10 Jul 2012, 10:06
ޤައުމީ ވޮލީބޯޅަ ލީގުގެ ފިރިހެން ޑިވިޒަންގެ ފުރަތަމަ ބުރުގައި ރޭ ކުޅުނު މެޗް ކުލަބް ޕީކޭ އިން ކާމިޔާބުކޮށް، ލީގުގެ ހަތަރު ވަނައަށް ޖެހިލައިފި އެވެ.
ޒުވާނުންގެ މަރުކަޒުގެ ވޮލީ ކޯޓްގައި ރޭ ކުޅުނު މެޗް ޕީކޭ އިން ކާމިޔާބު ކުރީ ސްޕޯޓްސް ކުލަބް ސިޓީއާ ވާދަކޮށް ތިން ސެޓް އެއް ސެޓުން ނެވެ.
މެޗުގެ ސެޓްތައް ދެ ޓީމުން ގެންގޮސްފައިވާ ގޮތަށް ބަލާ އިރު، ފުރަތަމަ ސެޓް 25-19 އިން ކާމިޔާބު ކުރީ ޕީކޭ އެވެ. އެހެން ނަމަވެސް މެޗުގެ ދެ ވަނަ ސެޓް 25-19 އިން ކާމިޔާބު ކުރީ ސިޓީ އެވެ. އެކަމަކު މެޗުގެ ތިން ވަނަ ސެޓް 27-25 ޕީކޭ އިން ކާމިޔާބު ކޮށް، މެޗުގެ ލީޑް ނެގި އެވެ. އަދި ފަހު ސެޓް ޕީކޭއިން ކާމިޔާބު ކުރީ 25-18 އިންނެވެ.
ރޭގެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ކުލަބް ޕީކޭގެ އިސްމާއިލް ރިފާއު އެވެ.
ލީގުގައި މިހާތަނަށް ކުޅެވުނު މެޗްތަކަށް ބަލާ އިރު، ލީގުގެ އެއް ވަނާގައި އެސްޓީއޯ އޮތް އިރު، ދެ ވަނާގައި އޮތީ ސިފައިންގެ ކުލަބެވެ. އަދި ތިން ވަނާގައި ޕޮލިސް ކުލަބް އޮތް އިރު ހަތަރު ވަނަ ލިބެނީ ޕީކޭ އަށެވެ. ލީގުގެ ފަސް ވަނަ ސްޕޯޓްސް ކުލަބް ގްޑީސްއަށް ލިބޭ އިރު، އެންމެ ފުލުގައި އޮތީ ސިޓީ އެވެ.
ލީގުގައި މިއަދު ވެސް ޖުމްލަ ދެ މެޗެއް ކުޅުމަށް ހަމަޖެހިފައިވާ އިރު، ފުރަތަމަ މެޗުގައި މިއަދު ހަވީރު 4:15ގައި ބައްދަލުކުރާ ދެ ޓީމަކީ ސިފައިންނާއި ސްޕޯޓްސް ކުލަބް ގްޑީސް އެވެ. އަދި މިރޭ ކުޅޭ ދެ ވަނަ މެޗުގައި ބައްދަލުކުރާ ދެ ޓީމަކީ ސިޓީއާއި އެސްޓީއޯ އެވެ. މިމެޗް ފަށާނީ މިރޭ 8:30 ގަ އެވެ.
މި އަހަރުގެ ގައުމީ ވޮލީބޯޅަ ލީގުގެ ފުރަތަމަ ބުރު މިއަދުގެ ނިޔަލަށް ކުރިއަށްދާ އިރު، މުބާރާތުގެ ދެވަނަ ބުރު ކުޅޭނީ އޮކްޓޯބަރު މަހު އެވެ. އެގޮތުން ދެ ވަނަ ބުރުގައި ބިދޭސީ ކުޅުންތެރިން ކުޅޭނެ އެވެ.
މީގެ އިތުރުން މި އަހަރުގެ ވޮލީ ސީޒަންގައި މާދަމާ ފަށާނީ ޕަސްކޯލް ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ ފިރިހެން ޑިވިޝަނުގެ ދެވަނަ ބުރުގެ ކުޅުމެވެ. އެގޮތުން ދެވަނަ ބުރުގައި ވާދަކުރާ ޓީމްތަކަކީ ޕޯލް ސްޓާ އާއި ނާވައިދޫ ޒުވާނުންގެ ޖަމިއްޔާ އާއި ދިވެހި ސިފައިންގެ ކްލަބާއި ޕޮލިސް ކްލަބާއި އެސްޓީއޯ ރެކްރިއޭޝަން ކްލަބާއި ސްޕޯޓްސް ކްލަބް ގޫޑީސް އާއި ސްޕޯޓްސް ކްލަބް ސިޓީ އަދި ކްލަބް ޕީކޭ އެވެ.
ދެ ވަނަ ބުރުގެ ކުޅުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ނޮކްއައުޓް އުސޫލުންނެވެ.
މިމުބާރާތުގެ އަންހެން ޑިވިޝަން އެސްޓީއޯ ބަލިކޮށް ހޯދީ ޕޮލިސް ކްލަބެވެ.