09 Jul 2012, 21:38
ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދާ ކަމަށް ތުހުމަތު ކުރެވޭ ހަ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން މިރޭ ބުނީ އެ މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ 29 އަހަރާއި 24 އަހަރާއި 23 އަހަރާއި 40 އަހަރާއި 39 އަހަރުގެ އިތުރުން 20 އަހަރުގެ ފިރިހެނެއް ކަމަށެވެ.
ފުލުހުން ބުނީ ޕޮލިސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ޑިޕާރޓްމަންޓް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އެ ހަ މީހުންގެ ތެރެއިން 29 އަހަރާއި 24 އަހަރުގެ މީހާ ހައްޔަރުކޮށްފައި ވަނީ މިއަދު 1:45 އެހާކަންހާ އިރު ހ. ރަންފަރުގޭ ކުރިމަތިން ކަމަށެވެ. އަދި އެ ދެ މީހުންގެ ތެރެއިން 29 އަހަރުގެ މީހާ އަތުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ބުލެޓް ސައިޒުގެ 20 ރަބަރު ޕެކެޓް ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ މައްސަލައާ ގުޅުން ހުރި ކަމަށް ތުހުމަތު ކުރެވޭ އިތުރު ބަޔަކު އެވަގުތު އެ ސަރަހައްދުން ފެނުމުން އެމީހުންގެ އަމަލުތަކަށް ފުލުހުން ފާރަލަމުން ގޮސް ލިބުނު މައުލޫމާތަކާ ގުޅިގެން އުމުރުން 23 އަހަރުގެ ފިރިހެނަކު ހުޅުމާލޭ ފެރީ ޓާމިނަލް ސަރަހައްދުން ހައްޔަރު ކުރި ކަމަށެވެ. އަދި އޭނާ ހައްޔަރުކޮށް އޭނާ ދިރިއުޅޭ ގެ ބަލައި ފާސްކުރި އިރު އޭނާ ދިރިއުޅެމުންދާ ކޮޓަރި ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ބުލެޓް ސައިޒުގެ 45 ރަބަރު ޕެކެޓް ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ 40 އަހަރާއި 39 އަހަރާއި 20 އަހަރުގެ މީހުން ހައްޔަރު ކުރީ މާލޭ ގެސްޓްހައުސް އެއްގެ ތެރޭގައި ތިއްބައި ކަމަށާއި އެ ތިން މީހުން ތިބި ކޮޓަރި އާއި ހަށިގަނޑު ބަލައި ފާސްކުރި އިރު 40 އަހަރުގެ މީހާ އަތުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ހަތަރު ރަބަރު ޕެކެޓް ފެނިފައިވާ ކަމަށެވެ. އަދި 39 އަހަރުގެ މީހާ އަތުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ބުލެޓް ސައިޒުގެ ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ މައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.