ދިވެހިރާއްޖޭގައި ހުންނަ ރަޝިއަން ފެޑެރޭޝަނަށް ފުރަތަމަ ފަހަރަށް ކޮންސުލް ޖެނެރަލެއް އައްޔަނުކުރައްވައިފިއެވެ.

އެ މަގާމަށް އައްޔަނުކުރައްވާފައި ވަނީ އަލެކްސީ އެމް އިޑަމްކިންއެވެ.

ފޮރިން މިނިސްޓްރީގައި މިއަދު، ބޭއްވި ރަސްމިއްޔާތެއްގައި އަލެކްސީ އެމް އިޑަމްކިން ވަނީ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލާ ބައްދަލުކުރައްވާފައެވެ. އަދި އޭނާ ވަނީ މަގާމުގެ ލިޔުން މިނިސްޓަރު ޚަލީލާ ހަވާލުކޮށްދެއްވާފައެވެ.

އެ މަގާމަށް އެބޭފުޅާ އައްޔަނުކުރެއްވުމާ ގުޅިގެން މިނިސްޓަރު ޚަލީލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ މަރުޙަބާ ވިދާޅުވެފައެވެ.

އަދި އެއީ ރަޝިއަން ފެޑެރޭޝަނުން ރާއްޖެއަށް ކަނޑައެޅުއްވި ފުރަތަމަ ކޮންސުލް ޖެނެރަލް ކަމަށްވުމުން އެއީ ތާރީޚީ މަގާމެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ޚަލީލް ވިދާޅުވީ ރަޝިޔާއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ދެވަނައަށް އެންމެ ބޮޑު މާކެޓް ކަމަށެވެ. އެހެންކަމުން އިގްތިސޯދީ ގުޅުންތައް ބަދަހިކުރުމަށާއި، ދެ ގައުމުގެ ގުޅުން ބަދަހިކުރުމުގައި ކޮންސުލް ޖެނެރަލްގެ ދައުރު ވަރަށް މުހިންމު ކަމަށް ވިދާޅުވިއެވެ.

އިއްޔެގެ ނިޔަލަށް ރަޝިޔާއިން ވަނީ މިއަހަރު ރާއްޖެއަށް 216،092 ފަތުރުވެރިން އައިސްފައެވެ.