މޮސްކޯ (ޖުލައި 10): އިންސާނީ ޙައްޤުތަކާއި ޑިމޮކްރަސީގެ ނަމުގައި ހުޅަނގުން ޢަރަބި ދުނިޔެއަށް ވަންނަމުންދާ މައްސަލަ ރަޝިޔާގެ ރައީސް ވްލަޑިމޭރު ޕޫޓިން ކުއްވެރިކުރައްވައިފި އެވެ.

ބޭރުޤައުމުތަކަށް ކަނޑައަޅާފައިވާ ރަޝިޔާގެ ސަފީރުންނާ މޮސްކޯގައި ބައްދަލުކުރައްވައި އިއްޔެ ވާހަކަ ދައްކަވަމުން ޕޫޓިން ވިދާޅުވީ ހުޅަނގުން އެހެން ޤައުމުތަކުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަންނަ ޒަމާނީ ހަތިޔާރެއްގެ ގޮތުގައި ޑިމޮކްރަސީއާއި އިންސާނީ ޙައްޤުތައް ހަދައިފި ކަމަށާއި މިއީ ޒަމާނީ އިސްތިޢްމާރުގެ އާލާތަކަށް ވެއްޖެ ކަމުގަ އެވެ. ޕޫޓިންގެ ވާހަކާގައި ޢަރަބި ދުނިޔޭގެ ކަންކަމުގެ ތެރެއަށް ސިޔާސީ މަޤްސަދްތަކުގައި ވަދެގަތުމަށާއި ބާރާއި ނުފޫޒުފޯރުވުމަށް އިންސާނީ ހައްޤުތައް ޙިމާޔަތްކުރުމާއި އިންސާނީ ކަންކަން ހުޅަނގުން ހަތިޔާރަކަށް ހަދާކަމުގަ އެވެ. އަދި އިންސާނީ ހައްޤުތައް ޙިމާޔަތްކުރުމާއި ޑިމޮކްރަސީގެ އުސޫލުތަކުގައި ހުޅަނގުގައި އިޚްލާސްތެރިކަމެއް ނެތްކަމަށްވެސް ޕޫޓިން ވިދާޅުވި އެވެ.

"ހުޅަނގުން ޢަރަބި ދުނިޔެއަށް ޑިމޮކްރަސީގެ ބޮންތަކާއި ރޮކެޓްތައް ސިޔާސީ ބޭނުންތަކުގައި ފޮނުވަމުންދޭ" ޕޫޓިން ވިދާޅުވި އެވެ. ޕޫޓިންގެ ވާހަކާގައި ހުޅަނގުން އިންސާނީ ހައްޤުތަކަށް ފުޅާދާއިރާއެއްގައި އަރައިގަންނަމުންދާ ކަމަށް ތުހުމަތު ކުރެއްވިއެވެ. އަދި ހުޅަނގުގެ އަމިއްލަ މަސްލަޙަތާ ޖެހުނީމާ ޑިމޮކްރަސީވެސް ނޯންނަކަމަށާއި ދުނިޔޭގެ ޑިކްޓޭޓަރުންގެ ޙިމާޔަތުގައި އޮތީވެސް ހުޅަނގު ކަމަށް ވިދާޅުވި އެވެ.

ސޫރިޔަގެ މައްސަލައަށް ބައްލަވާލައްވަމުން ޕޫޓިން ވިދާޅުވީ ސުލްޙަވެރި ޙައްލެއްނޫނީ ސޫރިޔާއަށް ނުގެނެވޭނެ ކަމުގައެވެ. ޢިރާޤަށްވީގޮތް ސޫރިޔާއަށް ވުމަށް ނޫނީ ލީބިޔާގެ ސިނާރިޔޯ ސޫރިޔާގައި ތަކުރާރުވުމަށް ރަޝިޔާ ނޭދޭކަމަށާ މިފަދަ ކަމެއް ތަކުރާރުވެއްޖެ ނަމަ ސޫރިޔާގައި މިހަރު އޮހޮރޭވަރަށް ވުރެ ގިނަލޭތައް އޮހޮރިގެންދާނެ ކަމަށް ޕޫޓިން ވިދާޅުވި އެވެ.

ޕޫޓިންގެ ވާހަކާގައި ސޫރިޔާގެ ޙާލަތު މިހާރުއޮތް ގޮތުން ސޫރިޔާ އަށް ކުރިން ވިއްކުމަށް ހަމަޖެހިފައިވާ ރަޝިޔާގެ ޒަމާނީ ޢަސްކަރީ މަތިންދާބޯޓު ކަމަށްވާ "ޔަކް 130" މަރުކާގެ މަތިންދާބޯޓު ސޫރިޔާ ސަރުކާރާ ޙަވާލުނުކުރާނެ ކަމަށް ވިދާޅުވި އެވެ. މިމަރުކާގެ 40 ބޯޓު ސޫރިޔާއާ ޙަވާލުކުރުމުގެ އެއްބަސްވުމެއްގައި ދެޤައުމުން މިދިޔަ އަހަރު ވަނީ ސޮއިކޮށްފަ އެވެ. (ނޫސްއެޖެންސީތައް)