24 Dec 2024, 08:56
އަރުޖުން ކަޕޫރުގެ މަންމަ މަރުވުމަށްފަހު ހަޔާތަށް އައި ފަޅުކަން މިހާރު ފިލަމުން އަންނަ ކަމަށާއި އެކަމުގެ ސިއްރަކީ އަރުޖުންގެ އެއްބަނޑު އެއްބަފާ އަންހެން ކޮއްކޮގެ އިތުރުން އެއްބަފާ ދެ ބެއިންގެ ފަރާތުން ލިބޭ އެއްބާރުލުން ކަމަށް އެކްޓަރު ބުނެފިއެވެ.
މައިންބަފައިންގެ ވަކިވުމާ ގުޅިގެން ނަފުސާނީ ގޮތުން ވެސް ވަރަށް ބޮޑު އަސަރެއް ދިރިއުޅުމަށް ކުރި ކަމަށާއި އޭގެ ފަހުން މަންމަ މޯނާ ޝޯރީ ކެންސަރު ބަލީގައި ދުނިޔެ ދޫކުރުމާ ގުޅިގެން އަރުޖުން އާއި އެއްބަނޑު އެއްބަފާ އަންހެން ކޮއްކޮ އަންޝުލާގެ ދިރިއުޅުމަށް ވެސް ވަރަށް ބޮޑު ފަޅުކަމެއް އައި ކަމަށް އަރުޖުން ވަނީ ބުނެފައެވެ.
އެހެންނަމަވެސް ދެ މީހުންގެ ދިރިއުޅުމަށް އައި ފަޅުކަން ފިލުވައި ދިނުމުގެ އެންމެ މުހިންމު ދައުރެއް ކުޅެނީ އެއްބަފާ ދެ ކޮއްކޮ ކަމަށްވާ ޖާންވީ އާއި ޚުޝީ ކަމަށް އަރުޖުން ވަނީ ދާދިފަހުން ބައިވެރިވި ޕޮޑްކާސްޓް ޝޯއެއްގައި ބުނެފައެވެ.

އަރުޖުން ކަޕޫރު އެކްޓަރުގެ ބައްޕަ ބޮނީ ކަޕޫރު އަދި ތިން އަންހެން ކޮއްކޮއިންނާ އެކު--ފޮޓޯ/ބޮލީވުޑްހަންގާމާ
ޖާންވީ އާއި ޚުޝީގެ މަންމަ، ކުރީގެ ބަތަލާ ސްރީދޭވީގެ ކުއްލި މަރާ ގުޅިގެން އެ ދެބެއިންގެ ހަޔާތަށް ވެސް ވަރަށް ބޮޑު ފަޅު ކަމެއް އައިސް ބައްޕަ ބޮނީ ކަޕޫރުގެ ދިރިއުޅުން ވެސް ވަރަށް އެކަނިވެރިވި ކަމަށް އަރުޖުން ވަނީ ބުނެފައެވެ.
ކުރީގެ ބަތަލާ ސްރީދޭވީ މަރުވުމާ ގުޅިގެން އާއިލާގެ މެމްބަރުންގެ ތެރޭގައި އެކަކު އަނެކަކަށް އޮންނަ ގުޅުން އިހުނަށްވުރެ ބަދަހިވެ އެކަކު އަނެކަކަށް ދޭ އެއްބާރުލުން ވަރަށް ބޮޑަށް އިތުރުވި ކަމަށް އަރުޖުން ވަނީ މި ޕޮޑްކާސްޓް ޝޯގައި ބުނެފައެވެ.
ޖާންވީ އާއި ޚުޝީއާ އެކު މީގެކުރިން އެހާ ގުޅުމެއް ނެތް ނަމަވެސް އެ ދެބެއިންނާ ގުޅުން ބަދަހިކުރަން ފުރުސަތު ލިބުނީ ވަރަށް ނާޒުކު ދަނޑިވަޅެއްގައި ކަމަށާއި އެ ދެބެއިންނާ އެކު ހޭދަކުރާ ވަގުތަކީ އަމިއްލަ އިހުސާސްތައް އެއްވެސް ހުރަހެ ނެތި ބޭރުކޮށްލެވޭ ވަގުތު ކަމަށް ރާޖް ޝަމާނީގެ ޕޮޑް ކާސްޓުގައި 39 އަހަރުގެ އެކްޓަރު ވަނީ ބުނެފައެވެ.
ހާއްސަކޮށް ބަތަލާ ޖާންވީއަށް އަމިއްލަ ދިރިއުޅުމުގެ ވަރަށް ގިނަ ވާހަކަތައް ކިޔައިދޭ ކަމަށާއި އާއްމުކޮށް އަރުޖުން އަކީ އަމިއްލަ އިހުސާސްތައް އެހެން މީހުންނާ ހިއްސާކުރަން ވަރަށް ޖެހިލުންވާ މީހެއް ކަމަށް އެކްޓަރު ވަނީ ބުނެފައެވެ.
ނަމަވެސް ޖާންވީ އާއި ޚުޝީއާ ބައްދަލުވުމުން ވަރަށް ތަފާތު އިހުސާސެއް ކުރެވޭ ކަމަށާއި އެ ގުޅުން ބަޔާންކޮށްދޭން ދަތި ކަމަށް އަރުޖުން ވަނީ ބުނެފައެވެ.
މަންމަ ނެތް ކަމުގެ ފަޅުކަން މީގެކުރިން ވަރަށް ބޮޑަށް އިހުސާސް ކުރެވުނު ނަމަވެސް އަންހެން ކޮއްކޮއިންގެ ސަބަބުން އެ ފަޅުކަން ފިލާފައިވާތީ ތިން އަންހެން ކޮއްކޮއިންނަށް ޝުކުރު އަދާކުރާ ކަމަށް އަރުޖުން ވަނީ މި ޝޯގައި ބުނެފައެވެ.
ދާދިފަހުން މަލައިކާ އަރޯރާއާ އެކު އޮތް ދުވަސްވީ ލޯބީގެ ގުޅުން ނިމުމަކަށް އައިސް މިހާރު ހުސްކޮށް ހުރިކަން އަރުޖުން ވަނީ އިއުލާނުކޮށްފައެވެ.
މިކަން އެކްޓަރު އިއުލާނުކުރީ ދާދިފަހުން ގިނަ ބައެއްގެ ތައުރީފު އެކްޓަރަށް ލިބުނު ފިލްމު "ސިންގްހަމް އަގެއިން"ގެ ޕްރޮމޯޝަނަލް އިވެންޓެއްގައި މީޑިއާއާ ވާހަކަ ދައްކަމުންނެވެ.