަ މަސައްކަތްތަކުގެ ތެރެއިން، ސަރުކާރުގެ ޓެކްސްއާ ބެހޭ ސިޔާސަތު ރޭވުމާއި، ސަރުކާރުގެ އާމްދަނީގެ ބިންގާ ފުޅާކުރުމާ ގުޅޭ ގޮތުން ކުރައްވަމުންގެންދެވި މަސައްކަތްތައް، މިއަދުން ފެށިގެން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީން ކުރައްވަމުން ގެންދަވާ ގޮތަށް ވެސް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވާފައިވާ ކަމަށްވެސް ރައީސް އޮފީހުން ބުނެ އެވެ.