ތިލަފުއްޓާއި ގުޅީފަޅަކީ މާލޭގެ ބަޔެއްގެ ގޮޮތުގައި ކުރީގެ ރައީސް މުހަންމަދު ނަޝީދުގެ ސަރުކާރުން ހަމަޖައްސާފައި އޮތް އޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު ވަހީދު ހަސަން މަނިކު މިއަދު ބާތިލުކުރައްވައިފި އެވެ.

ތިލަފުއްޓާއި ގުޅީފަޅު މާލޭގެ ބަޔެއްގެ ގޮތުގައި ހަމަޖެއްސީ އޮކްޓޯބަރު 14، 2010ގައި އޭރުގެ ރައީސް މުހަންމަދު ނަޝީދުގެ ގަރާރަކުންނެވެ.

އެ ގަރާރު އިސްލާހުކޮށް ސަރުކާރުން މިއަދު ވަނީ ގެޒެޓުގައި ޝާއިއުކޮށްފަ އެވެ. އެ ގަރާރުގައިވަނީ ގާނޫނުއަސާސީގެ 71 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ޖަދުވަލު 2 އާއި، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރްކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ހަތަރު ވަނަ މާއްދާގައި ދިވެހިރާއްޖޭގެ ވެރިރަށް މާލޭގައި ހިމެނެނީ، މާލެ އާއި ވިލިނގިއްޔާއި ހުޅުމާލެ އެކަނިކަމަށް ބަޔާން ކޮށްފައިވާ ކަމަށެވެ. އެހެންކަމުން ގާނޫނު އަސާސީ އާއި ގާނޫނުތަކާއި އެއްގޮތްވާ ގޮތުގެ މަތިން މާލޭގެ ދާއިރާ އަކީ މާލެ އާއި ވިލިނގިއްޔާއި ހުޅުމާލެ އެކަނިކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އެކަށައަޅުއްވާފައި ކަމަށް ގަރާރުގައިވެ އެވެ.