އަންނަ ރިޔާސީ އިންތިހާބުގައި ބައެއް ޕާޓީތަކުން ވާދަ ކުރައްވާނެ ރިޔާސީ ކެންޑިޑޭޓުން ވަނީ އިއުލާން ކޮށްފަ އެވެ. އެފަދަ ބައެއް ބޭފުޅުން މިހާރު ވަނީ ކެމްޕެއިން ދަތުރުތައް ވެސް ފައްޓަވާފަ އެވެ. ބައެއް ޕާޓީތަކުން ކެމްޕޭން ހަރަކާތްތަކުގައި ވޭތުވެދިޔަ ދެ ހަފާތުގައި އުޅުނީ އަތޮޅުތަކުގެ ރަށްރަށުގައި އެވެ. ކެމްޕޭން ހަރަކާތްތައް ގާތްގަނޑަކަށް ފެށުނުއިރު މި ވަގުތު އިވެނީ ތަފާތު އަޑެކެވެ.އަންނަ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓު މުހައްމަދު ނަޝީދާއި ވާދަކުރަން އިއްތިހާދުވެގެން އެއް ކެންޑިޑޭޓަކު ނެރުމަށް މަޝްވަރާ ކުރަމުންދާ ވާހަކަ އެވެ.

އެކަމުގައި އެންމެ ބޮޑަށް އުޅެނީ މަދަނީ އިއްތިހާދުންނެވެ. މަދަނީ އިއްތިހާދުގެ ނައިބު ރައީސް އަބްދުﷲ މުހައްމަދު އާއި ޑރ. މުހައްމަދު މުނައްވަރު އިސްވެ ކުރައްވަން ގަސްދުކޮށްފައިވާ މަސައްކަތްކުން ނަތީޖާ ނެރުމަކީ ވާނެ ކަމެއް ކަމަށް ގިނަ ބަޔަކު ގަބޫލެއް ނުކުރެ އެވެ. ފެށިފައިނުވާ އެ މަޝްވަރާތައް ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ވެގެން ދާނީ ފެނަށެވެ.

މަޝްވަރާތަކެއް ކުރި ނަމަވެސް އިންތިހާބުގެ ފުރަތަމަ ބުރުގައި އެއް ކެންޑިޑޭޓަކު ނެރެން އެއްބަސް ނުވެވޭނެ ކަމަށް ގަބޫލުކުރެވެ އެވެ. ސަބަބަކީ މަޝްވަރާތަކުގައި ބައިވެރިވާން އޮތް ބައެއް ޕާޓީތަކުން ގަބޫލުކުރާ ގޮތުގައި ފުރަތަމަ ބުރުގައި އެއް ކެންޑިޑޭޓަކު ނެރުމުގެ ބޭނުންމެއް ނެތެވެ. އެ ޕާޓީ ތަކުގެ ބައެއް ލީޑަރުން ގަބޫލުކުރައްވާ ގޮތުގައި ފުރަތަމަ ބުރުގައި އެއް ކެންޑިޑޭޓަކު ނެރެން އެއްބަސް ވުން އެހާ މުހިންމު ވާންޖެހޭނީ ފުރަތަމަ ބުރުގައި ނަޝީދު ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށް ހީވާނަމަ އެވެ. އެއީ ވާނެ ކަމެއް ނޫން ކަމަށް ބައެއް ޕާޓީތަކުން ގަބޫލު ކުރުމަކީވެސް އެއް ކެންޑިޑޭޓެއް ނެރެން ކުރާ މަސައްކަތެއްގެ ނަތީޖާ ނުނުކުތުން ކަމަށް ބެލެވިދާނެ އެވެ.

އެމްޑީޕީއާ ދެކޮޅު ހުރިހާ ފަރާތްތަކުން ވެސް މަޝްވަރާތަކުގައި ބައިވެރިވާން އެއްބަސްވެފަ އެވެ. އެގޮތުން ކެމްޕޭންގެ ދަތުރުރައް ރާއްޖެތެރެއަށް ފަށާފައިވާ ޑީއާރްޕީ ވަނީ މަޝްވަރާތަކުގައި ބައިވެރިވާން އެއްބަސް ވެފަ އެވެ.

ފުރަތަމަ ބުރުގައި އިއްތިހާދުން އެއް ކެންޑިޑޭޓެއް ނެރުމަށް ޑީއާރްޕީއާއެކު އެއްބަސްވުމަކަށް އާދެވިދާނެ ކަމާއިމެދު ސުވާލު އުފެދެ އެވެ. ލީޑަރު އަހްމަދު ތަސްމީނު އަލީގެ ދަތުރުތަކުގައި އިވިގެންދަނީ ވެރިކަމަށް އޭނާ ކުރިމަތި ލައްވާ އެ ޕާޓީން ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާނެ ވާހަކަ އެވެ. އިތުރު ޕާޓީއަކާއި ކޯލިޝަން ފުރަތަމަ ބުރުގައި ހެދުމަކީ ބޭނުން ކަމެއް ކަމަށް އެ ޕާޓީން ނުދެކެވެ.

ތަސްމީނު ވިދާޅުވާ ވާހަކަތަކުން ވެސް ރިޔާސީ އިންތިހާބުގެ ފުރުތަމަ ބުރުގައި އެއްވެސް ބަޔަކާއި ގުޅުމަކީ ބޭނުން ކަމެއް ކަމަށް ދެކިވަޑައިނުގަންނަވާ ކަން އެނގެ އެވެ. އެހެންވުމުން އެ ޕާޓީން މަޝްވަރާތަކުގައި ދޭނެ ޖަވާބަކީ ފުރަތަމަ ބުރުގައި ނުކުންނާނީ ވަކި ވަކީން ކަމަށެވެ.
ޑީއާރުޕީ ޕާލަމެންޓްރީ ގުރޫޕްގެ ނައިބު ލީޑަރު ޑރ. އަބްދުﷲ މައުސޫމުގެ އަމިއްލަފުޅު ވިސްނުން ހުރީވެސް ހަމަ އެގޮތަށެވެ. އެނާ ގަބޫލު ކުރައްވާ ގޮތުގައި ހަމަ އެންމެ އެއް ކެންޑިޑޭޓަކު ކަނޑައެޅުމަށް އެންމެ ސަޅި އިންތިހާބަކީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރެވެ. ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ތަސްމީނު އަލީ ވަކިން ކުރިމަތި ލެއްވުމަށް ފަސްޖެހެންވީ ސަބަބެއް ނެތެވެ. އަދި ދެވަނަ ބުރަކަށް ދާންޖެހޭނެ ކަމަށް މައުސޫމު ގަބޫލު ކުރައްވަ އެވެ.

މައުސޫމް ވިދާޅުވި ގޮތުގައި ވަކި ވަކި ޕާޓީތަކުން ރިޔާސީ އިންތިހާބަށް ކެމްޕޭނަށް ފަށާފައިވަނިކޮށް އެކަން ދޫކޮލާ އެއް ކެންޑިޑޭޓެއް އިއްތިހާދުން ނެރެން ބޭނުންވާ ނަމަ ޓެކްނިކަލް ބޮޑެތި ސުވާލުތަކެއް އުފެއްދިގެންދެ އެވެ. އަދި ރިޔާސީ އިންތިހާބަށް ކުރިމަތި ލުމަށް އޮތް ދުވަސްތަކުގެ ތެރޭގައި އެ ސުވާލުތަކަށް ޖަވާބު ލިބުމަކީ ދަތި ކަމެކެވެ.

"މިހާރުގެ ސަރުކާރާއި އިއްތިހާދުވެގެން އުޅޭ ޕާޓީތަކުގެ ހުރިހާ މެންބަރުންގެ އަދަދަށް ބަލާއިރު އެއް ލައްކަ ވަރަކަށް މެންބަރުން މި އުޅޭނީ. މި މެންބަރުންގެ މެދުގައި ވޯޓެއް ނަގައިފިއްޔާ ކާމިޔަބު ކުރުމުގެ ފުރުސަތު އެންމެ ބޮޑުވާނީ އެންމެ މެންބަރުން ގިނަ ޕާޓީގެ ކެންޑިޑޭޓު. އެއީ ފެއާ ގޮތެއްތޯ؟ އެއީ ސުވާލެއް! ގައުމީ [ރިޔާސީ] އިންތިހާބަށް ކުރިމަތިލާއިރު ޕާޓީތަކަށް ނިސްބަތްނުވާ މެންބަރުންގެ ބަހެއްނެތި ހަމަ އެކަނި އިއްތިހާދުގެ ވޯޓަކުން ރިޔާސީ އިންތިހާބަށް ކުރިމަތި ލެއްވުމަށް ބޭނުންވި ބޭފުޅުން ކުރި މަތި ނުލެއްވުން އެއީ އެންމެ ރަނގަޅުގޮތްތޯ ވެސް ސުވާލު އުފެދޭ،" މައުސޫމް ވިދާޅުވި އެވެ.

އިއްތިހާދުގެ މެދުގައި އިންތިހާބެއް ބާއްވާނީ ކިހިނެއްކަމާއި އެ ފަދަ އިންތިހާބަކަށް ހަރަދުކުރާނެ ގޮތާއިމެދު ޑީއާރްޕީގެ ބައެއް މެންބަރުން ސުވާލު އުފައްދަ އެވެ. އެ ސުވާލުތަކާއެކުވެސް އިއްތިހާދުން އެއް ކެންޑިޑޭޓަކު ނެރުމާއި މެދު ޕާޓީތަކުން ފަހެއްނުޖެހެ އެވެ. އެހެން ނަމަވެސް ވާދަވެރި ޕާޓީތަކުން މިހާރު އަދި ތިބީ ދުލެއް ދޭ ގޮތަކަށް ނޫނެވެ.

"އަޅުގަނޑުމެން ލީޑަރު، ތަސްމީނަށް އެހެން ޕާޓީތަކުން ތާއީދުކުރާ ނަމަ އަޅުގަނޑުމެން މައްސަލައެއް ނެތް. އެހެން ނޫން ގޮތަކަށް އެކަން ކުރުމަށް މަޝްވަރާ ކުރިއަސް އެކަން ވާނެ ކަމުގެ އުއްމީދެއް އަޅުގަނޑަކަށް ނެތް،" ޑީއާރްޕީގެ ލީޑާޝިޕްގައި މަސައްކަތް ކުރައްވާ އިސް ބޭފުޅަކު ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީންވެސް މި ދުވަސްކޮޅު އުޅެނީ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމަށް ތާއީދު ހޯދަން ރާއްޖެ ތެރެއަށް ދަތުރުތައް ފަށައިގެންނެވެ. އިއްތިހާދުން އެއް ކެންޑިޑޭޓަކު ނެރުމަށް މަޝްވަރާ ކުރެވޭ ވާހަކަތަކާއިއެކު ޖުމްހޫރީ ޕާޓީންދޭ ޖަވާބު ވަރަށް ސާފެވެ.

އެމްޑީޕީގެ ނައިބު ރައީސް ކަމުގައި ހުންނެވުމަށް ފަހު ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންނެވި އަލްހާނު ވިދާޅުވި ގޮތުގައި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ވަރަށް ސާފެވެ. އެހެން ކަމުން ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓު ނުނެރި ގުޅިފައިވާއިވާ އިއްތިހާދަކުން އެއް ކެންޑިޑޭޓަކު ނެރެންޖެހޭ ފަދަ ހާލަތެއް އަތުވެއްޖެނަމަ އެކަމަށް ކައުންސިލުން ވަކި ގޮތަކަށް ނިންމާނެ އެވެ.

" ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓާއިމެދު ސުވާލެއް ނުއުފެއްދޭނެ. އެއީ އަޅުގަނޑުމެން ޕާޓީގެ ކެންޑިޑޭޓު ގާސިމް އިބްރާހިމް. އެހެންވީމަ އެއީ އަޅުގަނޑުމެން އިތުރަށް ނެގޯޝިއޭޓް ކުރަންޖެހޭ ކަމެއް ކަމަކަށް އަޅުގަނޑު ނުދެކެން. އަދި މިހާތަނަށް ނިމިފައި އޮތްގޮތަކީ މިއީ. ދެން ކޮންމެހެން ގުޅިފައިވާ އިއްތިހާދަކުން އެއް ކެންޑިޑޭޓަކު ނެރެން ޖެހޭ ހާލަތެއް އޮތް ކަމަށް ޖުމްހޫރީ ޕާޓީއަށް ފެނިއްޖެ ހާލަތެއްގައި ކައުންސިލުން އެފަދަ ވިސްނުމަކަށް ދާނީ،" އަލްހާނު ވިދާޅުވި އެވެ.

މިހާރު ނިންމާފައިވާ ނިންމުން ދޫކޮށްލާ އެއް ކެންޑިޑޭޓަކު ނެރުމުގެ ވިސްނުމަށް ދާންޖެހޭނެ ކަމަށް އަލްހާނު އެ ވިދާޅުވާ ހާލަތެއް އަތުވެދާނެ ހެއްޔެ އެވެ؟ އެ ޕާޓީގެ ނައިބު ލީޑަރު އަބްދުﷲ ޖާބިރު ވިދާޅުވީ ގިނަ ބުރުތަކަކާއި ނުލާ ޖުމްހޫރީ ޕާޓީ ރިޔާސީ އިންތިހާބު ކާމިޔާބު ކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބަ އޮތްކަމަށެވެ.

" ފުރަތަމަ ބުރުން ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާ ކަމުގެ ޔަގީންކަން އެބަ އޮތް،" ޖާބިރު ވިދާޅުވި އެވެ.

އަދި 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން ޖުމްހޫރީ ޕާޓީއަށް ވޯޓް ލިބިފައިވާ ޕަސެންޓަށް ބަލާއިރު ޖުމްހޫރީ ޕާޓީއަށް ރިޔާސީ އިންތިހާބު ފުރަތަމަ ބުރުން ކާމިޔާބު ކުރެއްވިދާނެ ކަމަށް ޔަގީންކުރެވޭ ކަމަށް ވެސް ޖާބިރު ވިދާޅުވެ އެވެ.

" ކުރީ ފަހަރު ގާސިމަށް ލިބިވަޑައިގެންނެވީ މަހެއް ދޮޅު މަހެއްހާ ދުވަސް. އެ މުއްދަތުގެ ތެރޭގައި ވޯޓުލީ މީހުންގެ 17 ޕަސެންޓް ހޯއްދެވުނު ބޭފުޅަކަށް މިއަދު ލިބެމުންދާ ކުރިއެރުންތަކާއި މިއަދު މި ޕާޓީގެ އިސްސަފުގައި ތިބި ތަޖުރިބާހުރި މީހުނާއި އެކީގައި މަސައްކަތް ކުރުމުން 2013 ވަނަ އަހަރު މި ޕާޓީއަށް ވެރިކަން ނުލިބެންވީ ސަބަބެއް ނެތް،" ޖުމްހޫރީ ޕާޓީގެ ރައީސް ޑރ. އިބްރާހިމް ދީދީ ވިދާޅުވި އެވެ.

އެ ޕާޓީގެ ވިސްނުން މި ގޮތަށް ހުރިއިރު އިއްތިހާދުން އެއް ކެންޑިޑޭޓަކު ނެރުމާމެދު މަޝްވަރާ ކުރުމަށް ފޮނުވި ސިޓީއަށް ވެސް ޖުމްހޫރީ ޕާޓީން ފުރަތަމަ އުފެއްދީ ސުވާލެވެ. އެގޮތުން އަންނަ ރިޔާސީ އިންތިހާބުގައި މަދަނީ އިއްތިހާދުން އެއް ކެންޑިޑޭޓަކު ނެރުމުގެ މަޝްވަރާތައް ބޭއްވުމަށް އެދި އެ އިއްތިހާދުން ޖޫން 21 ގައި ޖުމްހޫރީ ޕާޓީ އަށް ފޮނުވި ސިޓީއަކާ ގުޅިގެން ޖުމްހޫރީ ޕާޓީން ވަނީ "އިއްތިހާދަކީ ކޮބައިކަން އޮޅުންފިލުވައި އަދި އެ އިއްތިހާދުގެ ބައިވެރިންނާ ބެހޭ ފުރިހަމަ މައުލޫމާތު" ފޮނުވައި ދިނުމަށް އެދޭ ކަމަށް ބުނެ ސިޓީއެއް ފޮނުވާފަ އެވެ. ނަމަވެސް އެ ސިޓީ ފަހުންވަނީ އަނބުރާ ގެންގޮސްފަ އެވެ. އެހެން ކަމުން ޖުމްހޫރީ ޕާޓީގެ ވާހަކަތަކުން ެސް އިއްތިހާދުން އެއް ކެންޑިޑޭޓަކު ނެރުމަށް ޖުމްހޫރީ ޕާޓީގެ އެއްގަލަކަށް އެރުމަކީވެސް ފަސޭހަކަމެއް ކަމަށް ނުބެލެވެ އެވެ.

ދެން އޮތީ ޕީޕީއެމް އެވެ. އެ ޕާޓީން އަދި ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކެންޑިޑޭޓަކު ނޭނގޭއިރު އެއް ކެންޑިޑޭޓަކު ނެރުމަށް ކުރާ މަސައްކަތުގައި އެ ޕާޓީން ޖެހޭނީ އެ ޕާޓީގެ ފަރާތުން ނިކުމެވަޑައިގަންނަވާނެ ކެންޑިޑޭޓަކު އިންތިހާބު ކުރާށެވެ. އަދި އެ ޕާޓީން ވެސް އިއްތިހާދުވެގެން އިންތިހާބާއި ކުރިމަތިލާން ބޭނުންވާ ވާހަކައެއް އަދި ދައްކަން ފަށާފަ އެއްނުވެ އެވެ.

މަދަނީ އިއްތިހާދުގެ ނައިބު ރައީސް އަބުދުﷲ މުހައްމަދު ވިދާޅުވީ މަދަނީ އިއްތިހާދުން އެއް ކެންޑިޑޭޓަކު ނެރުމާއިމެދު މިހާތަނަށް އެއްބަސްވެފައި ވަނީ ޑރ. މުހައްމަދު މުނައްވަރު އިސްކޮށް ހުންވައިގެން އުފައްދާ ފައިވާ މޯލްޑިވްސް ރީފޯމް މޫވެމެންޓް (އެމްއާރްއެމް) ކަމަށާއި އެޕާޓީން އެކަމަށް ފުރިހަމައަށް ތާއިދުކުރާނެ، ކަމަށް ބުނެފައިވާ ކަމަށެވެ. ނަމަވެސް އެއީ މިހާތަނަށް އެއްވެސް ރިޔާސީ އިންތިހާބުގައި ކުރިމަތިލާނެކަން އިއުލާންކޮށްފައިނުވާ ޕާޓީ އެވެ.

ދެން އެކަމަށް ތައީދުކުރަނީ އަދާލަތުންނެވެ. އެ ޕާޓީ އޮތީ މަދަނީ އިއްތިހާދުން އެއްބަސްވާ ގޮތެއް ބަލާށެވެ. ބޭނުންވަނީ އިއްތިހާދުވެގެން އެއް ކެންޑިޑޭޓަކު ނެރޭށެވެ. ނަމަވެސް އެ ޕާޓީންވެސް އަދި މި މަޝްވަރާތަކުގައި ރަސްމީކޮށް ބައިވެރިވެފައިނުވާއިރު އެ ޕާޓީންވެސް އަދި މިހާތަނަށް ރިޔާސީ ކެންޑިޑޭޓަކު ނެރޭނެ ކަމަށް ބުނެފަ އެއްނުވެ އެވެ.

ކަން އެހެން އޮތް ނަމަވެސް މަދަނީއިއްތިހާދުގެ މަސައްކަތްތަކުން އަލި މަގެއް ނުފެނި ހިނގައިދާނެ ކަމަށް އަބްދުﷲ ގަބޫލެއް ނުކުރައްވަ އެވެ. ސަބަބަބަކީ މަދަނީ އިއްތިހާދުން މިފަހަރު އޮތީ އެއްބަސްވެފައިވާ ޕާޓީތަކާއިއެކު ނިކުންނަ ގޮތަށެވެ.

"އިއްތިހާދުވާ ފަރާތްތަކާއެކު އެއް ކެންޑިޑޭޓަކު ނެރޭގޮތައް މި ނިންމަނީ،" އަބްދުﷲ ވިދާޅުވި އެވެ.

އޭރުވެސް ރިޔާސީ އިންތިހާބުގައި ފުރަތަމަ ބުރުގައި އިއްތިހާދުން އެއް ކެންޑިޑޭޓަކު ނެރުމަށް ކުރި މަޝްވަރާތަކުން އަލި މަގެއް ފެނުނު ކަމަށް ނުބެލެވޭނެ އެވެ. އަދި ދެވަނަ ބުރުގައި މަދަނީ އިއްތިހާދު އެއް ކެންޑިޑޭޓަށް ތާއީދުކުރުމަކީ ވެސް މި މަޝްވާރާތަކުން ނެރެވޭ ނާތީޖާއަކަށް ނުވާނެ އެވެ.

ހަމަ އެހެންމެ އިއްތިހާދުގައި ހިމެނޭ ޑީއާރުޕީއާއި ޕީޕީއެމް އާއި ޖުމްހޫރީ ޕާޓީ ބައިވެރިނުވެ ކެންޑިޑޭޓަކު ނެރުމަކީ މަދަނީ އިއްތިހާދުން ކެންޑިޑޭޓަކު ނެރުމަށް ކުރި މަސައްކަތް ފެނަށް ދިއުކަމަށް ބުނެވިދާނެ އެވެ. ފެންނަ ހުރި ކަންތައްތަކަށް ބަލާއިރު ބުރަވެވެނީ އެ މަޝްވަރާތަކުން ނަތީޖާއެއް ނުނިކުންނާނެ ކަމަށެވެ.