09 Jul 2012, 22:53
ހަށިވިއްކަމުން ދިޔަ މަސާޖު ޕާލާއަކަށް ފުލުހުންވަދެ ފަސް މީހަކު ހައްޔަރުކޮށްފި އެވެ.
މިރޭ 11:30 އެހާކަން ހާއިރު ފުލުހުން ވަނީ ހ. ދުނބުގަސްހިޔާ ގެ ފަސްވަނަ ބުރީގައި "އައިސީ ބިއުޓީ ސެލޫން" ގެ ނަމު ހިންގަމުންދިޔަ މަސާޖު ޕާލާއަށެވެ. އެތަނަށް ވަދެ ފުލުހުން ހައްޔަރު ކުރީ ދިވެހި ތިން ފިރިހެނަކާއި ތައިލޭންޑުގެ ދެ އަންހެނެކެވެ.
ފުލުހުން ބުނީ ތައިލޭންޑްގެ ދެ އަންހެނުންނާއި ދިވެހި ދެ ފިރިހެނުން ހައްޔަރު ކުރީ ބަދުއަޚުލާގީ އަމަލު ހިންގަމުން ދަނިކޮށް ކަމަށެވެ. ހައްޔަރު ކުރި އަނެއް ދިވެހި ފިރިހެން މީހާއަކީ އެތާނގެ ކައުންޓަރުގައި އިން މީހެއް ކަމަށާއި އޭނާ ހައްޔަރު ކުރީ އެތަނަކީ ނަން ބޯޑެއް ވެސް ނުޖަހައި ގަވާއިދާއި ޚިލާފަށް ހިންގަމުން އައި ތަނަކަށް ވާތީ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެތާނގެ ތެރެއިން ކޮންޑަމާއި ފައިސާތަކެއް ވެސް ފެނިފައިވާ ކަމަށެވެ. ނަމަވެސް ފެނުނީ ކިހާ އަދަދެއްގެ ފައިސާތަކެއް ކަމެއް ފުލުހުން ނުބުނެއެވެ.
ސަން އޮންލައިންގެ ނޫސްވެރިން އެތާނގެ ތެރެއަށް ވަންއިރު އެތަނުގެ ދޮރުފަތް ހުރީ ހަލާކުކޮށްލާފަ އެވެ. އެވަގުތު އެތާގައި ހުރި މީހަކު ބުނީ އެތަނަކީ ޚިދުމަތް ދެމުން އަންނަ ތަނެއް ނޫން ކަމަށާއި އެތަނަކީ ސެލޫނެއްގެ ގޮތުގައި ހިންގަން ހަދަމުން އަންނަ ތަނެއް ކަމަށެވެ. އެމީހާ ބުނީ ދޮރުފަތް ހަލާކުކޮށްލައިގެން އެތަނަށް ވަނީ އެތާގެ ތެރޭގައި ބަދުއަޚުލާގީ އަމަލު ހިންގާކަން ޔަގީން ވާތީ ކަމަށް ފުލުހުން ބުނެފައިވާ ކަމަށެވެ.
ރައީސް ނަޝީދުގެ ވެރިކަން ބަދަލުވުމަށްފަހު މިހާތަނަށް ފުލުހުން ވަނީ 13 މަސާޖު ޕާލާއެއް ބަންދުކޮށްފަ އެވެ. އަދި އެތަންތަނުން ހައްޔަރު ކުރި ބައެއް ބިދޭސީން ވަނީ ޑީޕޯޓް ވެސް ކޮށްފަ އެވެ.
މިހާ ގިނަ މަސާޖްޕާލާތައް ބަންދުކުރި އިރު އެތަންތަނުން ހައްޔަރުކުރި އެއްވެސް މީހެއްގެ މައްޗަށް ދައުވާ ކުރުމަށް މިހާތަނަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައެއް ނުވެއެވެ.
އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެފައި ވަނީ މަސާޖް ޕާލާތަކުގެ ނަމުގައި ރާއްޖޭގައި ހިންގަމުން ގެންދާތަންތަނާއި ބެހޭ ގޮތުން ވަރަށް ގިނަ ޝަކުވާތަކެއް ރައްޔިތުން މިހާތަނަށް ވެސް ހުށަހަޅާފައިވާ ކަމަށާއި އެތަންތަން ބަންދުކުރުމުގެ މަސައްކަތް ހެލްތް މިނިސްޓްރީއާ މޯލްޑިވްސް ޕޮލިސް ސާވިސްއާ ގުޅިގެން ކުރިޔަށް ގެންދާނެ ކަމަށެވެ. އޭނާ ވިދާޅުވެފައިވާ ގޮތުގައި މަސާޖް ކޮށްދޭ ތަންތަނުގެ ނަމުގައި އެކިއެކި ނަންނަން ކިޔައިގެން ރާއްޖޭގައި ހަށިވިއްކާތަންތަން ހުޅުވައިގެން ހިންގަމުންގެންދާ ކަމުގެ ޝަކުވާ ރައްޔިތުން އަބަދުވެސް ކުރާ ކަމަށާއި އެތަންތަނާ މެދު އެ މިނިސްޓްރީން ގެންގުޅޭނީ ވަރަށް ހަރުކަށި ވިސްނުމެއް ކަމަށެވެ.