10 Jul 2012, 09:31
ކާބުލް (ޖުލައި 10): އަފްޣާނިސްތާނުގައި ހަނގުރާމަކުރާ ނޭޓޯގެ ސިފައިންގެ ހަތްމީހަކު މަރާލައިފި އެވެ. ކާބުލްގައި ހުންނަ ނޭޓޯގެ ކޮމާންޑުން ބުނިގޮތުގައި މި ހަތް މީހުން މަރުވީ އަފްޣާނިސްތާނުގެ އިރުމަތީގެ ސަރަޙައްދެއްގައި ގޮތްނޭންގޭ މީހަކު ދިން އަތުބޮމުގެ ޙަމަލާއެއްގަ އެވެ.
މަރާލެވިފައިވާ ނޭޓޯ ސިފައިންގެ ހަތްމީހުން ނިސްބަތްވާ ޤައުމުތައް ނޭޓޯގެ ތަރްޖަމާން ހާމައެއް ނުކުރައްވަ އެވެ. ނަމަވެސް ނަންހާމަކުރަން ނޭދޭ އެމެރިކާގެ މަސްއޫލުވެރި އަކު ވިދާޅުވި ގޮތުގައި މި ހަތް މީހުންގެ ތެރެއިން ހަ މީހުންނަކީ އެމެރިކާ ސިފައިންނެވެ.
އަނެއްކޮޅުން އަފްޣާނިސްތާނުގެ ދެކުނުގައިވެސް އިއްޔެވަނީ ނޭޓޯ ސިފައިންނަށް ހަމަލާއެއްދީފަ އެވެ. ތާލިބާނުން ކަމަށް ބެލެވޭ ހަތިޔާރުއެޅިބަޔަކު ދިން މިޙަމަލާގައި ނޭޓޯ ސިފައިންގެ އެކަކު މަރުވެފައިވެެ އެވެ. އަދި ކަންދަހާރުގައި ދިން ޙަމަލާތަކެއްގައި އަފްޣާން އާންމުންގެ 18 މީހަކު ވެސް އިއްޔެ މަރުވެފައިވާ އިރު މިއީ އެމެރިކާ ސިފައިންގެ ޙަމަލާތަކެއް ކަމަށް ބެލެވިފައިވެ އެވެ.
މިއަހަރުގެ ޖަނަވަރީ މަހުން ފެށިގެން މިހާތަނަށް ނޭޓޯ ސިފައިންގެ 234 މީހަކު އަފްޣާނިސްތާނުގައި މަރާލާފައިވާ އިރު މިގެތެރެއިން 190 އަށްވުރެ ގިނަމީހުންނަކީ އެމެރިކާ ސިފައިންނެވެ. މިމުއްދަތުގައި ނޭޓޯ ސިފައިން ދިން ޙަމަލާތަކުގައި އަފްޣާން އާންމުންގެ އެތައް ސަތޭކަ ބައެއްގެ މަރުވުމުގެ އިތުރުން ތާލިބާން ހަނގުރާމަވެރިންގެ ވެސް ގިނަ ޢަދަދެއްގެ ބަޔަކު މަރާލާފައިވެ އެވެ. (އަލްޢާލަމް)