23 Dec 2024, 14:43
މިދިޔަ ހޮނިހިރު ދުވަހު އައިޖީއެމްއެޗްގެ ޑިއުޓީގައި ތިބި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ފުލުހުންގެ ވާޖިބަށް ހުރަސް އެޅި މައްސަލައެއްގައި ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.
އެ މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 48 އަހަރުގެ މުހައްމަދު ރަޒީނު، މ. ސްޓާ، މާލެއެވެ.
ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ އެ ހާދިސާ ހިނގާފައި ވަނީ މިދިޔަ ހޮނިހިރު ދުވަހުގެ 16:00 ހާއިރު ކަމަށެވެ.

އައިޖީއެމްއެޗް ހޮސްޕިޓަލުގެ ބޭރުގައި ފުލުހަކު ޑިއުޓީ ބަލަހައްޓަނީ -- ސަން ފޮޓޯ
އެވަގުތު އައިޖީއެމްއެޗް ޑިއުޓީގައި ތިބި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ އޭނާ ފުލުހުންގެ ވާޖިބަށް ހުރަސް އެޅި މައްސަލައެއް ތަހުގީގުކުރަމުންދާ ކަމަށް އެ މެސެޖުގައިވެއެވެ.
އެ މައްސަލައިގައި ހައްޔަރުކުރި މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މީގެ ކުރިން ވެސް ފުލުހުންގެ ވާޖިބަށް ހުރަސް އަޅައި ނުކިޔަމަންތެރިވާ މީހުން ހައްޔަރުކޮށް، ފިޔަވަޅު އަޅާފައިވެއެވެ. އެގޮތުން ފުލުހުންނަށް ހަމަލާދީ، ފުލުހުންނާ ގުޅުން ހުރި ތަކެއްޗަށް ގެއްލުން ދީފައިވާ މައްސަލަތަކެއް ވެސް މީގެ ކުރިން ފެންމަތިވެފަވެއެވެ.