ހުޅުމާލޭ ފޭސް ދޭއްގެ، ހިތިގަސްމަގުގައި ޕާކުކޮށްފައި އޮތް ޓެކްސީ ކާރެއްގައި ރޯވި އަލިފާން، އެމްއެންޑީއެފް ނިއްވާލައިފިއެވެ.

މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔާ ސްޓޭޝަނަށްލިބިފައި ވަނީ ރޭ މެންދަމު 03:36 ހާއިރުކަމަށް ސިފައިން ބުނެއެވެ.

މި ޚަބަރު ލިބުމާއެކު އެ ފަޔާ ސްޓޭޝަނުގެ ފަޔާފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައެވެ.

މިގޮތުން ފަޔާފައިޓަރުން ކުރި މަސައްކަތުން އަލިފާންގަނޑު ނިއްވާލެވުނީ 04:01 ހާއިރުކަމަށް އެމްޑީއެފްއިން ވަނީ ބުނެފައެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވި ނުވި ނަމަވެސް ކާރަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

ހުޅުމާލޭ ބޮޑެތި މަގުތަކުގައި ކާރު ޕާކްކޮށްފައި ހުރުމަކީ ވަރަށް އާއްމުކަމެކެވެ. އެގޮތަށް ބަހައްޓާފައި ހުންނަ ކާރުތަކުން ވައްކަން ކުރުމަކީ ވެސް ދޭތެރެއިން ހިނގާ ކަމެކެވެ.